Roadha Mihaaru
މާލެ-ބެންކޮކާ ދެމެދު ތައިއެއާ އޭޝިއާއިން ދަތުރު ފަށަނީ

ބެންކޮކާއި މާލެއާ ދެމެދު ދަތުރުކުރުމުގެ ހުއްދަ ތައި އެއާ އޭޝިއާ އަށް ދީފި

09 ޖޫން 2017

ތައިލެންޑްގެ ބެންކޮކާއި މާލެއާ ދެމެދު އަންނަ މަހުން ފެށިގެން ދަތުރުކުރުމުގެ ހުއްދަ ތައި އެއާ އޭޝިއާ އަށް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ ހުއްދަ ދީފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ތައިލެންޑްގެ ބެންކޮކާއި މާލެއާ ދެމެދު އަންނަ މަހުން ފެށިގެން ދަތުރުކުރުމުގެ ހުއްދަ ތައި އެއާ އޭޝިއާ އަށް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ ހުއްދަ ދީފި އެވެ.

ތައި އެއާ އޭޝިއާ އަކީ މެލޭޝިއާގެ ބަޖެޓް އެއާލައިން، އެއާ އޭޝިއާގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ އެއާލައިންގެ ދަތުރުތައް މިހާރު ވެސް މެލޭޝިއާގެ ކުއަލަލަމްޕޫރުން ރާއްޖެ އަށް ކުރަމުން ގެންދެ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ތައި އެއާ އޭޝިއާ އަށް ހުއްދަ ދީފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑޮންމުއާން އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު ކޮންމެ ދުވަހަކު އެއް ދަތުރުކުރާ ގޮތަށް ކަމަށެވެ. މިދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ އެއާބަސް އޭ 320 މަރުކާގެ 180 ގޮނޑީގެ މަތިންދާބޯޓެކެވެ.

ބެންކޮކާއި މާލެއާ ދެމެދު މިހާރު ވެސް ދެ އެއާލައިނަކުން ދަތުރުކުރެ އެވެ. ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން މާލެ އާއި ބެންކޮކާ ދެމެދު ދަތުުރުކުރާއިރު ބެންކޮކް އެއާވޭސް އިން ބެންކޮކާއި މާލެއާ ދެމެދު ދަތުރުތައް ކުރެ އެވެ.

ތައި އެއާ އޭޝިއާ އިން ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ކުރުމުގެ ހުއްދަ ދިން އިރު، މިހާރު ވެސް ރާއްޖެ އަށް 28 އެއާލައިނަކުން ދަތުރުކުރެ އެވެ. އެ އެއާލައިންތަކުން ވަނީ ރާއްޖެއާ ދުނިޔޭގެ 34 މަންޒިލަކާ ގުޅުވައިދީފަ އެވެ.