Roadha Mihaaru
ޑިޒްނީ އާއި ސްޓާވޯޒްގެ ކެރެކްޓާތަކުން މަގުތައް ފުރިއްޖެ

ޑިޒްނީ އާއި ސްޓާވޯޒްގެ ކެރެކްޓާތަކާ އެކު މަގުތައް ފުރާލައިފި

28 ޖުލައި 2016

އިއްޔެ އިރު އޮއްސުމާ މަޖީދީ މަގުގެ އެކި ހިސާބުތަކަށް މީހުން ޖަމާވާން ފެށި އެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދު ބުރުގެ ދަތުރު ރަސްފަންނުން 8:30 ގައި ފެށި އިރު އެ ހިސާބުން ފެށިގެން މަޖީދީމަގާއި ސޯސަން މަގު ގުޅޭ ހަތަރުއަނގޮޅިއާ ހިސާބަށް މަގުގެ ދެ ފަރާތުގައި މީހުންތައް އޮތީ ފުރި ބާރުވެފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިއްޔެ އިރު އޮއްސުމާ މަޖީދީ މަގުގެ އެކި ހިސާބުތަކަށް މީހުން ޖަމާވާން ފެށި އެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދު ބުރުގެ ދަތުރު ރަސްފަންނުން 8:30 ގައި ފެށި އިރު އެ ހިސާބުން ފެށިގެން މަޖީދީމަގާއި ސޯސަން މަގު ގުޅޭ ހަތަރުއަނގޮޅިއާ ހިސާބަށް މަގުގެ ދެ ފަރާތުގައި މީހުންތައް އޮތީ ފުރި ބާރުވެފަ އެވެ.

ރާއްޖޭގެ 51 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ފުޅަނދުބުރުގައި މިއަހަރު ވެސް އެކި ތީމުތަކަށް، ހާއްސަކޮށް ކުޑަކުދިންނާ ގުޅޭ ގޮތަށް ހުށަހަޅައިދީފައިވެ އެވެ. މި މަންޒަރު ބަލަން އެކި އުމުރުގެ އެތައް ހާސް ބަޔަކު މަގުމަތީގައި ތިބިއިރު ގޭގޭ ބެލްކަނީގަ އާއި ޓެރަސްމަތީގައި ތިބެގެން ވެސް މީހުން ދިޔައީ މަންޒަރު ބަލަމުންނެވެ. ފުޅަނދުގައި އުޅުނު އެކި ކެރެކްޓާތަކާ އެކު ފޮޓޯ ނަގައި ވީޑިއޯކުރަމުން ވެސް ދިޔަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ވެސް ވަނީ މުލިއާގެ ކައިރީގައި ތިއްބަވައިގެން ފުޅަނދުތައް ބައްލަވާލައްވައިފަ އެވެ.

ހަތަރު ކުންފުންޏަކުން 14 ފުޅަނދު މިފަހަރު ވަނީ ތައްޔާރުކޮށްފަ އެވެ. އެއީ އެސްޓީއޯ، ސްޓެލްކޯ ދިރާގު އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީންނެވެ. އެ ހުރިހާ ފުޅަނދުތަކަކުން ވެސް ދިވެހީންގެ ހުނަރު ވަނީ ވަރަށް ރަނގަޅަށް ދައްކާލައިފި އެވެ.

އެސްޓީއޯ އެލިސްއާ އެކު

އެސްޓީއޯއިން ތައްޔާރުކުރި ފުޅަނދުގައި "އެލިސް" މީހުންނާ ސަލާންކުރަނީ. --މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

އެސްޓީއޯއިން ތައްޔާރުކުރި ފުޅަނދުގައި "އެލިސް" މީހުންނާ ސަލާންކުރަނީ. --މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

