Roadha Mihaaru
ގަވާއިދާ މެދު ގާޑިއޯލާ އާއި އިދިކޮޅު ކޯޗު އެއްގަލަކަށް

ފުޓްބޯޅައިގެ ގަވާއިދުތަކާ މެދު ގާޑިއޯލާ އާއި އިދިކޮޅު ކޯޗު އެއްގަލަކަށް

28 ޑިސެމްބަރ 2023

ލިވަޕޫލް (ޑިސެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން 3-1 އިން އެވަޓަން ބަލިކުރި މެޗަށް ފަހު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި އެވަނޓަންގެ ކޯޗު ޝޯން ޑައިސް ފުޓްބޯޅައިގެ ގަވާއިދުތަކާ ގުޅޭ ގޮތުން ސުވާލު އުފައްދައިފި އެވެ.

ލިވަޕޫލް (ޑިސެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން 3-1 އިން އެވަޓަން ބަލިކުރި މެޗަށް ފަހު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި އެވަނޓަންގެ ކޯޗު ޝޯން ޑައިސް ފުޓްބޯޅައިގެ ގަވާއިދުތަކާ ގުޅޭ ގޮތުން ސުވާލު އުފައްދައިފި އެވެ.

އެވަޓަންގެ ބެޓޯ އޮފްސައިޑްގައި ހުރެ ބޯޅަ ހިފައިގެން ގޮސް ގޯލަށް ބޯޅަ ފޮނުވާލަން އުޅުނު ވަގުތު، ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އޭނާ ހުއްޓުވަން އުޅެނިކޮށް އޭނާގެ ކުޑަހުޅަށް ސީރިއަސް އަނިޔާއެއް ވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. ބެޓޯ ސައިޑްގައި ހުރެ ދުއްވައިގަތުމުން ވެސް ބޯޅަ ކުޅުމުގެ ތެރޭގައި އޮތުމުން ލައިންސްމަން ދިދައެއް ނުނަގަ އެވެ.

މެޗުގެ ނަތީޖާ އެއްވަރު ވެފައި ވަނިކޮށް 64 ވަނަ މިނިޓުގައި ރެފްރީ ސިޓީ އަށް ޕެނަލްޓީއެއް ދިނީ ނޭތަން އަކޭ ފޮނުވާލި ބޯޅައެއް "ކްލޯޒް ރޭންޖުން" އެވަޓަންގެ އަމަޑޫ އޮނާނާގެ މުނާ ދިމާލުން ދިޔަ ވަގުތު އަތުގައި ޖެހުނުކަމަށް ބަލައެވެ. މިއީ ރެފްރީގެ ހަރުކަށި ނިންމުމެއް ކަމަށް އެވަޓަން އިން ދެކެ އެވެ.

އަކޭ ފޮނުވާޅި ބޯޅަ ބްލޮކް ކުރަން އޮނާނާ މަސައްކަތް ކުރަނީ، ސިޓީ އަށް ޕެނަލްޓީ ދިނީ މި ބޯޅަ އޮނާނާގެ އަތުގައި ޖެހިގެން.-- ފޮޓޯ: ގެޓީ

އަކޭ ފޮނުވާޅި ބޯޅަ ބްލޮކް ކުރަން އޮނާނާ މަސައްކަތް ކުރަނީ، ސިޓީ އަށް ޕެނަލްޓީ ދިނީ މި ބޯޅަ އޮނާނާގެ އަތުގައި ޖެހިގެން.-- ފޮޓޯ: ގެޓީ

ސިޓީ އަށް ލިބުނު ޕެނަލްޓީ ޖެހީ ހޫލިއަން އަލްވަރޭޒް އެވެ. އަދި މެޗުގެ ފަހު ވަގުތު ތިންވަނަ ގޯލު ޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ. އެވަޓަން އިން ފުރަތަމަ ހާފުގައި ޖެކް ހެރިސަންގެ ގޯލުން ލީޑު ނަގާފައި ވަނިކޮށް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ސިޓީ އަށް އެއްވަރު ކޮށްދިނީ ފިލް ފޮޑެން އެވެ.

މި ނަތީޖާއާ އެކު ސިޓީ އޮތީ 18 މެޗުން 37 ޕޮއިންޓް ހޯދައިގެން ލީގުގެ ހަތަރުވަނައިގަ އެވެ.

