08 ޖެނުއަރީ 2024
ވެހިކަލްތަކުން ފުރިބާރުވެފައި އޮތް މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރަން މިހާރު ފަށާފައިވާ މަސައްކަތުގައި ވަރަށް ބޮޑު އިސްކަމެއް ދީގެން، އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވާ މީހުންނާ މެދު ފިޔަވަޅު އަޅައި އެކަން ހުއްޓުވާތަން ފެންނާނެ ކަމަށް އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ވެހިކަލްތަކުން ފުރިބާރުވެފައި އޮތް މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރަން މިހާރު ފަށާފައިވާ މަސައްކަތުގައި ވަރަށް ބޮޑު އިސްކަމެއް ދީގެން، އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވާ މީހުންނާ މެދު ފިޔަވަޅު އަޅައި އެކަން ހުއްޓުވާތަން ފެންނާނެ ކަމަށް އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ އިތުބާރު ފުލުހުންގެ މުއައްސަސާއަށް ދަމަހައްޓައި ގާތުން ހިދުމަތް ދެއްވަން ގެންގުޅުއްވާ ވިސްނުންތައް "މިހާރު"އަށް ހިއްސާކުރައްވައި ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި ނުރައްކާތެރިކޮށް ބައެއް މީހުން ވެހިކަލް ދުއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. މިކަން ހުއްޓުވަން މީގެ ކުރިން ވެސް ފުލުހުން ފިޔަވަޅު އަޅަމުން އަންނަ ކަން ފާހަގަކުރައްވައި ވިދާޅުވީ މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން އެކަށީގެންވާ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކެއް ތިބުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެ ފަރާތްތަކުގެ ސަބަބުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް އެބަހުރި ހިތާމަވެރި ހާދިސާތަކެއް ހިނގާފައި،" ސީޕީ ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ވެސް ކަންބޮޑުވާ ކޮންމެވެސް އެކްސިޑެންޓެއް އެބަ ހިނގާ. ކޮންމެވެސް ފަރާތެއްގެ އިހުމާލުން."
ޝުޖާއު ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖުގައި ބާރަށް ދުއްވާ މީހުން ޓެކްނޮޖީން ދެނެގަނެވެ އެވެ. އެކަމަކު މާލޭގެ ބޮޑެތި މަގުތަކުގައި ބާރަށް ދުއްވާ މީހުން ހުއްޓުވަން ފުލުހުން އަދި ޖެހޭނީ ކެޕޭސިޓީ އިތުރުކުރަން ކަމަށް ވިދާޅުވި އެވެ.
"މާލޭގެ ބޮޑެތި މަގުތަކުގައި ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ. އޭރުން ކަނޑައެޅިފައި އޮންނަ މިންގަނޑާ ޚިލާފަށް ބާރުބާރަށް ދުއްވާ އުޅަނދުތައް އައިޑެންޓިފައިވެ އެ ފަރާތްތަކާ ދޭތެރޭގައި ފިޔަވަޅު އަޅަން ފަސޭހަވެގެންދާނެ،" ސީޕީ ވިދާޅުވި އެވެ.
"ހާއްސަ އޮޕަރޭޝަންސްތައް ކުރިއަށް ގެންގޮސްގެން ވެސް އަޅުގަނޑުމެން ބަލާނަން މާލެ ތެރޭގައި އަދި ހުޅުމާލޭގައި ވެސް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވޭތޯ. އެކަމަކަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރާ ތަން ފެނިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖުން ބަޔަކު ދުއްވާފައި ދަނީ. --. ފޮޓޯ: ނިޝާން އަލީ | މިހާރު
ބްރިޖުގައި އެންމެ ބާރަށް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑް ލިމިޓަކީ 50 އެވެ. މިއަށް ވުރެން ބާރަށް ދުއްވާ މީހުންނަށް ފުލުހުން މެސެޖެއް ފޮނުވަ އެވެ. އެކަމަކު މިހާތަނަށް ފިޔަވަޅު ނޭޅި އޮތް މައްސަލަ ވެސް ހައްލުކުރަން މަަސައްކަތް ކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.
