Roadha Mihaaru
ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުން ނަގަނީ

ފަޅުން ބައެއް ހިއްކައި، ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުން ނަގަނީ

17 ޖެނުއަރީ 2024

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް އެ ތަނުން ނަގައި ފަޅު ހިއްކައިގެން ހަދާ ޕްލެޓްފޯމަކަށް ބަދަލުކުރަން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް އެ ތަނުން ނަގައި ފަޅު ހިއްކައިގެން ހަދާ ޕްލެޓްފޯމަކަށް ބަދަލުކުރަން ނިންމައިފި އެވެ.

ސްޓެލްކޯ އިން މިއަދު ވަނީ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ފަހުމީ ވިދާޅުވީ ޕަންޕް ސްޓޭޝަން ނެގުމުގެ މަސައްކަތަކަށް 7.1 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި ރާވާފައިވަނީ 60 ދުވަސް ތެރޭގައި މި މަސައްކަތް ނިންމަން ކަމަށެވެ. ނަމަވެސް، މިހާތަނަށް މި މަސައްކަތުގެ އީއައިއޭއަށް އެޕްރޫވަލްއެއް ނުލިބެ އެވެ.

މަސައްކަތުގެ ޑިޒައިން ވެސް އަދި ފައިނަލް ނުކުރާތީ ފަޅުން ހިއްކަން ޖެހެނީ ކިހާ ހިސާބެއް ކަމެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.

އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ވެސް އެބަހުރި ކަމަށާއި އެންމެ ފުރަތަމަ މަސައްކަތާ ގުޅޭ ސާވޭ ހަދަން ޖެހޭ ކަމަށެވެ. އެ ސާވޭ އަށް ފަހު ޝީޓްޕައިލްކޮށް ޕްލެޓްފޯމެއް ހަދާނެ ކަމަށާއި އެއަށް ފަހު ސްޓްރަކްޗާ ހަދައި މެޝިނަރީތައް ބަދަލު ކުރަން ފަށާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

އޭގެފަހުން މިހާރު ހުރި ޕަންޕް ސްޓޭޝަން ނަގައި، އެ ތަނުގެ ޕޭވްމަންޓް ހަދައި، މަގު ރަނގަޅަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަށް ފަހު ރައްޔިތުންނަށް މަގު ބޭނުން ކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ވާނެ،" ޒިޔާދު ވިދާޅުވި އެވެ.

ފަޅުން ބައެއް ހިއްކައި، ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުން ނެގުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ / މިހާރު

ފަޅުން ބައެއް ހިއްކައި، ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުން ނެގުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ / މިހާރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ފަރާތުން ރައްޔިތުންނަށް ދިމާވާ އެއްވެސް ތަކުލީފެއް އޮތް ނަމަ، އެކަމެއް ވީއެންމެ އަވަހަކަށް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

މާލެއަށް ބޭނުންވާ ތެޔޮ ޕަންޕުކުރާ ޕަންޕް ސްޓޭޝަން ބޮޑުތަކުރާފާނު މަގުން ނެގުމުގެ މަސައްކަތަކީ ވެސް އޭގެ ތެރެއިން އެއް މަސައްކަތްކަން ފަހުމީ ފާހަގަކުރެއްވި އެވެ. މީގެކުރިން ސްޓެލްކޯ އިން ވަނީ މާވެޔޮ މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރު ނަގައި، މަގު އެއްކޮށް ހުޅުވާލައިފަ އެވެ.

އަދި ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ މަގުގައި ހުންނަ އެ ކުންފުނީގެ ޕަވާ ހައުސް އެ ތަނުން ނަގައި، އެ މަގު އާއްމުންނަށް އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.