Roadha Mihaaru
ޕްރޮޖެކްޓްތައް ހިންގާނީ ދަރަނި ބޮޑުނުވާނެ ގޮތަށް:ސައީދު

ޕްރޮޖެކްޓްތައް ހިންގާނީ ދަރަނި ބޮޑުނުވާނެ ގޮތަށް: ސައީދު

21 ޑިސެމްބަރ 2023

މި ސަރުކާރުގެ މުހިއްމު ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން އެބަހުރި ކަމަށާއި އެކަންކަން ކުރިއަށް ގެންދާނީ ދަރަނި ބޮޑު ނުވާނެ ފަދަ ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރުގެ މުހިއްމު ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން އެބަހުރި ކަމަށާއި އެކަންކަން ކުރިއަށް ގެންދާނީ ދަރަނި ބޮޑު ނުވާނެ ފަދަ ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި މުހިއްމު މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން ވަރަށް ހާއްސަ ކަމެއް ދޭ ކަމަށެވެ. އެކަމަކު އެ ކަންކަން ކުރާނީ، ދަރަނީގެ ބުރަ ބޮޑު ނުވާނެ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ޑެޓަށް އިތުރު ބާޑަންއެއް ނަގަން ނުޖެހޭނެ ގޮތަކަށް ކަންކަން ރާވާނީ،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދަކީ ރާއްޖެ އާއި ބޭރުގެ އިތުބާރު ލިބިފައިވާ އިގްތިސާދަކަށް ހަދަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މި ސަރުކާރު ހަވާލުވިއިރު، އިގްތިސާދީ ހާލަތު އޮތީ މީގެ ކުރިން ދަށަށް ނުދާ ފަދަ ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިގްތިސާދު ކުރިއަރުވަން އިވެސްޓަރުންގެ އިތުބާރު ހޯދައިދީ، ކަންކަން ކުރިއަށް ގެންދިއުމަށް ފަހި މާހައުލެއް ގާއިމް ކުރައްވާނެ ކަމަށެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ރާވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ހަވާލުވި އިރު ޔޫޒަބަލް ރިޒާވުގެ މައްސަލަ އާއި ބަޖެޓު ކުރިއަށް ގެންދިއުމަށް ހުރި ޝޯޓޭޖަށް އެޑްރެސް ކުރުމަށް މަސައްކަތް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭގެ ރިޒާވަށް ބޭނުންވާ 200 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި އެކަން ކުރާނީ ލޯނެއް ނުވަތަ ގްރާންޓެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ރިޒާވު ރަނގަޅު ކުރަން ކުރީގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓު ޓާމިނަލް ހުޅުވައި، ހުއްޓިފައިވާ ރިސޯޓުތައް ހުޅުވަން މުހިއްމު މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ހުޅުވުމެވެ.