ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލިސް ގަވާއިދަށް އިސްލާހެއް ގެންނަން ހުށަހަޅައިފި އެވެ.
15 ޑިސެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލިސް ގަވާއިދަށް އިސްލާހެއް ގެންނަން ހުށަހަޅައިފި އެވެ.
ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައި ކޮށްފައި ތިން ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އިސްލާހު ހުށަހެޅީ، މަޖިލީހުގެ ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައަޅާނެ ގޮތް ބަދަލުކުރުމަށެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މައްސަލައިގައި ވަނީ 19 ވަނަ މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
މަޖިލީހުގެ މިހާރު ގާނޫނީ އަދަދަކީ 80 މެންބަރުންގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި އޭނާ ވަނީ އާންމު ކޮމިޓީއަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
މި އިސްލާހު ފާސްވެއްޖެ ނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ. އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދުގައި ހިމަނާފައިވާ މާއްދާއަށް ބައެއް އިސްލާހުތަކެއް އިޖުތިމާއީ ކޮމިޓީން ފާސްކޮށްފައިވެ އެވެ.
މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވައި ކޮމިޓީން ފާސްކުރީ 19 ވަނަ މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާއަށް ބައެއް ބަދަލުތައް ގެނައުމަށެވެ.
އެ އިސްލާހުގެ ދަށުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، އެ ދުވަހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.
އާ އިސްލާހާއެކު ކުރިން ދެ ގަޑިއިރަށް ކަނޑައަޅާފައި އޮތް އެ މައްސަލައިގެ ބަހުސް ތިން ގަޑިއިރަށް ވަނީ އިތުރު ކޮށްފަ އެވެ.
ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓު ލިބިވަޑައިގަންނަވާއިރު، ކުރެވޭ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ގެންދެވޭނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި ކޮމިޓީގައި މައްސަލަ ކުރިއަށްދާއިރު ވެސް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާން ފުރުސަތު ލިބޭނެ އެވެ.
ރައީސް ވަކިކުރަން ހުށަހަޅާ ގަރާރު މަޖިލީހުގައި ކުރިއަށް ގެންދަން ފާސްވުމުން، އެކުލަވާލަން ޖެހޭ ކޮމިޓީގެ މެންބަރުންގެ އަދަދު އާ އިސްލާހުގައި ވަނީ ހަތް މެންބަރުންނަށް މަދުކޮށްފަ އެވެ. އަދި ކޮމިޓީގައި ހުރިހާ ޕާޓީއެއް ހިމެނުމަށް މިހާރު ލާޒިމެއް ނުވާނެ އެވެ.
ގަވައިދުގައި މިހާރު އޮތް ގޮތުން ކޮމިޓީގައި ތިބޭ 11 މެންބަރުން ވާން ޖެހޭނީ މަޖިލީހުގައި ތިއްބަވާ ހުރިހާ ޕާޓީތައް ނިސްބަތްވާ ގޮތަށް ކަނޑައަޅާ މެންބަރުންނަށެވެ.
ނާސިހާއި މުޖުތާޒަށް މަޖިލީހުން ރުހުންދީފި
ރިޔާސީ ދައުރެއް މިސަރުކާރަކުން ނުދަންމާނެ: ފަލާހް
އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގުގެ ނަން ފޮނުއްވައިފި
ސީއެސްސީގެ ރައީސަކަށް މުޖުތާޒު، ނައިބަކަށް ނާސިހު
އޭޖީ އޮފީހުގެ ބިލުން ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ
ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރަން ރައީސް ތާއީދު
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
ކޮމިޝަނުގައި ރައީސްގެ ބާރެއް ބޭނުންފުޅެއް ނޫން: ޚަލީލް
ފިކުރީ މުދާ ހިމާޔަތްކުރުމުގެ ބިލް ތަސްދީގުކުރައްވައިފި