Roadha Mihaaru

އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި އުފައްދަނީ ފަސް ކުންފުންޏެއް ހިއްސާވާ ގޮތަށް

ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ރީއެކްސްޕޯޓާއި ޓްރާންސްޝިޕްމަންޓުގެ ވިޔަފާރި އަށް ހާއްސަކޮށްގެން އުފައްދަން ނިންމާފައިވާ ކުންފުނީގެ މަސައްކަތްތައް ހިނގާނީ ސަރުކާރުގެ އިތުރު ފަސް ކުންފުންޏެއް ހިއްސާ ގޮތަށް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ފްރީޒޯން ކުންފުނީގައި 5 ކުންފުންޏެއް ހިއްސާވާނެ

ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ރީއެކްސްޕޯޓާއި ޓްރާންސްޝިޕްމަންޓުގެ ވިޔަފާރި އަށް ހާއްސަކޮށްގެން އުފައްދަން ނިންމާފައިވާ ކުންފުނީގެ މަސައްކަތްތައް ހިނގާނީ ސަރުކާރުގެ އިތުރު ފަސް ކުންފުންޏެއް ހިއްސާ ގޮތަށް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމާއި ވެލިއުއެޑް ކުރުމާއި ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރި އަށް ހާއްސަކޮށް 100 ޕަސެންޓު ދިވެހި ކުންފުންޏެއް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލް ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އަލަށް އުފައްދާ ކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖެ އަށް މުދާ ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުދާ އިތުރުކޮށް، އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓުކޮށްގެން އާމްދަނީ އިތުރުކުރުން ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ ކުންފުނި އުފައްދަނީ މިހާރު ހުރި ފަސް ކުންފުންޏެއްގެ ބައިވެރިވުން އޮވެގެންނެވެ. އޭގެ ތެރޭގައި އެސްޓީއޯ، އާބަންކޯ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަސް ކުންފުނި ޝާމިލުވާ ގޮތަށް އުފެދޭ މައި ބޮޑު އެއް ކުންފުނީގެ ގޮތުގައި ފްރީ ޓްރޭޑް ޒޯންތައް ގާއިމުކުރުމުގެ ހުއްދަ އަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށަހެޅުމަށް ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވި އެވެ.

މި ކުންފުނި އުފެއްދުމަށްޓަކައި ބިން ހަމަޖެއްސުމަށްޓަކައި، އޭނާ ވިދާޅުވި ގޮތުގައި ތިލަފުއްޓާއި ގިރާވަރުފަޅު ބެލުމަށް ފަހު އެންމެ އެކަށީގެންވާ ތަނަކުން މަދުވެގެން 100 ހެކްޓަރު ބިން ހަމަޖެއްސުމަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށްޓަކައި އުތުރުތިލަފަޅުން ބިން ކަނޑައަޅައި، އެކަމަށް ބޭނުންވާ އިންވެސްޓުމަންޓު ހޯދައި، އެ އިންވެސްޓުމަންޓުގެ ބޮޑު ހިއްސާ މި އުފައްދާ ކުންފުންޏަށް ދޭން ނިންމާފައިވާ ކަން ވެސް ނާޒިމް ހާމަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކުންފުނި އުފެއްދުމަށްފަހު، ސްޓްރެޓީޖިކް ޕާޓްނަރުންގެ ގޮތުގައި ޕްރައިވެޓް ޕަބްލިކް ޕާޓްނަޝިޕުގެ އުސޫލުން އިތުރު އިންވެސްޓްމަންޓަށް ފުރުސަތު ހޯދައި ދިނުމަށް ވަނީ ނިންމާފަ އެވެ.

އެ ކުންފުނި އުފެއްދުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވީ މިއީ ޓޫރިޒަމާއި މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ އިގުތިސޯދުގައި ތިން ވަނަ ހަރަކާތެއް އުފެއްދުމުގެ ފެށުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ކުންފުނި އުފެއްދުމަށްޓަކައި ބިމާއި މުވައްޒަފުންނާއި ކެޕިޓަލް އަދި ވަސީލަތްތައް ހަމަޖައްސާނެ ކަމަށެވެ.