Roadha Mihaaru
ފައިދާ ނުވާ ކުންފުނިތަކާ މެދު ގޮތްތަކެއް ނިންމަނީ

ފައިދާ ނުވާ ކުންފުނިތަކާ މެދު ގޮތްތަކެއް ނިންމަނީ

14 ޖެނުއަރީ 2024

ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ވަރަށް ހާލުގައި އޮތް ކުންފުނިތަކާއި ފައިދާ ނުވާ ކުންފުނިތަކާ މެދު ގޮތްތަކެއް ނިންމުމަށް ކެބިނެޓްގައި މިއަދު މަޝްވަރާ ކޮށްފި އެވެ.

ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ވަރަށް ހާލުގައި އޮތް ކުންފުނިތަކާއި ފައިދާ ނުވާ ކުންފުނިތަކާ މެދު ގޮތްތަކެއް ނިންމުމަށް ކެބިނެޓްގައި މިއަދު މަޝްވަރާ ކޮށްފި އެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ދައުލަތުގެ ކުންފުނިތައް ފައިދާގައި ހިންގަން ސިޔާސަތެއް އެކުލަވާލުމަކީ ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އަދި އެއީ ހަފުތާ 14 ގެ އެޖެންޑާގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކެބިނެޓަށް ހުށަހަޅާފައިވާ ކަރުދާހާ މެދު މަޝްވަރާ ކުރައްވައި، ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، ކުންފުނިތައް ގިންތި ކުރެވޭ އުސޫލުތައް ތިން މަސް ތެރޭގައި މުރާޖައާކޮށް ނިންމުން ކަމަށެވެ. އަދި ކުންފުނިތަކުން ގައުމީ އަދި ޕަބްލިކް ކުންފުނިތަކާއި ހިއްސާ ވިއްކައިގެން ހިންގާނެ ކުންފުނިތައް ދެނެގަތުން ހިމެނޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާލުގައި އޮތް ކުންފުނިތަކަށް ކެޕިޓަލާއި ސަބްސިޑީ ދީގެން ރަނގަޅު ކުރެވިދާނެ ކުންފުނިތަކަށް އެކަމާ ބެހޭ އުސޫލެއް އެކުލަވާލުމާއި އަދި ކުންފުނި ހިންގުން ހަ މަސްތެރޭގައި ރަނގަޅު ނުކުރެވިއްޖެ ނަމަ ދެން އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

"އެކަށީގެންވާ ގޮތަކަށް ނުހިނގާ ކުންފުނިތަކަށް ހަ މަސް ތެރޭގައި ރީސްޓްރަކްޗާ ކުރަން، ނުވަތަ މާޖް ކުރަން ޖެހިއްޖިއްޔާ އެކަން ކުރަން ފަށާގޮތަށް،" ނާޒިމް ވިދާޅުވި އެވެ.

އެކި ރަށްރަށުގައި ވަރަށް ގިނަ މަޝްރޫއުތަކެއް ހުއްޓިފައި ވެސް އެބަހުރި ކަމަށާއި އެހެންވެ އެމްޓީސީސީ ކަހަލަ އިތުރު ކުންފުންޏެއް އުފައްދަން ވެސް މަޝްވަރާ ކުރި ކަމަށް ނާޒިމް ވިދާޅުވި އެވެ.