Roadha Mihaaru
ބަލި މީހުން އުފުލާ އުސޫލު މޯލްޑިވިއަންއިން ބަދަލުކޮށްފި

ޝެޑިއުލް ފްލައިޓަށްވުރެ ބަލި މީހުން އުފުލާ ދަތުރަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފި

20 ޖެނުއަރީ 2024

ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފި އެވެ.

އުސޫލަށް ބަދަލު ގެނައީ ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެނިކޮށް އުމުރުން 13 އަހަރުގެ ކުއްޖަކު ނިޔާވީ، މާލެ ގެނައުން ލަސްވެ، އިތުރު ފަރުވާ ވެސް ލަސްވުމުން ކަމަށް އެ ކުއްޖާގެ އާއިލާ އިން ކުރާ ތުހުމަތުތަކާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން "މިހާރު"އަށް ވިދާޅުވީ ފާއިތުވީ 10 ވަރަކަށް އަހަރު އަމަލު ކުރަމުން އައި އުސޫލުގައި ބަލި މީހާ އުފުލުމަށް ވަރަށް ގިނަ ވަގުތު ނަގާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިޖަމެންސީގައި މީހުން އުފުލެނީ ހޮސްޕިޓަލުން ފުރަތަމަ މޯލްޑިވިއަންއަށް ޑިކްލެއާކޮށް، އާސަންދަ އެޕްރޫވްކޮށް އެކަން އާސަންދައިން މޯލްޑިވިއަންއަށް އެންގުމުން ކަމަށެވެ. އަދި ބަލި މީހާ ގެންނަނީ މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓުތަކުން ހުސްވަގުތު ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުން ފެށިގެން އަމަލު ކުރަން ފަށާ އާ އުސޫލުގައި ހޮސްޕިޓަލަކުން މޯލްޑިވިއަނަށް އިމަޖެންސީ ހާލަތެއް އަންގާ ހިސާބުން އާސަންދައިގެ އެޕްރޫވަލްއަށް މަޑުނުކޮށް، ބަލި މީހާ ގެންދަން އިސްކަންދޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން ބަލި މީހާ އުފުލާނެ. ވަގުތުން ވަގުތަށް މިއަދުން ފެށިގެން ދެން އެ ކަންތައް ހިނގަމުން ދާނެ. އެހެންވީމާ އެ އަންނަ ލަސްވުމެއް ދެން ނޯންނާނެ. މިއީ ސީދާ ރައީސްގެ އިސްނެންގެވުމަކަށް ރައްޔިތުންނަށް ހިދުމަތް މިހާރުން ފެށިގެން ދިނުމަށް ގެނައި ބަދަލެއް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައީސް ވެރިކަމަށް ވަޑައިގެންނެގުމުގެ ކުރިން ވައުދުވެވަޑައިގެންފައިވާ ގޮތަށް އެއާ އެންބިއުލާންސްގެ ހިދުމަތް ދިނުން ކަމަށާއި އެ ހިދުމަތް އަންނަ މާޗު މަހު ފެށޭނެ ކަމަށެވެ.

"އެމަޖެންސީ ހާލަތަށް ހާއްސަ 24 ގަޑިއިރު ތައްޔާރީ ހާލަތުގައި ސިއްހީ ހިދުމަތްތެރިންނާއި މަތިންދާބޯޓާއި ކުރޫންނާ އޮންނަ ގޮތް ފެށިގެން ދާނެ 1 މާޗުން ފެށިގެން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނައީ ޖެހިގެން އައި ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ފުރުވާ ނުލެވި ލަސްވީ، އާސަންދައިގެ އެހީގައި ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުންނެވެ. ވިލިނގިލި ހޮސްޕިޓަލުން ކުރަންޖެހޭ ކަންކަން ނިންމިޔަސް މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ކޫއްޑު އަށް ދިއުން ލަސްވެ، އިތުރު ފަރުވާއަށް ކުއްޖާ ފޮނުވާލުން ލަސްވީ ކަމަށް އެނގިފައިވެ އެވެ.

އެކަމަކު، އެ ކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އަދި ވާހަކައެއް ނުދައްކަ އެވެ.