Roadha Mihaaru
ފެންބޮޑުވާ ވަރަށް ވާރޭ ވެހޭނެ، މޫސުން ވަރަށް ގޯސް!

ފެންބޮޑުވާ ވަރަށް ކުރިއަށް އޮތް ތިން ދުވަހު ވާރޭ ވެހޭނެ، މޫސުން ވަރަށް ގޯސް!

27 ޑިސެމްބަރ 2023

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.

މިއަދު މެންދުރު 12 ޖެހިއިރު މެޓުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ހޯމަ ދުވަހު ރާއްޖެ އަށް އިރުވައި މޫސުން ފެށުމާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ގަދަ ވަޔާ އެކު، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ވީމާ ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކާއި ބުރިޖު ހައިވޭގައި ދަތުރުކުރައްވާއިރު މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދަންނަވަން،" މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.

އައްޑު އާއި ފުވައްމުލަކަށް ވެސް މެންދުރު ފަހު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ވަނީ އޮރެންޖު އެލާޓެއް ނެރެފި އެވެ.

މެޓް އޮފީހުން ނެރުނު އެ އެލާޓުގައި ބުނީ ފުވައްމުލަކުން ފެށިގެން އައްޑު އަށް މިއަދުގެ މެންދުރު 1:20 އިން ފެށިގެން 3:20 އަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށެވެ.

މޫސުން ދަރަޖަ ކޮށްފައިވަނީ ވައިޓް، ޔެލޯ، އޮރެންޖް އަދި ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓުގެ ގޮތުގަ އެވެ. މާ ބޮޑަށް މޫސުން ގޯސްވުމުން މީގެ ކުރިން އެ އިދާރާ އިން މުޅިން ވެސް ނެރެނީ ޔެލޯ އެލާޓެވެ. އެއީ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ޖެހި، އެއް ގަޑިއިރުގެ ތެރޭގައި 70 މިލިމީޓަރަށް ވާރޭ ވެހުމުންނެވެ.

އެކަމަކު، އޮރެންޖު އެލާޓް ނެރެން ފަށާފައިވަނީ އޮގަސްޓް، 2020 ގަ އެވެ. އެ އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރާތީ އެވެ.

އެ އޮފީހުން ވަނީ، މިއަދު މެންދުރު 1 އިން ހަވީރު 5 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްތަކަށް ވެސް ރީނދޫ އެލާޓް ނެރެފަ އެވެ.

ކަނޑުގަދަވާނެ ކަމަށް ލަފާކުރާތީ ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް އެ އިދާރާއިން އެދެ އެވެ.

މި ޗުއްޓީއާ ދިމާކޮށް، މޫސުން ގޯސްވާނެތީ ނޭޝަނަލް ޑިޒާސްޓަ މެނޭޖުމަންޓް އޮތޯރިޓީ އިން ވެސް މިއަދު ވަނީ ސަމާލުވުމަށް އެލާޓެއް ނެރެފަ އެވެ. އެ ލާޓުގައި ވަނީ ސަމާލުވާންޖެހޭ ކަންކަން ބަޔާންކޮށްފަ އެވެ.

އެއީ:

1- ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ތައްޔާރުވުން.

2- ގެ އަށް ފެން ނުވަންނަހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން. (ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން)

3- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުން ވެދާނެ ފަދަ މުދާތައް ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން.

4- ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލައިލަފާނެ ކަމަށް ލަފާކުރެވޭ ނަމަ ކުރިއާލައި ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލައިނުލާ ފަދަ ގޮތަކަށް ހަރުކުރުން.

5- ގަދަ ވައިގެ ސަބަބުން އެއްލައިލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން.

6- ބޭނުން ނުކުރާ ނަމަ ކަރަންޓު ބޭނުންކުރާ ތަކެތި ނިއްވުން.

7- ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުން. ދަތުރަށް ނުކުންނައިރު، ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަ ކުރަން ޔަގީންކުރުން.