Roadha Mihaaru
އެމެރިކާއިން "އިމަޖެންސީގައި" އިޒްރޭލަށް ހަތިޔާރު ދެނީ

އެމެރިކާއިން "އިމަޖެންސީގައި" އިޒްރޭލަށް ހަތިޔާރު ވިއްކަނީ

31 ޑިސެމްބަރ 2023

ދިފާއެއް ނެތް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް މެދުކެނޑުމެއް ނެތި ހަމަލާ ދެމުން ގެންދާ އިޒްރޭލަށް 147.5 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން ނިންމައިފި އެވެ.

ދިފާއެއް ނެތް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް މެދުކެނޑުމެއް ނެތި ހަމަލާ ދެމުން ގެންދާ އިޒްރޭލަށް 147.5 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން ނިންމައިފި އެވެ.

އެމެރިކާއިން ހުކުރު ދުވަހު، 155 މިލިމީޓަރުގެ އާޓިލަރީ އުންޑަ އިޒްރޭލަށް ވިއްކަން ނިންމީ އާންމު އުސޫލުގެ ބޭރުން އިމަޖެންސީ ހާލަތުގައި ހުއްދަ ދެވެން އޮންނަ އުސޫލުގެ ތެރެއިންނެވެ. މިހެން ހެދުމުން މި މުއާމަލާތަށް ކޮންގްރެސްގެ ބަހެއް ބޭނުމެއް ނުވާނެ އެވެ.

ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރާ ހަމާސް އިން ވަނީ އެމެރިކާގެ މި ނިންމުން ކުށްވެރިކޮށްފަ އެވެ. ހަމާސް އިން ބުނީ މިއީ ޣައިރު ގާނޫނީ ހަނގުރާމައެއް އެމެރިކާއިން ސްޕޮންސާކޮށްފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

"ރައީސް ޖޯ ބައިގެންޑެ ސަރުކާރުން ގެންދަނީ އިޒްރޭލުގެ ލާއިންސާނީ ކޮންމެ އަމަލަކަށް ތާއީދުކޮށް ހިތްވަރު ދެމުން،" ހަމާސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަމާސްއިން ބުނީ މިހާތަނަށް 21،600 އަށް ވުރެ ގިނަ މީހުން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށާއި ޣައްޒާ ވެސް ބިމާ ހަމަވެ އާންމުންގެ ދިރިއުޅުން ވިއްސިވިހާލި ވެއްޖެ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ވެސް އެމެރިކާއިން ވަނީ ހަމަ އިމަޖެންސީ މާއްދާގެ ބޭނުން ހިފައި އިޒްރޭލަށް ޓޭންކްތަކުގައި ބޭނުންކުރާ 120 މިމިލީޓަރުގެ އުންޑައިގެ 14،000 އުންޑަ އިޒްރޭލަށް ވިއްކައިފަ އެވެ. -- އޭއެފްޕީ