Roadha Mihaaru
ވެލެންސިއާގެ އާ ޗެއާމަނަކަށް ކުރީގެ ނޫސްވެރިޔާ އަޒުމީން

ވެލެންސިއާގެ އާ ޗެއާމަނަކަށް ކުޅިވަރު ނޫސްވެރިޔާ އަޒުމީން

26 ޑިސެމްބަރ 2023

ކްލަބް ވެލެންސިއާގެ އާ ޗެއާމަނަކަށް، ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން އައްޔަންކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކްލަބް ވެލެންސިއާގެ އާ ޗެއާމަނަކަށް، ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން އައްޔަންކޮށްފި އެވެ.

ހަވީރު ނޫހާއި ޓީވީއެމްގައި ކުރިން، މަސައްކަތް ކުރި އަޒުމީނަކީ ނޫސްވެރިއެއްގެ އިތުރުން ފުޓްބޯޅަ ކޮމަންޓްރީ އާއި އެނަލިސްސި އަށް ވެސް ހާއްސަ ބޭފުޅެކެވެ.

ނޫސްވެރިކަމުގެ ދާއިރާއިން ޒުވާނުންގެ އިނާމާއި ގައުމީ އިނާމު ވެސް ހާސިލުކޮށްފައިވާ، އަޒްމީން، ނޫސްވެރިކަމުގެ ދާއިމީ ވަޒީފައެއްގައި ނޫޅޭތާ އަށެއްކަ އަހަރު ވެއްޖެ އެވެ.

ރައީސް އޮފީހުގެ މީޑިއާ ޑިޕާޓްމެންޓްގައި މިހާރު މަސައްކަތް ކުރަމުން އަންނަ އަޒްމީން ވަނީ، އޮކްޓޯބަރު 2021 ގައި ރާއްޖޭގެ ބޭއްވި ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ފޮތެއް ވެސް ނެރެފަ އެވެ.

ނޫސްވެރިކަން ކުރި އިރު ވެސް އޭނާ އަކީ ވެލެންސިއާގެ ސަޕޯޓަރެއް ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އެކަމަކު އަޒްމީން ވިދާޅުވެފައި ވަނީ ނޫސްވެރިއެއްގެ ގޮތުގައި އެއް ވެސް ކްލަބަކަށް އޭނާ ސަޕޯޓް ނުކުރާ ކަމަށެވެ.

ނޫސްވެރިކަމުގައި ދާއީމީ ވަޒީފާ 2014 ގައި ދޫކޮށްލުމަށް ފަހު، އޭގެ ފަހުން އޭނާ މަސައްކަތް ކުރަނީ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ. އަދި ޖެހިގެން އައި އަހަރު ވެލެންސިއާގެ ބޯޑް މެންބަރަކަށް ވެސް އޭނާ އައްޔަން ކުރި އެވެ. މިދިޔަ އަހަރު އެ ކްލަބްގެ ޖެނަރަލް ސެކްރެޓަރީ ކަމަށް އައްޔަން ކުރި އަޒްމީން، ކްލަބްގެ ރައީސް ކަމަށް އައްޔަން ކުރުމާ ހަމައަށް ވެސް ހުރީ އެ މަގާމުގަ އެވެ.

އޭނާ އެ ކްލަބްގެ މަސައްކަތްތަކުގައި ޝާމިލުވި ފަހުން އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި އެ ކްލަބް ވާދަކުރި ދެ ފަހަރު ވެސް، އެ ޓީމުގެ މީޑިއާ އޮފިސަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އެފްއޭއެމްގެ މީޑިއާ އޮފިސަރެއްގެ ގޮތުގައި ޕާޓްޓައިމްކޮށް އޭނާ ވަނީ 2020 ފެށިގެން 2021 ގެ ނިޔަލަށް މަސައްކަތް ކޮށްފަ އެވެ.

ވެލެންސިއާގެ އެންމެ އިސް މަގާމާ އަޒްމީން ހަވާލު ވީ، އެ ކްލަބްގެ ކުރީގެ ޗެއާމަން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮއްކޮ ރަސްލާން އަދީލް ޖަލީލް އިސްތިއުފާ ދެއްވުމުންނެވެ.

ވެލެންސިއާގެ ޗެއާމަން ކަމާ ހަވާލުވުމަށް ފަހު، މިއަދު އަޒްމީން ވިދާޅުވީ ވެލެންސިއާގެ ފައިދާ އަށް މަސައްކަތް ކުރުން ފިޔަވައި އެހެން މަގުސަދެއް ކްލަބްގެ ޗެއާމަންގެ ހައިސިއްޔަތުން އޭނާގެ ނެތް ކަމަށެވެ.

"ވެލެންސިއާ އަކީ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ތިބި ކްލަބެއް. ސަޕޯޓަރުންނަށް އަޅުގަނޑު ޔަގީންކަން ދެނީ، ވެލެންސިއާގެ ޗެއާމަންގެ ހައިސިއްޔަތުން މި ކްލަބުގެ ފައިދާ އަށް ނޫން އެހެން ގޮތަކަށް މި މަގާމު އަޅުގަނޑު ބޭނުން ނުކުރާނެކަން. މި މަގާމުގައި ހުރެގެން އެހެން ފައިދާއެއް ހޯދާކަށް ހަމަ ގައިމުވެސް އަޅުގަނޑެއް މަސައްކަތެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

"މި ކްލަބްގެ އެގްޒެކެޓިވް ލެވަލްގައި މަސައްކަތް ކުރުމުގެ ދައުވަތު އެންމެ ފުރަތަމަ އަޅުގަނޑަށް ދެއްވީ އެފްއޭއެގެ ރައީސް އަދި މި ކްލަބްގެ ކުރީގެ ވައިސް ޗެއާމަން ބައްސާމް. މި ކްލަބަށް ބައްސާމް ކޮށްދިން މަސައްކަތް ވެސް ފާހަގަ ކުރަން. އޭނާ އަށް ޝުކުރު އަދާ ކުރަން."