"އެއީ ޕެނަލްޓީއެއް ކަމަށް އަހަރެންނަށް ހިޔެއް ނުވޭ އެ ނިންމުމާ އެއްބަސްވާނެ އެކަކު ވެސް އުޅޭނެ ހެނެއް. މީގެ ދެ މަހެއްހާ ދުވަސް ކުރިން ހުރިހާ މެނޭޖަރުން ޒޫމް ކޯލަކަށް އެރިން، އެކަހަލަ ހާލަތްތަކުގަ ޕެނަލްޓީ ދިނީމަ މި ވަނީ ވަރަށް ހެއްވާ ކަމަކަށް،" އެވަޓަންގެ ކޯޗު ޑައިސް މެޗަށް ފަހު ކަންބޮޑުވުން ފާޅުކުރި އެވެ.

"މިރޭ އެއީ ކީއްވެކަން ހާމަކޮށްފަ އެއޮތީ. ލައިންސްމަން ހުރީ 50 ޔާޑު ދުރުގަ އެގޮތަށް ނިންމި އިރު. މި ކަން ހިނގާގޮތެއް ނޭނގޭ ހަގީގަތުގަ."

ޕްރިމިއާ ލީގުގެ ކުރީގެ ރެފްރީ މާކް ކްލަޓެންބާގް ވެސް ވަނީ ފުޓްބޯޅައިގައި އެފަދަ ހާލަތްތަކުގައި ޕެނަލްޓީ ދޭގޮތަށް އޮތް ގަވާއިދު ބަދަލުކުރަން ޖެހޭކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.

ސްޓޯންސް އަށް އަނިޔާވެގެން ދަނޑުމަތީގައި އަވަސް ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ

ސްޓޯންސް އަށް އަނިޔާވެގެން ދަނޑުމަތީގައި އަވަސް ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ

"އެއްވެސް މީހަކު ނުބުނޭ އޮނާނާ އަތުގައި ޖެހުނުކަމަށް ނިންމުން ގޯހެކޭ. ގަވާއިދު އޮތީ ލިޔެވިފަ. އެކަމަކު އެހާ ރަނގަޅަކަށް ނޫން އޮތީ، އެހެންވެ ގަވާއިދަށް އިސްލާހު ގެންނަން އެބަ ޖެހޭ،" އެފަދަ ހާލަތްތަކުގައި ޕެނަލްޓީ ދޭން ގަވާއިދުގައި އޮތް އޮތުން ރަނގަޅު ނޫން ކަން ފާހަގަކޮށް ކްލަޓެންބާގް ބުންޏެވެ.

ޑައިސް ވެސް ބުނީ ރެފްރީގެ ނިންމުމާ ދެކޮޅު ނަހަދާ ކަމަށާއި، ތަޖުރިބާކާރުން ވެގެން ގަވާއިދުތައް ހަދާއިރު ހަރުކަށި ނުވެ، ކުޅުންތެރިންނަށް އޭގެން ލުއިތަކެއް ވެސް ދޭން ވާނެ ކަމަށެވެ.

ސިޓީން އަންނަނީ ސްޓޯންސްގެ އަނިޔާގެ ސީރިއަސްކަން ދެނެގަންނަމުންނެވެ. ސްޓޯންސް އަށް އަނިޔާވީ އެވަޓަންގެ ބެޓޯ ފޮނުވާލި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގަ އެވެ. ގޯލް ޖަހާނެ ފުރުސަތަކަށް ވުމުން ލައިންސްމަން ދިދަ ނުނަގަ އެވެ. އެކަމަކު ބެޓޯ އެ ބޯޅަ ގޯލަށް ފޮނުވާލިއަސް އެއީ ގޯލެއް ކަމަކަށް ނުބަލާނެ އެވެ.

"އެއްގޮތަކަށް ވެސް ނުވިސްނޭ، އެހާ ސާފުކޮށް އެނގޭ އެއީ އޮފްސައިޑް ހާލަތެއް ކަން، އެކަމު ކުޅުން ކުރިއަށް ގެންދިޔައީމަ އަހަރެމެންގެ ކުޅުންތެރިޔާ އަށް އަނިޔާވެފަ މިއޮތީ. މިހާރު އެމީހުން ބުނޭ، 'އާއެކޭ ޕެޕް، ތިބުނީ ރަނގަޅަށޭ' އެކަމު މިހާރު މާ ލަސްވެއްޖެ،" ހިތްހަމަ ނުޖެހިފައި ހުރި ގާޑިއޯލާ ބުންޏެވެ.

"މެޗު އޮފިޝަލުންގެ މައްސަލައެއް ނޫން ކަން އަހަރެން ގަބޫލު ކުރަން. ގަވާއިދުތައް އަންނަނީ 'ބޮޑޫ ބޮސް" ފަރާތުން. އަހަރެންނަކަށް މިކަން ފަހުމެއް ނުވޭ."