05 ފެބުރުއަރީ 2020
ހއ. އުލިގަމުގައި ޒަމާނުންސުރެ ގިނަ އަދަދަކަށް ޔޮޓް ބަނދަރުކުރަމުން އައި ނަމަވެސް، ސަރުކާރުގެ ގަވައިދުތަކުގެ ސަބަބުން ޔޮޓު އައުން ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި އޮންނަތާ ހަ އަހަރު ފަހުން ގަވައިދުތައް އިސްލާހުކުރާ ކަމުގެ ޚަބަރާ އެކު ޔޮޓް އައުން ގިނަވެއްޖެ އެވެ.
ހއ. އުލިގަމުގައި ޒަމާނުންސުރެ ގިނަ އަދަދަކަށް ޔޮޓް ބަނދަރުކުރަމުން އައި ނަމަވެސް، ސަރުކާރުގެ ގަވައިދުތަކުގެ ސަބަބުން ޔޮޓު އައުން ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި އޮންނަތާ ހަ އަހަރު ފަހުން ގަވައިދުތައް އިސްލާހުކުރާ ކަމުގެ ޚަބަރާ އެކު ޔޮޓް އައުން ގިނަވެއްޖެ އެވެ.
އުލިގަމަކީ އާއްމުކޮށް ޔޮޓު ބަނދަރު ކުރާ، ކްރޫޒްކުރާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ނަމަވެސް އެކި މުއައްސަސާތަކުން ބޮޑެތި ފީތައް ނެގުމުގެ ސަބަބުންނާއި ލިޔެކިޔުންތައް ފުރިހަމަކުރަން އޮންނަ އުސޫލުގެ ދަތިކަމުން ޔޮޓް އައުން މަދުވީ އެވެ. ކުދި ޔޮޓްތަކަށް ވެސް ބިޔަ ކްރޫޒް ލައިނާތަކުން ދައްކަންޖެހޭ ވަރުގެ ފީއެއް ދައްކަން ޖެހުމާއި އެހެން ފީތައް ވެސް ގިނަވެފައި ބޮޑެވެ.
ޔޮޓް އައުން މަދުވި މައްސަލަ އަށް ހައްލު ހޯދަން މިދިޔަ ހަފުތާގައި ކަސްޓަމްސް އާއި އެމްޕީއެލް އާއި ކަމާބެހޭ އެހެން އިދާތާރައް ގުޅިގެން ވަނީ މަަހާސިންތާއެއް ވެސް ބާއްވައިފަ އެވެ. ކަސްޓަމްސް އިން އިސް ނަގައިގެން ބޭއްވި އެ މަހާސިންތާގައި ބައެއް ފީތައް ކުޑަކުރުމަށާއި ބައެއް ފީތައް އެއްކޮށް ހުއްޓާލަން ވަނީ ނިންމާފަ އެވެ. މި ނިންމުންތަކަށް އަމަލުކުރާނީ މަހާސިންތާގެ ރިޕޯޓު މަޖިލީހަށް ހުށަހަޅައި މަޖިލީހުން އެ ފާސްކޮށް ގަވައިދު އިސްލާހުކުރުމުންނެވެ.
އުލިގަމުގައި އިއްޔެ ޔޮޓްތަކެއް ބަނދަރުކޮށްފައި: އަހަރުތަކަކަށް ފަހު އެ ރަށަށް ވަނީ ޔޮޓް އަންނަން ފަށާފައި. -- ފޮޓޯ: އަހްމަދު މުއާޒް
އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ޔޮޓުތައް އަންނަން ފެށީ މަހާސިންތާގައި ނިންމި ކަންތައްތައް އެ ރަށުގެ އޭޖެންޓެއްގެ ފަރާތުން ޓޫރިސްޓުންނަށް އެނގުމުން ކަމަށެވެ. އަދި މަހާސިންތާގައި ނިންމި ކަންތައްތައް ތަންފީޒު ކުރުމުން މިހާރަށް ވުރެ ގިނަ ޔޮޓުތައް އެ ރަށަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ވެސް ރަށުގެ ފަޅުގައި ހަ ޔޮޓް ބަނދަރުކޮށްފައި އެބަ އޮތެވެ.