އެސްޓީއޯއިން ފުޅަނދު ތައްޔާރުކުރީ އެލިސް އިން ވޮންޑަލެންޑުގެ ތީމަށެވެ. ތަފާތު އެކި އިވެންޓުތައް ބާއްވަމުން އަންނަ ޗޮޕާޓުގެ އެހީތެރިކަމާ އެކު އެސްޓީއޯ އިން ފުޅަނދު ތައްޔާރުކުރުމުގައި އެންމެ ބޮޑަށް ބަލާފައި ވަނީ ކުޑަކުދިންނަށް ގަޔާވާނެ ގޮތަކަށް ހެދުމަށެވެ. އެ ކުންފުނީގެ ގިނަ އަދަދެއްގެ ފަންނީ މުވައްޒަފުންނާ އެކު ހަތް ދުވަސް ތެރޭ ނިންމާލި ފުޅަނދަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

"ކުޑަކުދިންގެ އެންމެ މަގުބޫލް އެއް ކާޓޫނު އެލިސް އިން ވޮންޑަލޭންޑަކީ. އެ ކުދިންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑުމެން މި ތީމް މި އިހުތިޔާރުކުރީ. ބެލުންތެރިންގެ ސަޕޯޓް ވެސް ވަރަށް ރަނގަޅު،" އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޓީ ޕާޓީގެ ތަފާތު އެކި ހަރަކާތްތަކުގައި އެލިސް އާއި ކުއީން އޮފް ހާޓްސް ވަނީ ވަރަށް ފުރިހަމަގޮތެއްގައި އެސްޓީއޯއިން ދައްކާލައިފަ އެވެ. އެ ކާޓޫނުތައް ދައްކާލަން އެ ކުންފުނިން ދެ ތިން ފުޅަނދު ތައްޔާރުކުރި އެވެ.

ޖައްވީ އުޅަނދަކުން ދިރާގުގެ ކުރިމަގު

ދިރާގުގެ ފުޅަނދު: މި ތައްޔާރުކޮށްފައިވަނީ ޖައްވީ އުޅަނދެއްގެ ގޮތަށް.--މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

ދިރާގުގެ ފުޅަނދު: މި ތައްޔާރުކޮށްފައިވަނީ ޖައްވީ އުޅަނދެއްގެ ގޮތަށް.--މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

ރާއްޖޭގައި މުއާސަލަތީ ހިދުމަތް ދެމުން އަންނަ އެންމެ ގިނަ ދުވަސްވީ ކުންފުނި، ދިރާގަށް މިއީ އެތައް ގޮތަކުން ހާއްސަ ދުވަހެކެވެ. ގާތްގަނޑަކަށް 10 އަހަރު ފަހުން ފުޅަނދެއް ތައްޔާރުކޮށް އާއްމުންގެ ތެރެއަށް ނެރުނީ މުހިންމު މެސެޖަކާއެކުގަ އެވެ. އެކަކު އަނެކަކު ގުޅުވައިދޭން ކުރަމުން އަންނަ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދަން ކުރާ މަސައްކަތެވެ. ޖައްވީ އުޅަނދެއްގެ ގޮތަށް ތައްޔާރުކުރި "ދިމަޑި" ފަރުމާކުރުމުގައި ދިރާގުގެ 150އެއްހާ ފަންނީ މުވައްޒަފުން ބައިވެރިވި އެވެ.

ސްޓެލްކޯ ސްޓާ ވޯޒް

ސްޓެލްކޯއިން ތައްޔާރުކުރި ސްޓާ ވޯޒްގެ ކެރެކްޓާތަކެއް މަގުމަތީގައި. --މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

ސްޓެލްކޯއިން ތައްޔާރުކުރި ސްޓާ ވޯޒްގެ ކެރެކްޓާތަކެއް މަގުމަތީގައި. --މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

ސްޓާވޯޒް ސީރީޒްގެ މިހާރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ވެސް ފެންނާނެ އެވެ. ބައެއް މަންޒަރުތައް ރާއްޖޭގައި ނަގާފައިވާ އެ ފިލްމާ އެކު ދިވެހިންގެ ތެރޭގައި ސްޓާވޯޒް ކުރިއަށް ވުރެ މަގުބޫލުވެއްޖެ އެވެ. އެހެންވެ ސްޓެލްކޯ ނިކުތީ ސްޓާވޯޒްގެ މަގުބޫލު ކެރެކްޓާތަކާ އެކުގަ އެވެ. ސްޓާ ޓްރޫޕާސް ހަތިޔާރާ އެކު ފައި ހަމަކުރާ މަންޒަރު ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

