Roadha Mihaaru
ސަފީރު ވަޑައިގަތީ ކުރިން ހަމަޖެހިފައިވާ ބައްދަލުވުމަކަށް

ސަފީރު މިނިސްޓްރީއަށް ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް: ހައި ކޮމިޝަން

08 ޖެނުއަރީ 2024

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ހިމެނޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓްތަކާ ގުޅިގެން، އިންޑިއާ އިން ރާއްޖޭގެ ސަފީރު ހާޒިރުކޮށްފައިވަނިކޮށް އިންޑިއާގެ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ހިމެނޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓްތަކާ ގުޅިގެން، އިންޑިއާ އިން ރާއްޖޭގެ ސަފީރު ހާޒިރުކޮށްފައިވަނިކޮށް އިންޑިއާގެ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މެންދުރު 12:00 އަށް ހާޒިރުވާން އަންގާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން މީގެކުރިން ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ. ފޮރިން މިނިސްޓްރީގެ ބައްދަލުވުމަށް ފަހު ސަފީރު މިހާރު އެ ތަނުން ނުކުމެވަޑައިގެންފައި ވާއިރު ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަފީރު، ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް މިއަދު ވަޑައިގަތީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާ އެކު ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށެވެ.

ހައި ކޮމިޝަނުން މިހެން ބުނެފައިވާއިރު އިންޑިއާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ހެނދުނު ވަނީ ހާޒިރުކޮށްފަ އެވެ. ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ޝަހީބު މިނިސްޓްރީގައި ހޭދަކުރައްވާއިރު، އެ ބައްދަލުވުމާ ގުޅޭ ގޮތުން ވެސް މިހާތަނަށް އިތުރު މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

އެއް ގައުމުން އަނެއް ގައުމެއްގެ ސަފީރަކު ހާޒިރުކުރަނީ ދިމާވާ އެކި ކަންކަމުގައި އޮންނަ ހިތްހަމަނުޖެހުމާއި ދެކޮޅުވެރިކަން ހާމަކުރުމާ އެކު އެކަމުގައި އެ ގައުމެއްގެ ވިސްނުން ސީރިއަސްކަން ހާމަކުރުމުގެ ގޮތުންނެވެ.

އިންޑިއާއަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މިއަދު އިންޑިއާގެ މިނިސްޓްރީއަށް ހާޒިރުވެވަޑައިގަންނަވަނީ - ފޮޓޯ: އޭއެންއައި

އިންޑިއާއަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މިއަދު އިންޑިއާގެ މިނިސްޓްރީއަށް ހާޒިރުވެވަޑައިގަންނަވަނީ - ފޮޓޯ: އޭއެންއައި

ބޮޑުވަޒީރު މޯދީ އިންޑިއާގެ ލަކްޝަދީބްގެ ޓޫރިޒަމް ޕްރޮމޯޓްކުރެއްވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކާ އެކު އެއީ ރާއްޖެއާ ދެކޮޅަށް ކުރާ ކެމްޕެއިނެއް ކަމަށް ބަލައި ރާއްޖެ އާއި އިންޑިއާގެ އެކި ފެންވަރުގެ މީހުން ވެސް ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދީފައި ވާއިރު ވަރަށް ހުތުރު އަދި މަލާމާތުގެ ބަސްތައް ބޭނުންކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނުނު ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު އިއްޔެ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

މި ބޭފުޅުން ސަސްޕެންޑްކުރިކަން ހާމަކުރުމުގެ ކުރިން ސަރުކާރުން ނެރުނު ބަޔާނެއްގައި، ބޭރުގެ ވެރިންނަށް ކުޑައިމީސްކޮށް ވާހަކަ ދެއްކި މީހުން ހާމަކޮށްފައިވަނީ ސަރުކާރުގެ ވިސްނުން ނޫން ކަމަށާއި އެއީ އެ ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ބުނެފައިވެ އެވެ. އެކަމަކު ހިޔާލު ފާޅުކުރަން ޖެހޭނީ ޑިމޮކްރަޓިކް އަދި ޒިންމާދާރުކަމާ އެކުގައި ކަމަށް ބުންޏެވެ.

މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ރާއްޖޭން އިންޑިއާގެ ސަފީރުން އެކި މައްސަލަތަކާ ގުޅިގެން ހާޒިރުކޮށްފައިވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު، އޭރު ވެރިކަން ކުރި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާއަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލި މައްސަލައިގައި، ރާއްޖޭގައި އޭރު ހުންނެވި އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރި އެވެ.

އަދި ހަމަ އެހަ އަހަރު، ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ ޓްވީޓްކުރެއްވި މައްސަލާގައި އިންޑިއާ ސަފީރު އަކިލެޝް މިޝްރާ ފޮރިން މިނިސްޓްރީ އަށް ހާޒިރުކުރި އެވެ.