Roadha Mihaaru
އާއިލާ ކައިރިއަށް ދިއުމަށް ޕޮޕިއުލޭޝަން ސެންޓަރުތަކެއް

ރިސޯޓު މުވައްޒަފުން އާއިލާ ކައިރިއަށް ދެވޭ ގޮތް ހެދުމަށް ތިން ސަރަހައްދެއްގައި ސެންޓަރުތަކެއް އަޅަނީ

18 ޖެނުއަރީ 2024

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާ ކައިރިއަށް ފަސޭހައިން ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ސެންޓަރުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާ ކައިރިއަށް ފަސޭހައިން ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ސެންޓަރުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރިސޯޓު މުވައްޒަފުންނަށް މިހާރަށް ވުރެ ގިނައިން އާއިލާ ކައިރިއަށް ދެވޭނެ ގޮތެއް ހޯދައިދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭރު ރައީސް ވިދާޅުވެފައި ވަނީ ރިސޯޓު މުވައްޒަފުންނަށް އޮފް ދުވަސްތައް އެއްކޮށްލައިގެން ޗުއްޓީއެއް ލިބޭނެ ގޮތް ހެދުމަށް ގާނޫނަށް ބަދަލުތައް ވެސް ގެންނަވާނެ ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުން އިތުރު ކުރުމަށް މިއަދު ފެށި "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ ސެންޓްރަލް އޭރިއާ ތަކެއް، ޑީސެންޓްރަލައިޒް ކުރުން ނުވަތަ ޕޮޕިއުލަރިޓީ ސެންޓަރުތަކެއް ގާއިމް ކުރުން ހިމެނޭ ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު، އަހުމަދު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު، އަހުމަދު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޕްލޭނިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނުގައި ޕޮޕިއުލޭޝަން ސެންޓަރުތައް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ޕްލޭނިން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އުތުރުގައި މެދުރާއްޖެތެރޭގައި، ދެކުނުގައި، މި ގާއިމް ކުރާ ޕޮޕިއުލޭޝަން ސެންޓަރުތަކުގެ ތެރެއިން އެ ހިސާބުގަނޑަށް ނިސްބަތްވާ ރިސޯޓުތަކާ އެއްކޮށް އެންމެ ކަނެކްޓިވިޓީ ރަނގަޅީ ކިހިނެތްތޯ ބެލުން. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްްސަ އެކޮމޮޑޭޝަން ތަކެއް ގާއިމް ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

"ފަހި ފަތުރުވެރިކަމަށް އަންހެނުން" ނަމުގައި ފެށި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"ފަހި ފަތުރުވެރިކަމަށް އަންހެނުން" ނަމުގައި ފެށި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޓޫރިޒަމް ދައިރާގައި މަސައްކަތް ކުރުމަށް އަންހެނުންނަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ އާއިލާއެއް ފެށުމަށް ފަހު، ރަށުން ބޭރުގައި މަސައްކަތްކުރުން ދަތިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ރައީސް ވިސްނެވީ ވަކި ސަރަހައްދުތަކެއްގައި އެކޮމޮޑޭޝަންތަކެއް ހަދައި، ލުއި ގޮތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ބޭފުޅުންނަށް އެ އެކޮމޮޑޭޝަން ސެންޓަރުތަކުން ހިދުމަތް ފޯރުކޮށްދިނުން. އަދި އެއާ އެކުގައި ޓްރާންސްޕޯޓް ނެޓްވޯކެއް އައިސް ފަސޭހަކަމާ އެކުގައި އެ ސިސްޓަމް ގާއިމްވެފައި އިނުން،" ސައީދު ވިދާޅުވި އެވެ.

އެކަން ކާމިޔާބު ވުމުން އަންހެނުން ވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމަށް ނުކުންނަ ވަރު އިތުރުވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.