Roadha Mihaaru
ޔޮޓް މެރީނާއަކާއެކު އުލިގަމުގެ ސިޓީ ހޮޓާ އަލުން ފަށަނީ

ޔޮޓް މެރީނާއާއެކު އުލިގަމުގެ ސިޓީ ހޮޓާ ޕްރޮޖެކްޓު އަލުން އިއުލާނުކުރަނީ

30 ސެޕްޓެމްބަރ 2020

ޔޮޓު މެރީނާއާއެކު ހއ. އުލިގަމުގެ ސިޓީ ހޮޓާގެ ޕްރޮޖެކްޓް އަލުން ފަށައި އެކަން އިއުލާނުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޔޮޓު މެރީނާއާއެކު ހއ. އުލިގަމުގެ ސިޓީ ހޮޓާގެ ޕްރޮޖެކްޓް އަލުން ފަށައި އެކަން އިއުލާނުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، އެ ރަށުގެ ކައުންސިލާއި ކަމާބެހޭ އިދާރާތަކާއެކު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވާޗުއަލްކޮށް އެކަމާ ގުޅޭ ބައްދަލުވުމެއް ބޭއްވެވުމަށް ފަހު ޓޫރިޒަމް މިނިސްޓްރީން ރޭގެ ވަގުތެއްގައި ވަނީ، "އިހަވަންދިއްޕޮޅު" ތަރައްގީކުރަން އިންވެސްޓަރަކު ހޯދަން އަންނަ އާދިއްތަ ދުވަހު އިއުލާނުކުރާނެކަން ހާމަކޮށް ޓީޒާއެއް ޓްވީޓްކޮށްފަ އެވެ. ނަމަވެސް އެއީ ކޮން މަޝްރޫއެއް ކަމެއް ބުނެފައެއް ނުވެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ އުލިގަމުގެ މަޝްރޫއު އަލުން އިއުލާނުކުރުމާ ބެހޭ ގޮތުން ކޮށްފައިވާ ޓްވީޓެކެވެ. މަޝްރޫއުގައި ހިމެނެނީ ސިޓީ ހޮޓަލެއް ޔޮޓް މެރީނާއަކާ އެކު ހަދާ ގޮތަށެވެ.

އުލިގަމު ކައުންސިލްގެ ނައިބު ރައީސް އިމާދު އަބްދުﷲ "މިހާރު" އަށް ވިދާޅުވީ ސިޓީ ހޮޓާ ޕްރޮޖެކްޓާއި ޔޮޓް މެރީނާގެ މަސައްކަތްކުރަން އޯޕަން ބިޑިންއަކުން ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އެއީ އާ މިނިސްޓަރު ފުރަތަމަ ކުރިއަށް ގެންދަވާނެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެގެންދާނެ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް އުލިގަމަކީ ބޭރު ގައުމުތަކުން އަންނަ ގޮތަށް، ގިނަ އަދަދެއްގެ ޔޮޓުތައް ބަނދަރުކުރާ ރަށެކެވެ. އެ ދާއިރާ ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ޔޮޓްތަކުން ކަސްޓަމްސް އަށް ނަގާ ފީގެ 75 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން މިދިޔަ މެއި މަހު ކަސްޓަމްސްގެ އާއްމު ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެ ކުޑަ ޓޫރިސްޓު އުޅަނދުތަކުން ދައްކަން ޖެހޭ އިންވާޑް އަދި އައުޓްވާޑް ފީ 250ރ. އަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ކޮންމެ ކޮޅަކަށް ނަގަމުން އައީ 1،000ރ. އެވެ. މި ބަދަލާ އެކު 15 މީޓަރަށް ވުރެ ބޮޑު އުޅަނދުތަކުން ދައްކަން ޖެހޭނީ 1،000ރ. އެވެ. އެ ނިންމުމާއެކު އުލިގަމަށް ޔޮޓުތައް އައުން އިތުރުވެގެން ގޮސްފައި ވެ އެވެ.

އުލިގަމު ބަނދަރުގައި އަޅާފައިވާ ޔޮޓްތަކެއް.

އުލިގަމު ބަނދަރުގައި އަޅާފައިވާ ޔޮޓްތަކެއް.

އިމާދު ވިދާޅުވީ ޔޮޓް މެރީނާ އާއި ސިޓީ ހޮޓަލުގެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ގެންދެވިއްޖެ ނަމަ އެންމެ ކާމިޔާބު އަދި ފުދުންތެރި ރަށްތަކުގެ ތެރޭގައި އުލިގަމު ހިމެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ ފައިދާ މުޅި ރަށަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމްގެ ފައިދާ ދިވެހި ގިނަ ރައްޔިތުންނަށް ހޯދައިދިނުމުގެ މަގުސަދުގައި 2007 ގައި އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ހއ. އުލިގަމުގައި ހަދަން ފެށި ސިޓީ ހޮޓާގެ ޕްރޮޖެކްޓު ވަކި ހިސާބަކުން ވަނީ ހުއްޓިފަ އެވެ. އޭރު ސްޓާފު އޭރިޔާގެ 80 ޕަސެންޓާއި ގެސްޓް އޭރިޔާގެ ބޮޑު ބައެއް ހޮޓަލުގެ އެހެން ތަންތަން ނިންމުމަށް 4.5 މިލިއަން ޑޮލަރު ހަރަދުކޮށްފައި ވެ އެވެ.

ނަމަވެސް ރަށުގެ ބޮޑު ބިމެއްގައި ހޮޓާ ހަދަން ފަށައި، ހުއްޓިފައި އޮތުމަކީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއްކަމަށް ވިދާޅުވި އެވެ. އެކަމަކު އަލުން ފަށާއިރު، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން، ޑރ. މައުސޫމް ދެއްވާފައި ވެ އެވެ.

"...ކައުންސިލްގެ އަދި ރައްޔިތުންގެ ފަރާތުން، ސިޓީ ހޮޓަލާއި އެމްޓީޑީސީގެ ޕްރޮޖެކްޓަކީ އަޅުގަނޑުމެން 12 އަހަރު ދުވަހު ކުރާ އުއްމީދެއް....އަޅުގަނޑުމެން މި ތިބީ މިކަމުގައި ދެވެން ހުރި އެއްބާރުލުމެއް ދީގެން އެކަމައިގެން ކުރިއަށްދާން،" އިމާދު ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓާ ގުޅޭގޮތުން އުލިގަމު ކައުންސިލުން ގާނޫނީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ފޮނުވައިފަ އެވެ. މިހާރު ކައުންސިލްތައް އޮތީ އިންތިގާލީ މަރުހަލާގައި ކަމަށް ވުމުން ބިމާ ގުޅުންހުރި މަސައްކަތެއް ކުރެވޭނީ އެލްޖީއޭގެ ހުއްދަ ލިބިގެންނެވެ.