ފުލުހުން އެކަނި ނުކުމެގެން މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރަން އުނދަގޫކަމަށް ސީޕީ ވިދާޅުވި އެވެ. މިކަން ހައްލުކުރުމުގައި މިހާރު އޮތް ހިތްހަމަޖެހުމަކީ ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ވަށައިޖެހޭ ހައްލެއް ހޯދަން ކުރާ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
"ދައުލަތުގެ ހުރިހާ މުއައްސަސާތަކާ އެކު އަޅުގަނޑުމެން އެންފޯސްމަންޓް ވަރުގަދަކުރެވިއްޖިއްޔާ މިކަން ހައްލުވާނެ،"ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަގުތައް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ވެހިކަލް ދުއްވާ މީހުންނާއި ހިނގާ މީހުން ވެސްގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހެ އެވެ. އަދި ޓްރެފިކް ހައްލުކުރަން ފުލުހުން ކުރާ މަސައްކަތަށް އެއްބާރުލުން ދޭން ވެސް އެދިވަޑައިގަތެވެ.
މާލެ ސަރަހައްދުގައި ބާރުބޮޑު ހިސާބުތަކަށް ފުލުހުންގެ އިސްވެރިން ނުކުމެ، މަގުމަތީގެ ރައްކާތެރިކަން އިއްޔެ އިން ފެށިގެން ބަލަހައްޓަން ވެސް ވަނީ ފަށައިފަ އެވެ.
ފުލުހުންގެ އިސްވެރިން އިއްޔެ މަގުމަތީގައި: ފުލުހުން މަގުތަކުގައި ހޭދަކުރާ ވަގުތު ކުރިއަށް އޮތް ތަނުގައި ގިނަވާނެ ކަމަށް ސީޕީ ވިދާޅުވި. -- ފޮޓޯ | މިހާރު
ސީޕީ ވިދާޅުވި ގޮތުގައި އެއީ އެންމެ ދުވަހަކު ކޮށްފައި ހުއްޓާލާނެ ކަމެއް ނޫނެވެ. ފުލުހުންގެ އެންމެ އިސްވެރިންނާ ހިސާބުން ފެށިގެން މަގުތަކަށް ނުކުމެ މަގުތައް ރައްކާތެރި ތަނަކަށް ހަދައިދޭން ކޮންމެ ދުވަހަކު ވެސް ތިބޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން މަގުތަކުގައި ހޭދަކުރާ ވަގުތު ކުރިއަށް އޮތް ތަނުގައި ގިނަކޮށް، ދެން ފެންނާނީ ރައްޔިތުންނާ ގުޅިގެން ރައްކާތެރިކަން ގާއިމްކޮށްދޭ ތަނެވެ.
ގަވައިދާ ހިލާފަށް މީހުން އެރުވި އުޅަނދެއް ޓޯކޮށްފި
ސްޓިކާ ނުޖެހިޔަސް ބޭނުންހާ ގޮތަކަށް ޕާކްކޮށްގެން ނުވާނެ
ޕީޖީ ޝަމީމް އަށް ހަމަލާ ދިން ދެ މީހަކު ހައްޔަރުކޮށްފި
"އިދާރާތައް އެކުގަ ކުރާ މަސައްކަތުން ނަތީޖާ ނެރެވޭނެ"
ސައިކަލު ދުއްވަމުން ފެންވެރުމުން ޖޫރިމަނާކޮށްފި
ވަގަށް ނެގި މުދާތަކަކާ ހެދި ދެ މީހަކު ހައްޔަރުކޮށްފި
މުޒާހަރާކޮށްގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި
ފަނަރަ ދުވަހަށް ޓޯކުރި ސައިކަލް ހޯދަން ތިން އަހަރު
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ޑްރަގް ކޯޓުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރު