Roadha Mihaaru
އުލިގަމުގައި އެމްޕީއެލްއިން ޔޮޓް މެރީނާއެއް ހަދަނީ

އުލިގަމުގައި އެމްޕީއެލްއިން ޔޮޓް މެރީނާއެއް ހަދަނީ

09 ޖުލައި 2024

އާންމުކޮށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް އެޅުމަށް މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އާންމުކޮށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް އެޅުމަށް މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދު ހުރަސްކޮށް ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑް ސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރު ކުރާއިރު މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި އުލިގަން އޮންނަނީ މަޝްހޫރުވެފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހާ ހަމައަށް ގިނަ އަދަދެއްގެ ޔޮޓްތައް މި މަގުން ދަތުރުކުރެ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް އިއްޔެ "މިހާރު" އަށް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތާއެކު ރާއްޖޭގެ އުތުރަށް ގެންނަ އާ ހިދުމަތްތަކުގެ ތެރޭގައި އުލިގަމުގައި ޔޮޓު މެރީނާއެއް ގާއިމުކުރުމަށް އެ ކުންފުނިން ވިސްނާފައިވާ ކަމަށެވެ.

ވަޖީހު ވިދާޅުވި ގޮތުގައި އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރާއިރު، އެ ޔޮޓުތަކަށް އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ހިދުމަތް ފޯރުކޮށްނުދެވެ އެވެ.

"ކައުންސިލާ ވާހަކަ ދައްކައިގެން ބަނދަރުން ބަޔަކާއި [ޔޮޓު މެރިނާ އެއް ގާއިމުކުރަން] ބިން ލިބިއްޖެ. އެކަމަށް ބޭނުންވާ ބައެއް ހުއްދަތައް ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުން ދަނީ. މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް މި ބަލަނީ،" އޭނާ ހާމަކުރެއްވި އެވެ.

މި ޔޮޓް މެރީނާއާ އެކު، އުލިގަމާއި މުޅި އަތޮޅަށް މާލީ ގިނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.

ޔޮޓު މެރީނާ ހެދުމަށް އޭނާ ވިދާޅުވި ގޮތުގައި މިހާރު ތުރުކީ އަދި ޗައިނާގެ ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އެކަމަކު ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ބޭރުގެ ބަޔަކު މި މެރީނާ ތަރައްގީ ކުރިޔަސް، ތަން ހިންގާނީ އެމްޕީއެލް އިން ކަމަށް ވަޖީހް ވިދާޅުވި އެވެ.

މީގެ އިތުރުން، އެސްޓީއޯ އިން ހއ. އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިންގެ މަޝްރޫއުގެ ތެރެއިން ވެސް އެމްޕީއެލް އަށް އާމްދަނީ އިތުރު ކުރެވޭނެ މަގުތައް ތަނަވަސް ކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

މިގޮތުން، ބަންކަރިންގެ ހިދުމަތް ދިނުމަށްޓަކައި ކަސްޓަމްސް އަދި އިމިގްރޭޝަންގެ އޮފީސްތައް ގާއިމުކުރުމަށް އެމްޕީއެލް އިން އުލިގަމުން ބިމެއް ހޯދާފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

"ބަންކަރިންގެ ހިދުމަތަށް ކަސްޓަމްސް އަދި އިމިގްރޭޝަނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދޭނީ އެމްޕީއެލް އިން. އަދި ކްރޫ ޗޭންޖާއި ޕައިލެޓޭޖުގެ ހިދުމަތް ވެސް ސީދާ އެމްޕީއެލް އިން ފޯރުކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.

ވަޖީހް ވިދާޅުވި ގޮތުގައި މި ސަރުކާރުން އުތުރުގައި ގެންނަ ތަރައްގީގެ ތެރެއިން އެމްޕީއެލްއަށް މާލީގޮތުން މަންފާ ހޯދޭނެ އިތުރު ގޮތްތައް ވެސް ދަނީ ބަލަމުންނެވެ.

އޭގެތެރޭގައި ރާއްޖެއަށް އަންނަ ޕެސެންޖާ ކްރޫޒްލައިނާތަކަށް ހިދުމަތް ދިނުމުގައި އުތުރުގައި ކްރޫޒް ލައިން ޓާމިނަލެއް ތަރައްގީ ކުރުމުގެ ވިސްނުން ވެސް އެމްޕީއެލްއިން ގެންގުޅޭ ކަން ވަޖީހު ހާމަ ކުރެއްވި އެވެ.