Roadha Mihaaru
ތިނަދޫ މައްސަލަ ހައްލުނުވަނީ އެމްޑީޕީއާ ހެދި:މިނިސްޓަރު

ސިޓީއެއްގެ ދަރަޖަ ދިން ތިނަދޫ މައްސަލައަށް ހައްލު ނުލިބޭތީ މިނިސްޓަރުގެ ރުޅި އެމްޑީޕީއަށް!

20 ޑިސެމްބަރ 2023

އާބާދީގައި 10،000 ހަމަ ނުވަނީސް ގދ. ތިނަދޫ އަކީ ސިޓީއެއް ކަމަށް އެމްޑީޕީގެ ސަރުކާރުން އިއުލާންކޮށްފައި ވިޔަސް އެއީ ފުރިހަމަނުވާ މަސައްކަތެއް ކަމަށާއި މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން އެކަން ފުރިހަމަކުރުމަށް ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިއްޔެ ގޮވާލައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އާބާދީގައި 10،000 ހަމަ ނުވަނީސް ގދ. ތިނަދޫ އަކީ ސިޓީއެއް ކަމަށް އެމްޑީޕީގެ ސަރުކާރުން އިއުލާންކޮށްފައި ވިޔަސް އެއީ ފުރިހަމަނުވާ މަސައްކަތެއް ކަމަށާއި މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން އެކަން ފުރިހަމަކުރުމަށް ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިއްޔެ ގޮވާލައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ މިދިޔަ އަހަރުގެ އޮގަސްޓު 30ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގައި ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކުރީ ސަރުކާރުން، ލާމަރުކަޒީ ގާނޫނަށް 10 އިސްލާހެއް ހުށަހަޅާފައިވާ ނަމަވެސް ހައްލު ނުވާ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެންމެ ކަންބޮޑުވެވަޑައިގަންނަވާ މައްސަލައަކީ ތިނަދުއަށް ސިޓީއެއްގެ ދަރަަޖަ ދީ އެކަން ހައްލު ނުވެ އޮތުން ކަމަށް ވިދާޅުވި އެވެ.

"ދެ އަހަރަށް ވުރެ ގިނަ ދުވަސް، އެތަން [ތިނަދޫ] އޮންނަން ޖެހެނީ މިހާރު ލާމަރުކަޒީ ގާނޫނު އޮތް ގޮތުން ސިޓީއެއްގެ ދަރަޖަ ދީފައި. އެކަމަކު އެތަނުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ހަގީގަތުގައި ހަމަ ރަށުގެ ކައުންސިލުން މި ހިންގަނީ. އެތަނުގައި ތިއްބެވި ބޭފުޅުން، ކައުންސިލަރުންނާއި ސެކްރެޓަރީ ޖެނެރަލުން،" މިނިސްޓަރު ވިދާޅުވި އެވެ.

ތިނަދޫ: ސިޓީއެއްގެ ދަރަޖަ ދިނަސް ކައުންސިލުން ކަންބޮޑުވާ ކަންކަން ވަނީ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައި.

ތިނަދޫ: ސިޓީއެއްގެ ދަރަޖަ ދިނަސް ކައުންސިލުން ކަންބޮޑުވާ ކަންކަން ވަނީ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައި.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ މަސައްކަތް ފުރިހަމަ ކުރުމަކީ ގާނޫނަށް އިސްލާހު ގެނެސްގެން ވިޔަސް ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރިން އެމްޑީޕީން މި މައްސަލަތަކަށް ހައްލު ހޯދައިދީފައި، އެ މީހަކު ކެނޑި ކަނޑުލެއްގެ ހިތި އެމީހަކު ފިލުވަން ޖެހޭ ގޮތަށް، އެމްޑީޕީއިން މި ހަޑި ހާވާފައި ދެން އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު މަޖިލިސްގެ ތެރެއިން މި މައްސަލައަށް ހައްލެއް ހޯދަވައިދެއްވާނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތަށް ހައްލު ހޯދައިދިނުމަށް އެމްޑީޕީން މަސައްކަތްކުރާ ތަން ނުފެންނަ ކަމަށެވެ. ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާންކުރި ނަމަވެސް މަޖިލީހުގެ ލާމަރުކަޒި ކޮމިޓީއަށް ހުށަހެޅީ އެ ކައުންސިލްގެ ހައިސިއްޔަތާ މެދު ކަންބޮޑުވުންތަކެއް އޮތުމުންނެވެ.

ތިނަދޫ ކައުންސިލުން ވަނީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާ މައްސަލަތައް މަޖިލިސް ކޮމިޓީއާ ހިއްސާކުރި އެވެ.

ތިނަދުއަށް ސިޓީގެ ދަރަޖަ ދިނުމަށް ދިމާވެފައިވާ ގާނޫނީ ހުރަސް ނައްތާލުމަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ.