Roadha Mihaaru
ގޮނޑި ގެއްލުމާއި ރިކޯލް ވޯޓު ނަގާ ބިލު ވައްދައިފި

އާ ބިލެއް: ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ، ޕާޓީން ވަކި ކޮށްފި ނަމަ ރިކޯލް ވޯޓަކަށް!

22 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅާ ގާނޫނެއް އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. ނަމަވެސް އޭރު އޮތް ސަރުކާރު ބަދަލުވުމާއެކު އެމްޑީޕީން ވަނީ އެ ގާނޫނު އުވާލައިފަ އެވެ.

މި ފަހުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާ ގުޅިވަޑައިގަތުމާއެކު އެ ޕާޓީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވަނީ އަނެއްކާވެސް އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބިލުގެ ތަފްސީލް ދެއްވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވި ގޮތުގައި ކުރިން އޮތް ގާނޫނުގެ އެންމެ ބޮޑު އެއް މައްސަލައަކީ ސިޔާސީ ޕާޓީއަކުން މެންބަރު ވަކި ކުރުމުން އެ މެންބަރެއްގެ ގޮނޑި ހުސްވުމެވެ.

ސިޔާސީ ޕާޓީއަކަށް ނާޖާއިޒް ގޮތުގައި އެވަރުގެ ބާރެއް މެންބަރަކަށް ފޯރުވުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބިލުގެ ތަފާތަކީ ސިޔާސީ ޕާޓިއަކުން ވަކި ކޮށްފި ނަމަ އެ ދާއިރާގެ ރިކޯލް ވޯޓަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދާން ޖެހޭނެ ކަމަށާއި އެ މެމްބަރެއްގެ ގޮނޑި ގެއްލޭނީ ދާއިރާގެ ރައްޔިތުން އޭނާ އަށް ނޫނެކޭ ބުނެފި ނަމަ ކަމަށެވެ.

އަދި އެ މެންބަރު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެ ނަމަ އޭނާ ގޮނޑިން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުގެ މެއްޗަށް މެންބަރުންގެ ފުލް ކޮންޓްރޯލް ނޯންނަ ގޮތަކަށް ނަމަވެސް ރައްޔިތުންގެ މި ކަންބޮޑުވުމަށް ވެސް އަޅުގަނޑުމެންނަށް އެޑްރެސް ކުރެވޭ ގޮތަށް މިހާރު މި ބިލް ފަރުމާ ކުރެވިފައި މި އޮތީ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި އެ ބިލު މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް އެޖެންޑާ ކުރުމުގައި އިދާރީ ދަތިތަކެއް ހުރި ކަމަށެވެ. އެކަމަކު އެ ދަތިތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ނަމަވެސް މީގެ ކުރިން ވެސް އެންޓި ޑިފެކްޝަން ބިލު ތާވަލު ކުރި އިދާރީ މުވައްޒަފުން މިހާރު ވެސް އެބަތިބި ކަމަށާއި އެހެންކަމުން އެ ބިލު ފްލޯ އަށް ގެންނަން މަޖިލީހުގެ ރައީސް ވެސް މަސައްކަތް ކުރަމުން އަންނަ ކަން އޭނާ ހާމަކުރެއްވި އެވެ.