Roadha Mihaaru
އުލިގަމުގެ ޔޮޓް މޫސުމާ އެކު ރީތި މަންޒަރެއް

އުލިގަމުގެ ޔޮޓް މޫސުމާ އެކު ރީތި މަންޒަރެއް

13 ފެބުރުއަރީ 2021

ބޭރު ގައުމުތަކުން އަންނަ ޔޮޓްތައް އާންމުކޮށް ބަނދަރުކުރާ ހއ. އުލިގަމަށް ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ އާއި މާޗު މަހު ޔޮޓްތައް ގިނަވެ އެވެ. މީގެ ކުރިން ގިނަ އަދަދެއްގެ ޔޮޓް އަބަދުވެސް އަންނަމުން ދަނިކޮށް ސަރުކާރުން ގަވައިދުތައް ބަދަލުކޮށް ބޮޑު ފީއެއް ނަގަން ފެށުމުން ޔޮޓްތައް އައުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުމަށް ފަހު އަލުން އަންނަން ފެށީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުމުގެ ކުރިންނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭރު ގައުމުތަކުން އަންނަ ޔޮޓްތައް އާންމުކޮށް ބަނދަރުކުރާ ހއ. އުލިގަމަށް ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ އާއި މާޗު މަހު ޔޮޓްތައް ގިނަވެ އެވެ. މީގެ ކުރިން ގިނަ އަދަދެއްގެ ޔޮޓް އަބަދުވެސް އަންނަމުން ދަނިކޮށް ސަރުކާރުން ގަވައިދުތައް ބަދަލުކޮށް ބޮޑު ފީއެއް ނަގަން ފެށުމުން ޔޮޓްތައް އައުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުމަށް ފަހު އަލުން އަންނަން ފެށީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުމުގެ ކުރިންނެވެ.

ފީތައް ކުޑަކުރުމުގެ ރިޔާސީ ވައުދު ފުއްދައި އެކަން ޔޮޓް ދަތުރުވެރިންނަށް އެނގުމާ އެކު އަނެއްކާވެސް އުލިގަމަށް ޔޮޓުތައް ގިނަވާން ފެށި އެވެ. އެކަމަކު ކޮވިޑާ ހެދި ބޯޑަރުތައް ބަންދުކުރުމުން އަނެއްކާވެސް ބޮޑު ހުއްޓުމެއް އައީ އެވެ. މި ހާލަތަށް އައި ބަދަލާ އެކު މިހާރު އަނެއްކާވެސް އުލިގަމު ބޭރުން، އެ ރަށަށް ހާއްސަ އެއްޗަކަށް ވެފައިވާ ޔޮޓްތައް ވަނީ ގިނަވާން ފަށައިފަ އެވެ.

ޔޮޓުތަކުގެ އެޖެންޓުކަން ކުރާ މީހުން ބުނަނީ ކޮވިޑް ތެރޭގައި ވެސް އުލިގަމަށް އަންނަ ބޭރުގެ އުޅަނދުތައް މިދިޔަ އަހަރަށް ވުރެ މި އަހަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އުލިގަމު ބޭރުގައި ޔޮޓްތަކެއް އަޅާފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

އުލިގަމު ބޭރުގައި ޔޮޓްތަކެއް އަޅާފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒް މުހައްމަދު ވިދާޅުވީ، މި އަހަރުގެ ޔޮޓް ސީޒަންގައި ވެސް އެރަށުން ކުރާ އުންމީދުތައް ވަރަށް ބޮޑު ކަމަށެވެ. އޭނާގެ ވެސް އުންމީދަކީ މި އަހަރު ޔޮޓުތައް ގިނަވުމެވެ.

ނަމަވެސް މި ފަހަރު ތަފާތުވަނީ ޔޮޓްތަކުން އަންނަ ޓޫރިސްޓުންނަށް އުލިގަމަށް ފައިބައި އެ ރަށުގެ ރީތިކަން ބަލައިލަން ބޭނުންވިޔަސް ކޮވިޑާ ހެދި އަޅާފައިވާ ފިޔަވަޅުތަކާ ހެދި އެކަމަށް ހުއްދަ ނެތުމުންނެވެ. އެހެންވެ ޔޮޓްތަކުގެ ޓޫރިސްޓުން ފައިބަނީ ކައިރީ އޮންނަ ފަޅުރަށްތަކަށެވެ.