އުލިގަމަށް ގިނައިން ޔޮޓް އައި ދުވަސްވަރު ޔޮޓުތަކުގެ ޓޫރިސްޓުން އެރަށަށް ޑިންގީ ތަކުގައި ފައިބަނީ. - ފޮޓޯ: އުލިގަން ކައުންސިލް
މުއާޒު ވިދާޅުވީ ޔޮޓުތައް އަންނަން ފެށުމުގެ ރަަށުގެ އިގްތިސާދު ކުރިއަރާނެ ކަމަށެވެ. ކުރިން ވެސް އެ ރަށަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކޮށް ވިޔަފާރި ކުރާ ރަށެކެވެ. މިކަމުގެ ސަބަބުން ރަށަށް މާލީ ގޮތުން ލިބޭ ފައިދާ ބޮޑެވެ.
"މީގެ ކުރިން ޓޫރިސްޓުން އައިސް ވިޔަފާރި ކުރަނީ ޑޮލަރުން. އޭރު ރަށުގައި ޑޮލަރުގެ ވިޔަފާރި ވަރަށް ރަނގަޅު. އެކަމަކު މިހާރު ޔޮޓުތައް ނާންނަތީ ރަށަށް ލިބޭ އާއްމްދަނީ ވަރަށް ބޮޑަށް ދަށްވެފައި ވަނީ. މިހާރު ރުފިޔާއިން ޓޫރިސްޓުން ހަރަދު ކުރި ނަމަވެސް އިގްތިސާދީގޮތުން ރަށް ކުރިއަރާނެ،" މުއާޒު ވިދާޅުވި އެވެ.
އުލިގަމަކީ ކުރިން ގިނަ އަދަދެއްގެ ޔޮޓް ބަނދަރުކުރާ ރަށެކެވެ. އެގޮތުން 2012 އާ ހަމައަށް އަހަރަކު 120 އާއި 150 އާ ދޭތެރޭ އަދަދަކަށް ޔޮޓް ބަނދަރު ކުރެ އެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުން ފެށިގެން އޭޕްރީލް މަހާ ދޭތެރޭ އެގޮތަށް ޔޮޓްތައް ބަނދަރު ކުރެ އެވެ. އެއީ ދުނިޔެ ވަށާ ދުއްވާ ސެއިލަރުން އޭޝިއާގައި އުޅެފައި ޔޫރަޕަށް ދިއުމަށް ދަތުރު ފަށާ މޫސުމެވެ. އުލިގަމަށް ގިނަ ޔޮޓް ފަހަރު އަންނަނީ އިންޑޮނީޝިއާ އާއި ތައިލެންޑްގެ އިތުރުން ލަންކާގައި މަޑުކޮށްފައި އަރަބި ކަނޑު ހުރަސްކުރަން ދަތުރު ފެށުމުގެ ކުރިންނެވެ. ގިނައިން ޔޮޓް އައި ދުވަސްވަރު ސީޒަން ތެރޭ، ބަނދަރުގައި 25-45 އާ ދެމެދުގެ އަދަކަށް ޔޮޓްތައް އޮވެ އެވެ.
އުލިގަމަށް ޔޮޓު ނާންނާތީ އެކަމުގެ ޝަކުވާ އެ ރަށުގެ ރައްޔިތުން ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެ އެވެ.
ޔޮޓުތަކުން ނަގާ ފީގެ 75 ޕަަސެންޓު ކުޑަކޮށްފި
އުލިގަމު ޔޮޓް މަހާސިންތާ ނިންމާލައިފި
އުލިގަމުގައި އެމްޕީއެލްއިން ޔޮޓް މެރީނާއެއް ހަދަނީ
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ރާއްޖޭން ފުރައިފި
ގިނަ ޔޮޓްތައް ރެލީގައި ބައިވެރިނުވެ އެނބުރި ދަނީ
އުލިގަމުގެ ޔޮޓް މޫސުމާ އެކު ރީތި މަންޒަރެއް
އުލިގަމަށް ޔޮޓް ނާންނަ ސަބަބު ހައްލު ނުކުރާތީ ޝަކުވާ
އުލިގަމުގައި ޔޮޓްމެރީނާ ގާއިމްކުރަން ސޮއިކޮށްފި
ޔޮޓްތަކުން އުލިގަމު ބަނދަރު ފުރިއްޖެ
ބޮޑު ބާބެކިއު އިން އުލިގަމަށް އެއްބައިވަންތަ ފެށުމެއް