Roadha Mihaaru
މިފްކޯ އަނެއްކާވެސް ވަކި ކުންފުންޏަކަށް ހަދައިފި

މިފްކޯ އަނެއްކާވެސް ވަކި ކުންފުންޏަކަށް ހަދައިފި

27 ޑިސެމްބަރ 2023

ސަރުކާރުން މަސްވެރިކަމަށް ހާއްސަކޮށް ހިންގާ މިފްކޯ، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހަމަޖައްސާފައި އޮންނަތާ އަހަރުތަކެއް ފަހުން އަނެއްކާ ވެސް ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ކަނޑައަޅައި، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ސަރުކާރުން މަސްވެރިކަމަށް ހާއްސަކޮށް ހިންގާ މިފްކޯ، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހަމަޖައްސާފައި އޮންނަތާ އަހަރުތަކެއް ފަހުން އަނެއްކާ ވެސް ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ކަނޑައަޅައި، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެސްޓީއޯގެ 99.99 ހިއްސާ އަދި އެލައިޑް އިންޝުއަރަންސްގެ 0.01 ހިއްސާ އާ އެކު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ، 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށް، ހިއްސާ ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

"މި ބަދަލާ އެކު ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްކޮށް، މިފްކޯއަށް ބޭނުންވާ މާލީ އެހީ އާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުފަހިވެގެންދާނެ،" ފިނޭންސުން ބުންޏެވެ.

އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށް ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށީ 2016 ވަނަ އަހަރު އެވެ. އޭރު އެކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރީ، ކުންފުނީގެ ދަރަނި ބޮޑުވެ، ހިންގުމަށް ދަތިވުމުގެ ސަަބަބުންނެވެ.

އެކަމަކު މިމަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފްކޯ އަލުން ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ނިންމާފައިވާ ކަން އިއުލާނު ކުރައްވާފަ އެވެ.

"އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މަސްވެރިންނަށް ވެފައިވާ ވައުދުތައް ހާސިލުކުރުމުގައި މަގުފަހި ކުރުން. އެކަމުގެ ހުރިހާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ދާނެ. އަޅުގަނޑުމެން ނިންމާފައިވާނެ މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމްކޮށް، އެ ކޯޕަރޭޓިވް އަކީ މިފްކޯގެ ހިއްސާދާރަކަށް ހަދަން ވެސް ނިންމާފައިވާނެ،" މި މަހުގެ ފަސް ވަނަ ދުވަހު އެމަނިކުފާނު ނޫސްވެރިންނަށް ވިދާޅުވި އެވެ.

މިފްކޯ އެންމެ ފުރަތަމަ އުފެއްދީ 1993 ވަނަ އަހަރުގަ އެވެ. އެކުންފުނި އުފެއްދީ، އޭގެ ކުރިން ހިންގި މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އެކުންފުނީގެ ދަރަންޏަށް ޒިންމާވާ ކުންފުންޏެއްގެ ގޮތުގަ އެވެ. އެ ކުންފުނި އޭރުން ފެށިގެން ހިންގީ ސަރުކާރުން ބޮޑު އަދަދަކުން ސަބްސިޑީ އާއި ލޯނު އެހީ ދީގެންނެވެ. އަންނަ އަހަރަށް ވެސް ބަޖެޓުގައި މިފްކޯއަށް 415 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.