Roadha Mihaaru
ފުރާ މީހުން ތިން ގަޑިއިރު ކުރިން ދާން އެދިއްޖެ

މާދަމާ ވީއައިއޭގައި ބާރު ބޮޑުވާނެ، ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެދިއްޖެ

06 ޖެނުއަރީ 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާދަމާ ރާއްޖެއިން ބޭރަށް ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާދަމާ ރާއްޖެއިން ބޭރަށް ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ އެވެ.

ވެލާނާ އެއާޕޯޓުން ކުރި ޕޯސްޓެއްގައި ބުނީ މާދަމާއަކީ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމުން، ދިގު ކިއުތަކާއި ޑިލޭތައް ކުރިމަތިވެދާނެ ކަމަށެވެ. އެހެންވެ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ޕަސިންޖަރުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކުރާ ކަމަށް އެ އެއާޕޯޓުން ބުންޏެވެ.

އާ އަހަރާ ދިމާކޮށް އެއާޕޯޓަށް ވަރަށް ބޮޑަށް ވަނީ ބާރު ބޮޑުވެފައި ވާއިރު ވެލާނާ އެއާޕޯޓުން ބުނިގޮތުގައި މިދިޔަ އަންގާރަ ދުވަހަކީ އެ އެއާޕޯޓުގައި ސީޕްލޭންގެ އެންމެ ގިނަ އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރިކޯޑެއް ވެސް މުގުރާލި ދުވަހެކެވެ. އެ ދުވަހު 649 ސީޕްލޭން މޫވްމަންޓް ރިކޯޑް ކުރެވިފައިވެ އެވެ.

މިދިޔަ އަހަރު އެ އަދަދު ހުރީ 635 ގަ އެވެެ.

މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ގިނަ ޕްރައިވެޓް ޖެޓްތައް ވެސް އަންނަ ދުވަސްވަރު ކަމަށް ވާތީ މިދިޔަ މަހުގެ ފަހުކޮޅު ވަނީ އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ ރެކޯޑް އަދަދަކަށް އިތުރުކޮށްފަ އެވެ. ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޖެޓްތައް ރާއްޖެ އަންނާނެތީ އެކަމަށް ތައްޔާރުވުމަށް 68 ޖެޓް ޕާކުކުރެވޭނެ ޖާގަ ހެދިއިރު ކުރިން އެއާޕޯޓުގައި ޖެޓުތައް ޕާކުކުރަން ހުރީ 39 ޖާގަ އެވެ.

ފިނި މޫސުމުގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރާ އެކު ވައިގެ ދަތުރުތައް އަބަދުވެސް އިތުރުވެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ވަނީ 1.8 މިލިއަން ޓޫރިސްޓުން ވެސް ޒިޔާރަތްކުރި އެވެ.