މީގެ އަހަރުތަކެއް ކުރިން، އުލިގަމު ބަނދަރުގައި ޔޮޓްތަކެއް އަޅާފައި. މިއީ އަބަދުވެސް ގިނަ އަދަދެއްގެ ޔޮޓު އަންނަ ރަށެއް

މީގެ އަހަރުތަކެއް ކުރިން، އުލިގަމު ބަނދަރުގައި ޔޮޓްތަކެއް އަޅާފައި. މިއީ އަބަދުވެސް ގިނަ އަދަދެއްގެ ޔޮޓު އަންނަ ރަށެއް

މުއާޒް ވިދާޅުވީ، މިދިޔަ އަހަރު ކޮވިޑާ ހެދި ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު ވެސް 12 ޔޮޓް ބަނދަރުގައި އޮތް ކަމަށެވެ. އަދި މިދިޔަ އަހަރު ސީޒަންގައި ސާޅީހަކަށް ޔޮޓް އައި ކަމަށް ވިދާޅުވި އެވެ. މިއީ މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ.

އުލިގަމު ބޭރުގައި އަޅާފައިވާ ޔޮޓެއް. -- ފޮޓޯ: ސޯޝަލް މީޑިއާ

އުލިގަމު ބޭރުގައި އަޅާފައިވާ ޔޮޓެއް. -- ފޮޓޯ: ސޯޝަލް މީޑިއާ

"މިހާރު ކަސްޓަމްސްގެ ފީތައް ކުޑަކުރުމުން މި އަހަރުގެ ސީޒަންގައި ބޯޓުތައް އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރަން. އޭޖެންޓުން ވެސް ވިދާޅުވޭ، ވަރަށް ގިނަ އަދަދެއްގެ ޔޮޓްތައް އަންނާނެކަން އަންގާފައި އޮތް ކަމަށް،" އޭނާ ވިދާޅުވި އެވެ.

އުލިގަމުގައި ޔޮޓް ޓޫރިޒަމް ފުޅާކުރުމަށް، ޔޮޓްތަކުން ކަސްޓަމްސް އަށް ނަގާ ފީ 75 ޕަސެންޓް މިދިޔަ އަހަރު ކުޑަކުރި އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކުރިން އުލިގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވެ ވަޑައިގަތް ވައުދެކެވެ.

އުލިގަމު އަތިރިމަތީ ހަދާފައި ހުރި ޖޯލިތަކާއި އުނދޯންޔެއް އަދި ރަށު ބޭރުގައި އަޅާފައިވާ ޔޮޓްތަކެއް. -- ފޮޓޯ: ސޯޝަލް މީޑިއާ

އުލިގަމު އަތިރިމަތީ ހަދާފައި ހުރި ޖޯލިތަކާއި އުނދޯންޔެއް އަދި ރަށު ބޭރުގައި އަޅާފައިވާ ޔޮޓްތަކެއް. -- ފޮޓޯ: ސޯޝަލް މީޑިއާ

އުލިގަމުގައި ސިޓީ ހޮޓަލަކާއި ޔޮޓް މެރީނާއެއް ހެދުމަށް ސަރުކާރުން ނިންމައި އެކަމަށް ޝައުގުވެރިވާ ބަޔަކު ހޯދަން މިދިޔަ އަހަރު އިއުލާނުކުރި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅު ނުކުރުމުން މިހާރު ވަނީ އެ މަޝްރޫއަށް އަލުން ބިން ކަނޑައަޅައި ބަދަލުތަކަކާ އެކު އަލުން ކުރިއަށް ގެންދަން ތައްޔާރުވެފަ އެވެ.

އުލިގަމަށް އެންމެ ގިނައިން ޔޮޓް އައި ކަމަށް ރެކޯޑް ކުރެވިފައިވަނީ 2005 ހިސާބުގަ އެވެ. އޭރު ސީޒަންގައި 200 ޔޮޓް އެރަށަށް ބަނދަރުކޮށްފައިވެ އެވެ. އޭރު ބަނދަރުތައި 20-30 ޔޮޓް ސީޒަން ތެރޭ އާންމުކޮށް އޮވެ އެވެ. ނަމަވެސް އޭގެ ފަހުން ކަސްޓަމްސް އިން ނަގާ ފީ ބޮޑު ކުރުމުގެ ސަބަބުން ޔޮޓްތައް ވަރަށް ބޮޑަށް މަދުވި އެވެ.