Roadha Mihaaru
ފްލެޓް ހުސްނުކުރުމުން ޖިހާދަށް ކުރި ދައުވާ ގެންގޮސްފި

ރެހެންދި ފްލެޓް ހުސްނުކުރި މައްސަލާގައި 1.1 މިލިއަން ހޯދަން ޖިހާދަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

08 ޖެނުއަރީ 2024

ނައިބު ރައީސް ކަމުގެ މަގާމުގައި އަބްދުﷲ ޖިހާދު ހުންނެވި ދުވަސްވަރު، އެމަނިކުފާނު ދިރިއުޅުއްވަން ސަރުކާރުން ދޫކުރި ރެހެންދި ފްލެޓު ހުސް ނުކުރެއްވި މައްސަލައިގައި އެމަނިކުފާނުގެ އަތުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ނައިބު ރައީސް ކަމުގެ މަގާމުގައި އަބްދުﷲ ޖިހާދު ހުންނެވި ދުވަސްވަރު، އެމަނިކުފާނު ދިރިއުޅުއްވަން ސަރުކާރުން ދޫކުރި ރެހެންދި ފްލެޓު ހުސް ނުކުރެއްވި މައްސަލައިގައި އެމަނިކުފާނުގެ އަތުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖިހާދު ހުންނަވަނިކޮށް ރިޔާސީ ދައުރު ހަމަވުމުން ވެސް، ރެހެންދި ފްލެޓް ހުސް ނުކުރައްވައި، އެތަނުގައި އޭނާ ދިރިއުޅުއްވި ކަމަށް ބުނެ އެވެ. އެމަނިކުފާނު އެތަނުގައި ދިރިއުޅުއްވި މުއްދަތުގެ އެޕާޓްމަންޓުގެ ކުއްޔާއި މެއިންޓަނެންސް ފީ އާއި ޔުޓިލިޓީ ފީ ހިމެނޭ ގޮތަށް 1.1 މިލިއަން ރުފިޔާ ހޯދަން ޖިހާދުގެ މައްޗަށް ދައުވާކުރީ ކުރީގެ ސަރުކާރުގަ އެވެ.

ސިވިލް ކޯޓުން މިއަދު މި މައްސަލަ ނިންމައި އާންމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން ޖިހާދަށް ކޮށްފައިވާ ދައުވާ ފޯމް ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން މިދިޔަ މަހު އެދިފައިވާ ކަމަށެވެ. އެހެންވެ، ދައުވާ ބާތިލްކޮށް މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

"ރެހެންދި 3" ގެ (2) ފްލެޓް ހުސްކުރަން ޖިހާދަށް އޭރު އެންގި ނަމަވެސް، އެއަށް އަމަލު ނުކުރައްވައި، އެއް އަހަރާއި ތިން މަސް ވަންދެން އެމަނިކުފާނު އެ ތަން ބޭނުން ކުރެއްވި ކަމަށް ދައުވާގައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނުގެ ނައިބަކަށް ޖިހާދު އައްޔަން ކުރެއްވީ ޖޫން 22، 2016 ގަ އެވެ. އޭގެ ފަހުން، ޔާމީންގެ ރިޔާސީ ދައުރު ނިމެންދެން ނައިބު ރައީސްގެ މަގާމުގައި ޖިހާދު ހުންނެވި އެވެ.

ޖިހާދަކީ، ނައިބު ރައީސްކަމުގެ އިތުރުން ފިނޭންސް މިނިސްޓަރުކަމާއި ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.