ތިން އަހަރު ތެރޭ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަގުފްގެ އިމާރާތްތައް ބިނާކުރާނެ ކަމަށާއި އަންނަ އަހަރު ހުޅުމާލޭގައި 200 މިލިއަން ރުފިޔާގެ ވަގުފް މަޝްރޫއުއެއް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
14 ޑިސެމްބަރ 2023
ތިން އަހަރު ތެރޭ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަގުފްގެ އިމާރާތްތައް ބިނާކުރާނެ ކަމަށާއި އަންނަ އަހަރު ހުޅުމާލޭގައި 200 މިލިއަން ރުފިޔާގެ ވަގުފް މަޝްރޫއުއެއް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޒަކާތާއި ވަގުފް އަދި ހައްޖު ފަންޑް ކުރިއަރުވައި މެނޭޖްކުރާނެ ގޮތާ މެދު މަޝްވަރާކުރުމަށް އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމްގެ ނަމުގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ބޭފުޅުންނާ އެކު މިއަދު ފެށި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ މި މަޝްރޫއު ކާމިޔާބުވުމުން ފަގީރުންނާއި މިސްކީނުން ދާއިމީ ގޮތެއްގައި ހައްޖަށް ގެންދަން މަގު ފަހިވާނެ ކަމަށެވެ.
ޝަހީމް ވަނީ މިހާތަނަށް ފަށާ އެންމެ ބޮޑު ވަގުފު މަޝްރޫއުއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި 200 މިލިއަން ރުފިޔާގެ ވަގުފް އިންވެސްޓްމަންޓްގެ މަޝްރޫއުއެއް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކާމިޔާބު ކުރެވި، ދެ އަހަރު ތެރޭ ފައިދާވާނެ ކަމަށެވެ.
"ރާއްޖޭގެ ފަގީރުންނާއި މިސްކީނުންނަށް ދާއިމީ ގޮތެއްގައި ހައްޖަށް ދެވޭނެ މަގު ފަހިވެގެންދާނެ. ފަރުޟު ހައްޖުކުރަން ބޭނުންވާ މީހުންނަށް ކޮންމެ ފަގީރަކަށް ދައުލަތުން އެ ހިދުމަތް ދެވިގެންދާނެ، އެ މަޝްރޫއު ނިމުމަށްފަހު،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވަގުފު ތަރައްގީ ކުރުމަށް ބޭންކްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި ބޭނުންވަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭ ކޮންމެ އަތޮޅެއްގައި ވެސް ވަގުފް ޕްރޮޕަޓީއެއް ގާއިމްކުރަން ކަމަށެވެ.
"އިރާދަކުރެވިއްޔާ އެކަން ކުރާނަން. އަތޮޅު ތެރޭ އިސްލާމީ އަދި އިޖުތިމާއީ ކަންކަން ގާއިމް ކުރުމަށް ފައިސާއެއް ނެތް. މިސްކިތްތައް މަރާމާތުކުރުމާއި ދީނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ފައިސާއެއް ނެތް. މި ފައިސާ ހޯދުމަށް ކުރެވޭނެ ކަމެއްގެ ގޮތުން އަޅުގަނޑުމެން މި ބަލަނީ ވަގުފު ޕްރޮޕަޓީއެއް ގާއިމް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ފޯރަމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޝަހީމް: ވަގުފު ބިނާތައް ނިމުމުން ދައުލަތަށް ފައިދާ ކުރާނެ ކަމަށް ވިދާޅުވި
މިނިސްޓްރީން މިހާރު ވަނީ ދެމިހުރި ސަދަގާތެއްގެ ގޮތުގައި ވަގުފު އިމާރާތް އަޅަން ބޭނުންވާ ފަރާތްތަކަށް، ރަށު ވަގުފު، އަތޮޅު ނުވަތަ ސިޓީ ވަގުފު ގާއިމުކުރުމުގެ ފުރުސަތު ހުޅުވައިލައިފަ އެވެ. މި ވަގުފުތަކަކީ ރަށާއި އަތޮޅުތަކުގެ އިސްލާމީ ކަންކަމަށް ހާއްސަކުރެވޭ ވަގުފު ކަމަށާއި ގިނަ ބަޔަކު ވެގެން ވެސް މި ވަގުފު ގާއިމުކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ވަގުފު ޕްރޮޕަޓީއެއްގެ ގޮތުން މާލޭގައި ގާއިމްކުރި ދާރުލްއީމާން އިމާރާތުން އަހަރަކު 5-6 މިލިއަން ރުފިޔާ ލިބޭ ކަަމަށާއި އެއީ ވަރަށް ރަނގަޅު އަދަދެއް ކަމަށެވެ. އެއިން އިތުރު މަޝްރޫއުތައް ދުރުރާސްތާއެއްގައި އުފެއްދޭނެ ކަމަށް ވިދާޅުވި އެވެ.
ވަގުފުގެ އިތުރުން ޒަކާތަކީ ވެސް މި ސަރުކާރުން ކުރިއަރުވަން ބޭނުންވާ ކަމެއް ކަމަށާއި އޭގެ ދަށުން ޒަކާތު ހައުސް ގާއިމްކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަން ވެސް ކުރިއަށް ގެންގޮސް ތަރައްގީ ކުރެވޭނެ ކަމަށާއި އަދި ރަނގަޅަށް މަސައްކަތްކޮށްފި ނަމަ ހައްޖަށް ގެންދާ އަގު ވެސް ތިރި ކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމީ އިގްތިސާދު ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއް ކަމަށެވެ. އޭގެ ތެރެއިން ޒަކާތާއި ވަގުފު އަދި ހައްޖު ކޯޕަރޭޝަން ތަރައްގީ ކުރުން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ކަންކަން ތަރައްގީކޮށް ކުރިއަރުވަން ދާއިރާގެ ފަންނީ ބޭފުޅުންނާއި ޒުވާނުންގެ އެއްބާރުލުމާއި ލަފާ ބޭނުންވާނެ ކަމަށާއި މިއަދު ފެށި ފޯރަމުން ވެސް ގިނަ ހިޔާލުތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ހައްޖު މިނިސްޓަރުގެ ދައުވަތަކަށް ޝަހީމް ސައުދީއަށް
އަލަށް ހައްޖުވާ މީހުންނަށް އިސްކަންދޭ ގޮތް ހަދަނީ
ހައްޖު ނުވާ މީހުންނަށް އިސްކަންދޭ ވިސްނުން އެބަހުރި
ހައްޖު ކޯޓާ އިތުރުވުމުގެ ފުރުސަތު އެބައޮތް: ޝަހީމް
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ފުރަތަމަ ހިލޭ ހައްޖު 50-69 އަހަރުގެ މީހުންނަށް
މި ސަރުކާރުން ހިލޭ ހައްޖަށް ފޮނުވުން އަންނައަހަރު