Roadha Mihaaru
ސައުދިއާއިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކުރަނީ

ސައޫދީ އެއާލައިންސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް ދެ ގުނަ އިތުރުކުރަނީ

04 މާޗް 2017

ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ އިން ރާއްޖެ އަށް ކުރާ ދަތުރުތައް ދެ ގުނަ އަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އަބްދުލް ހަމީދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ އިން ރާއްޖެ އަށް ކުރާ ދަތުރުތައް ދެ ގުނަ އަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އަބްދުލް ހަމީދު ވިދާޅުވެއްޖެ އެވެ.

އަރަބް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހަމީދު ވިދާޅުވީ ސައުދިއާ އިން ރާއްޖެ އަށް މިހާރު ހަފުތާއަކު ކުރަމުން އަންނަ ދެ ދަތުރުގެ ބަދަލުގައި ހަތަރު ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ. ހަތަރު ދަތުރުގެ ތެރެއިން ދެ ދަތުރު ކުރާނީ ސީދާ ޖިއްދާ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް ސަފީރު ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރުގެ މާޗް ފަހުކޮޅު ސައޫދީގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފެށީ ވެރިރަށް ރިޔާޒާ ދެމެދުގަ އެވެ.

ހަމީދު ވިދާޅުވި ގޮތުގައި ސައޫދީ އެއާލައިންގެ ދަތުރުތައް އިތުރު ކުރުމުން، ރާއްޖެ އަށް ސައޫދީން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ގިނަވާނެ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި 2015 ވަނަ އަހަރު 15،749 މީހުން ރާއްޖެ އަށް ސައޫދީން ޒިޔާރަތް ކުރިއިރު، މިދިޔަ އަހަރު އެ އަދަދު 21،944 އަށް ވަނީ އިތުރުވެފަ އެވެ.

ސައުދިއާގެ ދަތުރުތައް އިތުރުކުރާނެ ދުވަހެއް ސަފީރު ވިދާޅެއް ނުވެ އެވެ.

ސައޫދީގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމިއިރު، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މި މަހުގެ ތިންވަނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބަދަހިކުރި ގައުމުތަކުގެ ތެރޭގައި ސައޫދީ ހިމެނެ އެވެ. އަދި ފ. އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅުންތަކެއް ވަނީ ހިންގަވަން ނިންމަވައިފަ އެވެ. އެކަމަކު އޭގެ ތަފުސީލެއް އަދި ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ.