Roadha Mihaaru
"އިދާރާތައް އެކުގަ ކުރާ މަސައްކަތުން ނަތީޖާ ނެރެވޭނެ"

ނަތީޖާ ނެރެދޭން ސީޕީ އަށް ލިބޭ އެންމެ ބޮޑު ބާރަކީ އިދާރާތައް އެއްފުރާޅެއްގެ ދަށަށް އައުން!

31 ޑިސެމްބަރ 2023

ކުށްތަކާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގައި މި ދައުރުގައި ލިބޭ އެންމެ ބޮޑު ބާރަކީ އެ ކަމުގައި ޝާމިލްވާ ހުރިހާ އިދާރާއެއް އެއް ފުރާޅެއްގެ ދަށުން އެކުގައި މަސައްކަތް ކުރެވުން ކަމަށް އާ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުށްތަކާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގައި މި ދައުރުގައި ލިބޭ އެންމެ ބޮޑު ބާރަކީ އެ ކަމުގައި ޝާމިލްވާ ހުރިހާ އިދާރާއެއް އެއް ފުރާޅެއްގެ ދަށުން އެކުގައި މަސައްކަތް ކުރެވުން ކަމަށް އާ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ސީޕީގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ދައުރުގެ ޕްލޭން ހިއްސާކުރެއްވުމަށް ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ޝުޖާއު "މިހާރު"އަށް ވިދާޅުވީ، މީގެ ކުރިއާ ހިލާފަށް މިހާރު ހުރިހާ އިދާރާތަކެއް މަސައްކަތް ކުރަނީ އެކުގައި ކަމަށެވެ. އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައި އެންޑީއޭއާއި ކަސްޓަމްސްގެ އިތުރުން އިމިގްރޭޝަން ފަދަ އިދާރާތައް މަސައްކަތް ކުރުމެވެ.

"ކުރިން ނަމަ ކޯޑިނޭޝަންގެ މައްސަލަ އެބައޮވޭ. މިހާރު އަޅުގަނޑުމެންނަށް އެބައޮތް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް، އުންމީދެއް ކުރީ ފަހަރަށް ވުރެ ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ކަމުގެ،" ޝުޖާއު ވިދާޅުވި އެވެ.

މާލޭގައި ބޮޑުވެފައިވާ މަސްތުވާތަކެތީގެ މައްސަލައިން މިސާލު ނަންގަވައި ޝުޖާއު ވިދާޅުވީ، ޑްރަގު ވިއްކާ ތަންތަނާއި އެކަމުގެ ތެރޭގައި އުޅޭ މީހުން ވެސް ފުލުހުންނަށް ދެނެގަނެވޭ ކަމަށާއި އެ ކަމުގައި 1100 އެއްހާ މީހުން އުޅޭއިރު، ދެކޮޅު ޖެހޭ ގޮތެއްގައި މައްސަލަ ހައްލުކުރެވޭނީ އެންޑީއޭ ގުޅިގެން ކަމަށެވެ.

އަދި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއާ ގުޅިގެން އިތުރަށް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ އަލީ ޝުޖާއު -- ފޮޓޯ: ނިޝާން އަލި/ މިހާރު

ސީޕީ އަލީ ޝުޖާއު -- ފޮޓޯ: ނިޝާން އަލި/ މިހާރު

"ރީހިބިލިޓޭޓުކޮށް ފަރުވާ ދޭ ނިޒާމު އަޅުގަނޑުމެންނާ އެއްވަރަށް މަސައްކަތް ނުކުރާ ކަމަށް ވަންޏާ ނާންނާނެ ބަދަލެއް، މިފަހަރު އެހެންވީމާ ތަފާތު، ރަނގަޅު ނަތީޖާއެއް ނެރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ޝުޖާއުގެ ސީޕީ ކަމުގައި އެންމެ އިސްކަން ދެއްވާނެ އެއް ކަމަކަށް މިއަދުގެ ބްރީފިންގައި ފާހަގަކުރެއްވީ ބޭސިކް ޕޮލީސިންގެ ނިޒާމު ހަރުދަނާ ކޮށް ވީހާ ވެސް ގިނަ ފުލުހުން މަގުމައްޗަށް ނެރުމެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުން ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ މިންވަރާއި ޕެޓްރޯލް ކުރުން އިތުރުވެ، މަގުތައް އަމާން ވުމެވެ.

ސީޕީ ފާހަގަކުރެއްވި އިތުރު ކަންކަން:

- މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރަން ވަށާޖެހޭ ގޮތެއްގައި މަސައްކަތްކުރުން.

- މީހުން ދިރިއުޅޭ ރަށްރަށަށް ސަފާރީތަކުގައި ބަނގުރާ އެތުރުކުރުން ހުއްޓުވުން.

- މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބިދޭސީން ހުއްޓުވައި އިމިގްރޭޝަންގެ އެހީގައި ފޮނުވާލުން.

- ގުރޫޕުތަކުން ރެކްރޫޓު ކުރާ ކުޑަކުދިން ރިހެބިލިޓޭޓުކުރުން.

- އިސްލާމްދީނަށް ފުރައްސާރަކުރާ މައްސަލަތައް ބެލުމަށް ހާއްސަ ސަމާލުކަމެއް ދިނުން.

- ސްޕާތަކުގެ ނަމުގައި ހިންގާ ފާހިޝް އަމަލުތަކުގެ ވިޔަފާރިތައް ހުއްޓުވައި ފިޔަވަޅު އެޅުން.

- ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުން.

- ޓެރަރިޒަމްގެ ނުރައްކަލަށް ފުލުހުންގެ ހުރިހާ ރިސޯސްތަކެއް ބޭނުންކޮށްގެން މަސައްކަތް ކުރުން.

- ސައިބާކްރައިމް، ފައިނޭންޝަލް ކްރައިމް އަދި ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދިނުން.

- ވެހިކަލް ގިނަވުމުގެ މައްސަލަ ހައްލުކުރުން.

ޝުޖާއު ވިދާޅުވީ ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުރިހާ ރަށެއްގައި ވެސް ދިނުމަކީ އޭނާގެ އެއް އަމާޒު ކަމަށާއި ފަސް އަހަރު ނިމިގެން ދާއިރު، ކޮންމެ ރީޖަން އަކަށް ވެސް ރެކްރޫޓުކުރުމާއި އިންފްރާސްޓްރަކްޗާއަށް ބޭނުންވާ ބަޖެޓު ތައްޔާރުކުރެވޭނެ ކަމަށެވެ. އަދި، އަވައްޓެރި ފުލުހުންގެ ކޮންސެޕްޓު މުޅި ރާއްޖެއަށް ފަތުރާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި، ދިވެހިން ގިނައިން ދިރިއުޅޭ ގައުމުތަކުގައި ފުލުހުންގެ އިދާރާ ގާއިމްކޮށް ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.