Roadha Mihaaru
އީރާންގެ ހަމަލާއަށް ފަހު ޕާކިސްތާނުން ވެސް ހަމަލާދީފި

އީރާނުން ޕާކިސްތާން ތެރޭ ހަމަލާ ދިނުމުން ޕާކިސްތާނުން ވެސް ހަމަލާ ދީފި

18 ޖެނުއަރީ 2024

ހަނގުރާމަވެރި ގްރޫޕްތަކަށް އަމާޒުކޮށް އީރާނުން ދިން ކަމަށް ބުނާ ހަމަލާތަކެއްގައި ޕާކިސްތާނުގެ އިމުގެ ތެރެއިން ދެ ކުއްޖަކު މަރުވި ހާދިސާއަށް ފަހު ރޭގެ ވަގުތެއްގައި ޕާކިސްތާނުން ވެސް އީރާންގެ ސަރަހައްދަށް ވަދެ ހަމަލާ ދީފި އެވެ.

ހަނގުރާމަވެރި ގްރޫޕްތަކަށް އަމާޒުކޮށް އީރާނުން ދިން ކަމަށް ބުނާ ހަމަލާތަކެއްގައި ޕާކިސްތާނުގެ އިމުގެ ތެރެއިން ދެ ކުއްޖަކު މަރުވި ހާދިސާއަށް ފަހު ރޭގެ ވަގުތެއްގައި ޕާކިސްތާނުން ވެސް އީރާންގެ ސަރަހައްދަށް ވަދެ ހަމަލާ ދީފި އެވެ.

މިކަން ޕާކިސްތާނުގެ އިންޓެލިޖެންސް އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

"އަޅުގަނޑަށް އަދި ޔަގީންކޮށްދެވޭނީ ޕާކިސްތާނާ ދެކޮޅު ހަނގުރާމަވެރި ގްރޫޕްތަކަށް އަމާޒުކޮށް އީރާންގެ ސަރަހައްދަށް ޕާކިސްތާނުން ހަމަލާތަކެއް ދިންކަން އެކަނި،" އޭނާ ވިދާޅުވި އެވެ.

އިންޓެލިޖެންސް އޮފިޝަލް އޭއެފްޕީއަށް ވާހަކަ ދެއްކެވި ފަހުން ޕާކިސްތާނު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ ދިނީ ހަނގުރާމަވެރިން ފިލައިގެން އުޅޭ ތަންތަނަށް ކަމަށާއި މިއީ ކަށަވަރު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ދިން ހަމަލާތަކެއް ކަމަށެވެ.

"ޕާކިސްތާނުން އީރާންގެ ސަރަހައްދީ އިސްތިގުލާލަށް ފުރިހަމައަށް އިހްތިރާމްކުރަން،" ޕާކިސްތާނުގެ ބަޔާނުގައި ބުންޏެވެ. "މިއަދުގެ ހަމަލާގެ ހަމައެކަނި މަގްސަދަކީ ޕާކިސްތާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ގައުމީ މަސްލަހަތު އިސްކުރުން. މިކަމުގައި އެހެން ގޮތެއް އިހްތިޔާރު ކުރެވޭކަށް ނޯންނާނެ."

އީރާނުން ވަނީ މި ހަމަލާތަކުގައި އެ ގައުމުން ތިން އަންހެނުންނާއި ހަތަރު ކުޑަކުދިން މަރުވެފައިވާ ކަމަށް ބުނެފަ އެވެ.

އަންގާރަ ދުވަހުގެ ރޭ ޕާކިސްތާނު ސަރަހައްދަށް އިރާނުން ދިން ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެ ޕާކިސްތާނުން ވަނީ އީރާންގައި ހުންނަވާ އެ ގައުމުގެ ސަފީރު އިއްޔެ އަނބުރާ ގެނެސްފަ އެވެ.

އީރާނުން ބުނެފައިވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޕާކިސްތާނު ސަރަހައްދަށް ހަމަލާދިނީ "ޖައިޝް އަލް އަދުލް" ގްރޫޕްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށާއި މިއީ އީރާންގެ ސަލާމަތަށް ނުރައްކާކުރާ މީހުންނާ ދެކޮޅަށް އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށެވެ.

އީރާން އަންގާރަ ދުވަހުގެ ރޭ އިރާގާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް ވެސް ހަމަލާދީފައިވެ އެވެ. އެއީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކާ އީރާނަށް ބޮޑުވަމުން ދާތީ ކަމަށް އީރާނުން ބުނެ އެވެ.

ޕާކިސްތާނުން ބުނީ އީރާނުން އެ ގައުމަށް ދިން ހަމަލާ އަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް، ބަލައިގަނެވެން ނެތް އަމަލެއް ކަމަށެވެ. --އޭއެފްޕީ