Roadha Mihaaru
ތެރަޕިއުޓިކް ކޯސް ހަދާ މީހުންނަށް ކުންފުނިތަކުގެ އެހީ

ތެރަޕިއުޓިކް ކޯސް ހަދާ މީހުންނަށް ކުންފުނިތަކުގެ އެހީ

22 އެޕްރީލް 2021

އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ކުންފުނިތައް ހިމެނޭހެން 10 ފަރާތަކުން، ތެރަޕިއުޓިކް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ މީހުން ސްޕޮންސާކުރަން އެއްބަސްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ކުންފުނިތައް ހިމެނޭހެން 10 ފަރާތަކުން، ތެރަޕިއުޓިކް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ މީހުން ސްޕޮންސާކުރަން އެއްބަސްވެއްޖެ އެވެ.

އެ ފަރާތްތަކުން ސްޕޮންސާ ކުރާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޯޕަރޭޓް ސްކޮލާޝިޕް ސްކީމްގެ ދަށުން ތެރަޕިއުޓިކް ދާއިރާއިން ކިޔަވާ މީހުންނެވެ. މިއީ މި ދާއިރާއިން ދިވެހިން ބިނާކުރުމަށް އެ މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ.

މި ދަރިވަރުން ސްޕޮންސާ ކުރާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އާއި އެސްޓީއޯ އާއި އެމްޓީސީސީ އަދި ދިރާގު ހިމެނެ އެވެ.

އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ހަތަރު ދަރިވަރުން ސްޕޮންސާ ކުރުމަށް ހަތަރު އަހަރު ދުވަހަށް 2.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ދިވެހިންނަށް ބޭނުން ޖެހިފައިވާ ދާއިރާއަކުން މީހުން ތަމްރީން ކުރުމުގައި އެހީވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ސްކީމްގެ ދަށުން ދަރިވަރުން ތަމްރީންކުރާނީ އޯޑިއޮލޮޖީ އާއި އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތޮލޮޖީ އާއި އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ އިންނެވެ. ހުރިހާ ކޯހަކީ ވެސް އިންޑިއާގެ އެކި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކުރިއަށްގެންދާ ކޯސްތަކެވެ.

މީގެ އިތުރުން ނާއިދު ޓްރޭޑިން، ލިލީ އިންޓަނޭޝަނަލް، ސޮނީ ހާޑްވެއާ، އެލިއާ އިންވެސްޓްމަންޓް އަދި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވެސް ވަނީ ދަރިވަރުން ސްޕޮންސަކޮށްފަ އެވެ.