Roadha Mihaaru
އުލިގަމު ބޮޑު ބާބެކިއު ޖެނުއަރީ 2 ގައި

އުލިގަމު ބޮޑު ބާބެކިއު ޖެނުއަރީ 2 ގައި

17 ޑިސެމްބަރ 2023

ހއ. އުލިގަމުގައި ކޮންމެ އަހަރަކު ބާއްވާ ބޮޑު ބާބަކިޔު އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ބާއްވަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހއ. އުލިގަމުގައި ކޮންމެ އަހަރަކު ބާއްވާ ބޮޑު ބާބަކިޔު އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ބާއްވަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ ރައީސް އަހުމަދު މުއާޒް މުހައްމަދު މިއަދު ވިދާޅުވީ ބާބަކިއުގެ ތައްޔާރީތަކާ ގުޅޭ ކަންކަން މީގެ ކުރިން އާންމުކޮށް ދެ ތިން މަސް ކުރިން އިއުލާންކޮށް ފެށި ނަމަވެސް މިފަހަރު ކުޑަ ލަސްކަމެއް ދިމާވި ނަމަވެސް މިހާރު ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ރަށު ފެންވަރުގައި ކުރިއަށް ގެންދާ ކަމަކަށް ވިޔަސް ރާއްޖޭގެ އެކި ހިސާބުތަކުން މިހާރު މި އިވެންޓަށް މީހުން އަންނަ ކަމަށާއި އެކަމަކު ޗުއްޓީ ދުވަސްވަރު ދަތުރުތަކަށް ބާރު ބޮޑުކަމުން ގިނަ މީހުންނަށް މިކަމުގައި ބައިވެރިވާން ދަތިވާ ކަމަށެވެ.

މަސް ބާނަން ދާނެ ޓީމުތަކުގެ އަދަދާއި ފިހާނެ މަހުގެ އަދަދު ކަނޑައެޅުން ފަދަ ކަންކަން ކުރާނީ އިވެންޓުގައި ބައިވެރިވާނެ މީހުންގެ އަދަދު ލަފާކޮށް، އިސްރާފު ނުވާނެ ގޮތަކަށް ބަލައިގެން ކަމަށް މުއާޒް ވިދާޅުވި އެވެ.

މީގެ ކުރިން އުލިގަމުގައި ބޭއްވި ބާބެކިއުއެއްގައި މަސް ފިހުމަށް ބޭނުންކުރާ އަށީގައި ދަރު އަތުރަނީ.-- ފޮޓޯ: އުލިމަގު މަސްފިހުން./ ފޭސްބުކް

މީގެ ކުރިން އުލިގަމުގައި ބޭއްވި ބާބެކިއުއެއްގައި މަސް ފިހުމަށް ބޭނުންކުރާ އަށީގައި ދަރު އަތުރަނީ.-- ފޮޓޯ: އުލިމަގު މަސްފިހުން./ ފޭސްބުކް

"ކޮންމެ އަހަރަކު ވެސް މަހަށް ދާން ޓީމުތަކެއް ނަގާނެ. އެ ދުވަހަށް ދޯނި ލިބޭ ގޮތަކަށް ބަލާފައި ޓީމުތަށް ނަގާނީ. ފަރު މަހަށްދާ މީހުން، އެން އަޅައިގެން މަސްވެރިކަން ކުރާ މީހުން، މަސް ބާނާ މީހުން އެގޮތަށް ޓީމުތަކެއް ކަނޑައަޅާފައި ހުންނާނީ." މުއާޒް ވިދާޅުވި އެވެ.

ބާބެކިއު ހަދަން މަސް ބާނަން ދޯންޏެއް ފުރައިގެން ދަނީ.

ބާބެކިއު ހަދަން މަސް ބާނަން ދޯންޏެއް ފުރައިގެން ދަނީ.

ފިހަން ބޭނުންވާ މަސް ހޯދަނީ ބާބެކިއު އޮންނަ ދުވަހު އެވެ. ފަތިހު މަހަށް ފުރައި، މެންދުރު ފަހު ދޯނިތައް އަންނަނީ މަސް ކަނޑައި ފިހަން ތައްޔާރުކޮށްގެންނެވެ. މަހުން ލަފާއިރު، ރަށުގައި ތިބޭ މީހުން، މަސް ފިހަން ތައްޔާރުކޮށް އެކި ބާވަތަކުގެ ކެއުންތައް ވެސް ހަދަ އެވެ.

މީގެ ކުރިން އުލިގަމުގައި ބޭއްވި ބާބެކިއުއެއްގައި މަސް ފިހަނީ. .-- ފޮޓޯ: އުލިމަގު މަސްފިހުން/ ފޭސްބުކް

މީގެ ކުރިން އުލިގަމުގައި ބޭއްވި ބާބެކިއުއެއްގައި މަސް ފިހަނީ. .-- ފޮޓޯ: އުލިމަގު މަސްފިހުން/ ފޭސްބުކް

މުއާޒް ވިދާޅުވީ ރަށުގެ އެންމެން ބައިވެެރިވެގެން ބާއްވާ މި ހަރަކާތުގައި އެހެން ރަށްރަށުގެ މީހުން ވެސް ބައިވެރިވާން ބޭނުންވާ ކަމަށާއި އެހެންވެ އެ ފުރުސަތު އެންމެންނަށް ވެސް އޮންނާނެ ކަމަށެވެ.

މީގެ އެތައް އަހަރެއް ކުރިން ފެށިގެން އުލިގަމުގައި ބާއްވަމުން އަންނަ މި ބާބެކިއު ބެލެވިފައިވަނީ ރާއްޖޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު ބާބެކިއުއަށެވެ. ކޮންމެ އަހަރަކު އެތައް ސަތޭކަ މަހެއް ފިހާ މި އިވެންޓު ވެފައި ވަނީ ރަށުގެ އެންމެންނާއި އެހެން ރަށްރަކުގެ މީހުންގެ ވެސް ގުޅުން ބަދަހިކޮށްދޭ އިޖުތިމާއީ ބޮޑު ހަރަކާތަށެވެ.