Roadha Mihaaru
އެސްއީޒެޑަށް ލިބުނު ސޯލާ ޕްރޮޕޯޒަލްގެ ދިރާސާ ފަށައިފި

އެސްއީޒެޑްގެ ދަށުން ލިބުނު ސޯލާ ޕްރޮޕޯޒަލް އިންވެސްޓްމަންޓް ބޯޑުން ދިރާސާކުރަން ފަށައިފި

03 ޖެނުއަރީ 2024

ޓޫރިޒަމް ކަހަލަ ނާޒުކު ދާއިރާއަކަށް ރާއްޖެ ބަރޯސާވުން ކުޑަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯޒަލްގެ ގޮތުގައި ލިބުނު އިޔާދަކުރަނިވި ހަކަތައިގެ ބިޔަ ޕްރޮޖެކްޓު އިންވެސްޓު ބޯޑުން ދިރާސާ ކުރަން ފަށައިފި އެވެ.

ޓޫރިޒަމް ކަހަލަ ނާޒުކު ދާއިރާއަކަށް ރާއްޖެ ބަރޯސާވުން ކުޑަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯޒަލްގެ ގޮތުގައި ލިބުނު އިޔާދަކުރަނިވި ހަކަތައިގެ ބިޔަ ޕްރޮޖެކްޓު އިންވެސްޓު ބޯޑުން ދިރާސާ ކުރަން ފަށައިފި އެވެ.

އެ ޕްރޮޖެކްޓުގެ މާބޮޑު ތަފްސީލެއް ސަރުކާރުން އަދި ހާމަކޮށްފައިނުވި ނަމަވެސް، އެއީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން 110 މެގަވޮޓުގެ ކަރަންޓު ހާސިލުވެގެންދާ ޕްރޮޕޯޒަލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން އިއުލާނުކުރައްވާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެސްއީޒެޑްގެ ދަށުން ލިބިފައިވާ ފުރަތަމަ ޕްރޮޕޯޒަލް ބޯޑް އޮފް އިންވެސްޓްމަންޓްސް އިން ދިރާސާކުރަން ފަށާފައިވާ ކަމަށެވެ.

އެއީ 110 މެގަވޮޓުގެ ސޯލާ އަދި ބެޓެރީ ސްޓޯރޭޖްގެ މަޝްރޫއުއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އާ ސަރުކާރުން ވަނީ އެސްއީޒެޑްގެ ގާނޫނުގެ ތެރެއިން އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭ ގޮތަށް ކަނޑައަޅާފަ އެވެ.

އަދި އިންވެސްޓް ކުރާނެ ނުވަ ދާއިރާއެއް ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި މެނުފެކްޗަރިން މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ބަނދަރާއި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ފައިނޭންސިން ދާއިރާ އާއި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ހިމެނެ އެވެ.

އެސްއީޒެޑް ގާނޫނު ފާސްކުރީ 2014 ވަނަ އަހަރު އެވެ. އެ ގާނޫނު ބުނެފައިވާ ގޮތުން، އިންވެސްޓްކުރަން ޖެހޭ ދާއިރާތަކާއި އަދަދު ކަނޑައަޅުއްވާނީ ރައީސެވެ.

އެސްއީޒެޑުގެ މަޝްރޫއުތަކުގެ ތެރެއިން ދައުލަތަށް ބޮޑެތި އާމްދަނީތަކެއް ލިބޭނެ ކަމަށް ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަންދާޒާކުރި ނަމަވެސް، އެ ދައުރު ނިމުނު އިރު ވެސް އެސްއީޒެޑްގެ ދަށުން މަޝްރޫއުއެއް ފެށިފައެއް ނުވެ އެވެ. ރައީސް ޔާމީންގެ ދައުރު އެސްއީޒެޑްގެ ތެރެއިން 150 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ގަރާރު ނެރުއްވި އެވެ.

އެސްއީޒެޑްގެ ތެރެއިން ހިންގާ މަޝްރޫއުތަކާ ގުޅޭ ތަފްސީލުތައް ބޯޑް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާއާ އެކު ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ކުރިން ގަރާރަކުން އެކަން ހާމަކުރާނެ ކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވެ އެވެ.