Roadha Mihaaru
ފަހަތުން އަރައި މޮޅުވެ ރެއާލަށް މުހިއްމު ތިން ޕޮއިންޓް

ފަހު ހާފަށް ގެނައި ބަދަލުތަކާ އެކު ފަހަތުން އަރައި މޮޅުވެ ރެއާލަށް މުހިއްމު ތިން ޕޮއިންޓް

22 ޖެނުއަރީ 2024

މެޑްރިޑް (ޖެނުއަރީ 22) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން، ފުލުގައި އޮތް އަލްމޭރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި 3-2 އިން މޮޅުވެއްޖެ އެވެ.

މެޑްރިޑް (ޖެނުއަރީ 22) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން، ފުލުގައި އޮތް އަލްމޭރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި 3-2 އިން މޮޅުވެއްޖެ އެވެ.

މެޗު ފެށިގެން 40 ވަނަ ސިކުންތުގައި އަލްމޭރިއާ އިން ލީޑު ނެގީ ލާޖީ ރަމަޒާނީ ޖަހައިދިން ގޯލުންނެވެ. އަދި ހާފު ނިމެނިކޮށް އެޑްގާ ގޮންޒާލެޒް ވަޏީ އެޓީމަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މި ދެ ގޯލަކީ ވެސް ޑިފެންޑަރު ނާޗޯ ފެނާންޑޭޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އިދިކޮޅުން ޖެހި ދެ ގޯލެވެ.

ރެއާލުން ތަފާތު ދެއްކީ ދެވަނަ ހާފުގަ އެވެ. ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ދެވަނަ ހާފު ފެށުމުގެ ކުރިން ތިން ބަދަލު ގެނެސްފަ އެވެ. ނާޗޯ އާއި ފާލަންޑް މެންޑީ އަދި ރޮޑްރީގޯގެ ބަދަލުގައި އަންޗެލޮޓީ ނެރުނީ ބްރަހީމް ޑިއާޒް އާއި ފްރޭން ގާސިއާ އަދި ހޮސޭލޫ އެވެ.

ނަތީޖާއެއްގެ ގޮތުން މި ހާފުގެ 10 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ފަރަގު ކުޑަ ކޮށްދިނީ ޖޫޑް ބެލިންގްހަމް އެވެ. މިއީ ހޮސޭލޫ ބޮލުން ފޮނުވާލި ހަމަލާއެއް އިދިކޮޅު ކުޅުންތެރިއެއްގެ އަތުގައި ޖެހުނު ކަމަށް ބަލައި ވީއޭއާރުގެ އެހީގައި ހޯދި ޕެނަލްޓީއެކެވެ. އޭގެ އިރުކޮޅެއް ފަހުން އަލްމޭރިއާ އިން ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ވީއޭއާރުން ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.

ރެއާލުން ނަތީޖާ އެއްވަރުކުރީ 67 ވަނަ މިނިޓުގައި ވިނީޝީއަސް ޖޫނިއާ ޖަހައިދިން ގޯލުންނެވެ. މި ގޯލު ސައްހަ ކަމަށް ނިންމީ ވީއޭއާރުންނެވެ. ރެއާލް މޮޅުވި ލަނޑު އިތުރު ވަގުތުގެ ނުވަވަނަ މިނިޓުގައި ޖަހައިދިނީ ޑެނީ ކާވަހާލް އެވެ.

މިހާތަނަށް ކުޅލުނު 20 މެޗުން 51 ޕޮއިންޓް ހޯދައިގެން ރެއާލް އޮތީ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ ރޭ 5-1 އިން ސެވިއްޔާ ބަލިކުރި ޖިރޯނާ އެވެ.

ތިންވަނައިގައި އޮތީ ރަށުން ބޭރުގައި ރޭ 4-2 އިން ރެއާލް ބެޓިސް ބަލިކުރި ބާސެލޯނާ އެވެ. ބާސާ ވަނީ 20 މެޗުން 44 ޕޮއިންޓް ހޯދައިފަ އެވެ.

މި މެޗުގައި ފެރާން ޓޮރޭޒް ވަނީ ބާސާ އަށް ހެޓްރިކް ހަދައިދީފަ އެވެ. އަނެއް ގޯލު ޖެހީ ޔާއޯ ފީލިކްސް އެވެ. ދެވަނަ ހާފުގައި ބެޓިސްގެ ދެ ގޯލު ވެސް ޖަހައިދިނީ އިސްކޯ އެވެ.