ހުރިހާ މަސައްކަތެއް ކުރީ ސްޓެލްކޯގެ މުވައްޒަފުންނެވެ. ފްލޯޓު ބަލަން ގޮސް ތިބި ބައެއް މީހުން "މިހާރު" އާ ވާހަކަދައްކަމުން ބުނީ އެމީހުން ފުޅަނދު ބަލަން ދިޔައީ ސްޓާ ވޯޒްގެ ކެރެކްޓާތަކާ ދާދި އެއްގޮތް ކެރެކްޓާތައް ހަމަލޮލުން ބަލާލުމަށް ކަމަށެވެ.

"ވަރަށް ތަފާތު މަސައްކަތެއް ކޮށްފައި ހުރިކަން ފާހަގަކުރެވޭ. ވަރަށް ސަޅި،" ދެ ކުދިންނާ އެކު ފުޅަނދު ބަލަން ގޮސް ހުރި ޒުވާން މަންމައަކު ބުންޏެވެ.

އެމްއޭސީއެލްގެ ޑިޒްނީ ޕެރޭޑް

އެމްއޭސީއެލްގެ ފްލޯޓް. --މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

އެމްއޭސީއެލްގެ ފްލޯޓް. --މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

އެމްއޭސީއެލް އިން ފުޅަނދުގައި އަބަދުވެސް ތަފާތުކަން ދައްކަ އެވެ. މިނިވަން 50އާ ގުޅިގެން މިދިޔަ އަހަރު ބޭއްވި ފުޅަނދުބުރުން ވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދެ އެވެ. އެމްއޭސީއެލްގެ މި އަހަރުގެ ފުޅަނދުގައި ވަކިވަކި އަށް ފުޅަނދު ދައްކާލި އެވެ. އެ އަށް ފުޅަނދުތައް ވަނީ ޑިޒްނީގެ އެކި ކާޓޫނުތަކާ ގުޅުވައިފަ އެވެ.

ޑިޒްނީ ތީމަށް އެމްއޭސީއެލުން ތައްޔާރުކުރި ފްލޯޓުގެ ދިގުމިނުގައި 500 ފޫޓު ހުއްޓެވެ. އެ ފުޅަނދުތައް ތައްޔާރުކުރުމުގައި އެ ކުންފުނީގެ 300އެއްހާ މުވައްޒަފުން ވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްފަ އެވެ.

ފްލޯޓުތައް ބަލަން އެއްވެފައި ތިބި އާއްމުންގެ ބަޔަކު.--މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

ފްލޯޓުތައް ބަލަން އެއްވެފައި ތިބި އާއްމުންގެ ބަޔަކު.--މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

އެ ފުޅަނދުތަކުގައި ޑިޒްނީގެ ގާތްގަނޑަކަށް ފަންސާހެއްހާ ކެރެކްޓާތައް ފެނިގެން ދިޔަ އެވެ. ފުޅަނދު ބުރު ބަލަން ދިޔަ މީހުންގެ ތެރެއިން ކޮންމެ ވެސް ދެ މީހަކަށް ޗައިނާ އަށް ދެވޭނެ އިނާމެއް ވެސް އެމްއޭސީއެލް އިން ވަނީ ހުށަހަޅައިފަ އެވެ. އެ ކުންފުނީގެ ފުޅަނދުތައް ކައިރީގައި މަޑުކޮށްލުމާ އެކު ލިބޭ ހިލޭ ވައި ފައި އާ އެކު އެ ފުޅަނދުގެ ފޮޓޯތައް އެ މީހުންގެ ހޭޝްޓެގް ބޭނުން ކޮށްގެން ފޭސްބުކާއި ޓްވިޓާ އަދި އިންސްޓަގްރާމް ކުރުމުން އޭގެ ތެރެއިން ނަސީބުވެރިން ހޮވާނެ އެވެ.