Roadha Mihaaru
ފްލޯޓިން ސިޓީގެ އެގްރީމެންޓަށް ބަދަލުތަކެއް ގެނެސްފި

އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ފްލޯޓިން ސިޓީ ހަދާ ގޮތަށް އެގްރީމެންޓް ބަދަލުކޮށްފި

23 ޖޫން 2022

މާލެ ކައިރި ފަޅެއްގައި ތަރައްގީ ކުރާ "ފްލޯޓިން އައިލެންޑް" ޕްރޮޖެކްޓްގެ އެގްރީމެންޓަށް ބަދަލުތަކެއް ގެެނެސް, އަނެއްކާ ވެސް ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާ އެކު ޓޫރިޒަމް މިނިސްޓްރީން ސޮއިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލެ ކައިރި ފަޅެއްގައި ތަރައްގީ ކުރާ "ފްލޯޓިން އައިލެންޑް" ޕްރޮޖެކްޓްގެ އެގްރީމެންޓަށް ބަދަލުތަކެއް ގެެނެސް, އަނެއްކާ ވެސް ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާ އެކު ޓޫރިޒަމް މިނިސްޓްރީން ސޮއިކޮށްފި އެވެ.

މިރޭ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ފާތިމަތު ނިލްފާ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ކުރިން ފްލޯޓިން އައިލެންޑްތަކުގެ ކައިރީގައި ދެ ރިސޯޓު ހަދަން ޕްލޭން ކުރި ނަމަވެސް ދެން އެކަން ކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން ކަމަށެވެ.

އެގްރިމެންޓަށް ބަދަލު ގެނައީ ރިސޯޓްތަކުގައި މީހުން އުޅޭ ގެތައް ނެހެދޭތީ ކަމަށް މައުސޫމް ވިދާޅުވި އެވެ. އެކަމަކު އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ގެސޮރު ހަދައި ވިއްކިދާނެ އެވެ.

ޑަޗް ޑޮކްލޭންޑާ އެކު 2019 ވަނަ އަހަރު ހެދި އެގްރީމެންޓަށް ބަދަލުތައް ގެނެސްފައިވާ އިރު އިއްޔެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ، ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އެ ކުންފުނިން އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމުގައި ހައްލުތަކެއް ހޯދަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ޕްރޮޖެކްޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ޕްރޮޖެކްޓް ހިންގަން ސަރުކާރުން އެއްބާރުލުން ނުދޭކަމަށް ތުހުމަތުކޮށް ފާޑު ވިދާޅުވެފަ އެވެ.

މައުސޫމް ވިދާޅުވީ، އެގްރިމެންޓަށް ބަދަލު ގެނެސްފައި ވަނީ ޓޫރިޒަމް ދާއިރާ ޑައިވާސިފައި ކުރަން ކަމަށެވެ. މި ޕްރޮޖެކްޓަށް ގެނައި ހަމައެކަނި ބަދަލަކީ ޑިވެލޮޕްކުރާ ކޮންސެޕްޓް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގްރީމެންޓްގެ ދަށުން ހަދާ އިންޓަގްރޭޓެޑް އައިލެންޑުގައި މަދުވެގެން ދެ ޕްރޮޕަޓީ ހަދަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިސޯޓެއް އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓަކަށް މި ބަދަލު ކުރެވުނީ. އަޅުގަނޑުމެން ކުރިން ރިސޯޓު ހަދަން ނިންމާފައި އޮތް ފަޅު އިންޓަގްރޭޓެޑް މޮޑެލްއަށް ބަދަލުކޮށްލީ. މި ބަދަލުކޮށްލުމަކީ އޭގެ ޒާތުގައި ޓްރާންސްފާ ފީއެއްގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބޭގޮތަށް އޮންނަ ކަމެއް މިއީ،" އޭނާ ވިދާޅުވި އެވެ.

މިރޭ ބޭއްވި އިވެންޓުގައި މައުސޫމް  ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު

މިރޭ ބޭއްވި އިވެންޓުގައި މައުސޫމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު

އެގްރީމެންޓަށް ގެނައި ބަދަލުގެ ތެރޭގައި މި ޕްރޮޖެކްޓްގެ މުއްދަތަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެ ޕްރޮޖެކްޓް 2019 ވަނަ އަހަރު ދިނީ ދެ އަހަރު ތެރޭ މަސައްކަތް ނިންމުމަށެވެ.

ޑަޗް ޑޮކްލޭންޑްގެ ސީއީއޯ ޕޯލް ވެން ޑީ ކޭޕް ވިދާޅުވީ، އެ ކުންފުނިން މީގެ ކުރިން ވެސް އެތައް ހާސް ފްލޯޓިން ގެތައް އަޅައި މިފަދަ ގިނަ ޕްރޮޖެކްޓްތަކެއް ނެދަލޭންޑްސްގައި ހިންގާފައިވާ ކަމަށެވެ. އެކުންފުނިން މިފަދަ ޕްރޮޖެކްޓްތައް ހިންގުމުގައި، އޮންނަ ތާރީހުތަކަށް މަސައްކަތް ނިންމަން ވަރަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ވެސް މި ޕްރޮޖެކްޓް ކާމިޔާބު ކަމާ އެކު ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މި މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ބައެއް. ވަރަށް އަވަހަށް މި މަސައްކަތް ފަށާނަން،" އޭނާ ވިދާޅުވި އެވެ.

އެއް ބިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓްގެ ދަށުން ހަދާ ގެތައް 40 ވަރަކަށް އަހަރަށް ހުންނާނެ ކަމަށް ޕޯލް ވިދާޅުވި އެވެ.

"މޫދުގައި އަޅާ މި ގެތަކަކީ އާންމުކޮށް އެއްގަމުގައި އަޅާ ގެތަކުގެ ފެންވަރުގައި ހަދާ ގެތަކެއް. މޫދުގައި އަޅާތީ ގެތަކުގެ އުމުރަށް ވަކި ބަދަލެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޮގަސްޓް މެދެއްހާ ހިސާބު އާންމުންނަށް ފްލޯޓިން ގެތައް ފެނި، އެ ތަންތަން ހުންނާނެ ގޮތް ބަލައިލެވޭނެ ކަމަށެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފްލޯޓިން ސިޓީގައި 5،000 ގެ ހެދުމަށް ހަމަޖެހިފައިވެ އެވެ. މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ކަނޑައެޅީ ގެއެއް 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އަށް ވިއްކާށެވެ. އެހެން ނަމަވެސް ރާއްޖޭގައި ގެދޮރުގެ މައްސަލަ އޮތް މިންވަރު އެނގި އާންމުންނަށް ގަނެވޭނެ ފަދަ އަގަކަށް ބަދަލު ގެންނަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޕޯލް ވިދާޅުވި އެވެ.