Roadha Mihaaru
މަޖިލިހުގެގޮނޑި ގެއްލޭ ގާނޫނު އަލުން ގެންނަން ވިސްނަނީ

އެންޓި ޑިފެކްޝަންގެ ގާނޫނު އަލުން ގެންނަން އެމްޑީޕީން ވިސްނަނީ!

30 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީ ދޫކުރައްވައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީއާ ގުޅިވަޑައިގެންފައި ވަނިކޮށް، ޕާޓީ ބަދަލުކުރާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ، އެންޓި ޑިފެކްޝަން ގާނޫނެއް އަލުން އެކުލަވައިލުމުގެ ވިސްނުން ހުރި ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީ ދޫކުރައްވައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީއާ ގުޅިވަޑައިގެންފައި ވަނިކޮށް، ޕާޓީ ބަދަލުކުރާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ، އެންޓި ޑިފެކްޝަން ގާނޫނެއް އަލުން އެކުލަވައިލުމުގެ ވިސްނުން ހުރި ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން މިއަދު ބުނެފި އެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިން ވެސް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށް، އެ އަށް އަމަލުކުރި އެވެ. އެކަމަކު، ޔާމީނަށް 2018 ގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމާ އެކު، އިންތިގާލީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުންގެ ތާއީދާ ވެސް އެކު، އެ ގާނޫނު އުވާލަން އެ އަހަރުގެ ނޮވެމްބަރު 1 ގައި ފާސްކުރީ އެވެ. އެ ގޮތަށް ފާސްކުރީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭރު ޕީޕީއެމްގެ ގިނަ މެމްބަރުން ބޭނުންވީ އެ ގާނޫނު ދަމަހައްޓާށެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނު އުވައިލުމުގެ ބިލް އޭރުގެ ރައީސް ޔާމީން ތަސްދީގު ކުރެއްވީ އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ހަމަވާ ފަސް ދުވަހަށް ވެފައި ވަނިކޮށް އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މުއްދަތުގައި ނޮވެމްބަރު 13، 2018 ގަ އެވެ.

އެމްޑީޕީން އޭރު އެންޓި ޑިފެކްޝަން ގާނޫނާ ދެކޮޅުވި ސަބަބެއް ކަމަށް ބުނީ، އެއީ ވަކި މެމްބަރުންތަކަކަށް އަމާޒުކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ނުބައި ނިޔަތެއް އޮވެގެން ހެދި ގާނޫނަކަށް ވާތީ ކަމަށެވެ.

އެމްޑީޕީގެ ޕީޖީން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ ވެރިކަން ބަދަލުވުމާ އެކު، މަޖިލީހުގެ ތެރެއިން ވެސް ބައެއް މެންބަރުން ބަދަލުވުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އާ ކަމެއް ނޫން ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނެއް ގެނައުމުގެ މަޝްވަރާ ޕާޓީގެ ތެރޭގައި ކުރާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ގާނޫނު ގެނައުމާ މެދު ވިސްނާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ނަމަވެސް އެއީ 13 މެންބަރުން އެމްޑީޕީން ވަކިވުމުން އަދި އިތުރު މެންބަރުންތަކެއް އެހެން ޕާޓީއަކާ ގުޅިވަޑައިގެންފާނެތީ އަޅާ ފިޔަވަޅެއް ނޫން ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި ނެތް ކަމެއް ނޫން [އެންޓި ޑިފެކްޝަން ގާނޫނަކީ]... މުސްތަގުބަލުގައި މަޖިލިސް އިސްލާހު ކުރުމަށް ކުރާ މަސައްކަތެއް ގޮތުގައި ރައްޓެހި ޕާޓިތަކާ އެކީ ގުޅިގެން އެ މަޝްވަރާތައް ކުރަމުން އެބަދަން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މި ހުރިހާ ދުވަހު އެ މަސައްކަތް ނުކުރީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ނިޔާޒް ވިދާޅުވީ އެ މަސައްކަތް ކުރަން އަދި ވަގުތު އެބައޮތް ކަމަށެވެ.

އެމްޑީޕީގައި މިހާރު 43 މެންބަރުން އެބަތިބި ކަމަށާއި އެ މެންބަރުންނަކީ ދައުރު ނިމެންދެން ތިބޭނެ މެންބަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ގާނޫނެއް ފުރަތަމަ ފަހަރަށް ގެންނަން ހުށަހެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕުން 18 ވަނަ މަޖިލީހުގައި އެ ގާނޫނު ފާސް ކުރަން ހުށަހެޅުމުން އެމްޑީޕީގެ މެންބަރުން ވޯޓެއް ނުދެ އެވެ. އެންޓި ޑިފެކްޝަން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެ ޕާޓީން ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެ ގާނޫނު ސައްހަ ކަމަށެވެ.

އެކަމަކު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރުމުން އިންތިގާލީ މަރުހަލާގެ ތެރޭގައި މަޖިލީހުން އަލުން އެ ގާނޫނު އުވާލަން ހުށަހަޅައި ފާސް ކުރި އެވެ.

އޭގެ ފަހުން ވެރިކަމަށް ވަޑައިގެން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ކެމްޕެއިން ކުރައްވަމުން އެމްޑީޕީން ވެސް ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތް ހަދަން ޖެހޭ ކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އެ މަނިކުފާނުގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 200 ބިލުގެ ތެރޭގައި ގާނޫނުއަސާސީ އަށް ގެންނަ އެއް އިސްލާހެއް ގޮތުގައި ވެސް އެންޓި ޑިފެކްޝަން ބިލް އޮތެވެ. ނަމަވެސް ފަސް އަހަރުގެ ދައުރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާލެއްވީ މަޖިލިހަށް އެ ބިލް ނުފޮނުއްވަ އެވެ.