12 ފެބުރުއަރީ 2017
މިދިއަ އަހަރުގެ މޭ މަހާ ހަމައަށް ވެސް ހއ. ތަކަންދޫ އުތުރު ކޮޅު ކުޅި އޮތީ، ރަށު ރައްޔިތުންނަށް އޭގެ ކުރިން ވެސް ފެންނަ ހިތްގައިމު ސިފަތަކާ އެކު އެވެ. މޫދާއި ކުޅިއާ ދެމެދު، ކުރެދި ގަސްތަކުން ފުރިފައިވާ، ހޭޅިފަށެއް އޮވެ އެވެ. އެކަމަކު މިދިއަ އަހަރުގެ ޖޫން/ޖުލައިގައި ހޭޅިފަށް ގިރާލައި، ކުރެދިގަސްތައް ވެއްޓި، ކުޅި އާއި މޫދު ގުޅުނެވެ. މިހާ ހިސާބުން އެ ބަދަލު ނިމުނީކީ ނޫނެވެ. ރަށުގެ އުތުރު ކޮޅުން ހުޅަނގު ފަރާތުގައި އަބަދުވެސް އޮންނަ ބޮޑު ތުނޑި ގިރާލައި، އޭގެ ފަސްތައް ކުޅީގެ އުތުރު ފަރާތަށް އަރަން ފެށީ އެވެ. އެއީ އުތުރު ކޮޅު ކުޅިން މީގެ ކުރިން ދުވަހަކު ވެސް އެ ރަށު ރައްޔިތުންނަށް ފެނުނު މަންޒަރެއް ނޫނެވެ.
މިދިއަ އަހަރުގެ މޭ މަހާ ހަމައަށް ވެސް ހއ. ތަކަންދޫ އުތުރު ކޮޅު ކުޅި އޮތީ، ރަށު ރައްޔިތުންނަށް އޭގެ ކުރިން ވެސް ފެންނަ ހިތްގައިމު ސިފަތަކާ އެކު އެވެ. މޫދާއި ކުޅިއާ ދެމެދު، ކުރެދި ގަސްތަކުން ފުރިފައިވާ، ހޭޅިފަށެއް އޮވެ އެވެ. އެކަމަކު މިދިއަ އަހަރުގެ ޖޫން/ޖުލައިގައި ހޭޅިފަށް ގިރާލައި، ކުރެދިގަސްތައް ވެއްޓި، ކުޅި އާއި މޫދު ގުޅުނެވެ. މިހާ ހިސާބުން އެ ބަދަލު ނިމުނީކީ ނޫނެވެ. ރަށުގެ އުތުރު ކޮޅުން ހުޅަނގު ފަރާތުގައި އަބަދުވެސް އޮންނަ ބޮޑު ތުނޑި ގިރާލައި، އޭގެ ފަސްތައް ކުޅީގެ އުތުރު ފަރާތަށް އަރަން ފެށީ އެވެ. އެއީ އުތުރު ކޮޅު ކުޅިން މީގެ ކުރިން ދުވަހަކު ވެސް އެ ރަށު ރައްޔިތުންނަށް ފެނުނު މަންޒަރެއް ނޫނެވެ.
މިހާރު ކުޅި އޮތީ އެ ބޮޑު ފަސްގަނޑުން ބެދިފަ އެވެ. ތަކަންދޫގެ ހިތްގައިމު ތުނޑި ގިރާލުމުގެ އިތުރުން ހުޅަނގު ފަރާތު ގޮނޑުދޮށުން ވެސް ބޮޑު ބައެއް ވަނީ މޫދަށް ވެފަ އެވެ. ކުރިން ނަމަ ތުނޑި އާއި ކުޅިއަށް ރަށު މީހުން ދަނީ ހުޅަނގު ފަރާތު އަތިރިމަތިން ލައިފަ އެވެ. އެކަމަކު އެ ސަރަހައްދު މޫދަށް ވުމުން ރައްޔިތުން ވަނީ ކުޅި އަށް ދެވޭ ގޮތަށް ވައު ކޮށައިގެން، ރަށު ތެރެއިން މަގެއް ހަދައިފަ އެވެ.
ތަކަންދޫން ފުރައިގެން ލޯންޗެއްގައި ވިއްސަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް ހއ. ގެ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ ހޯރަފުށީގެެ ހުޅަނގު ކޮޅުން ވެސް ގުދުރަތީ ބޮޑު ބަދަލެއް ފެނެ އެވެ. ހޯރަފުއްޓާ 252 މީޓަރު (830 ފޫޓު) ދުރުގައި އޮތް ފަޅުރަށެއް ކަމަށްވާ ކުޑަފިނޮޅު މިހާރު ވަނީ ހޯރަފުއްޓާ ބިމުގެ ގޮތުން ގުޅި، ދެ ރަށް އެކުވެފަ އެވެ.
މިއީ ވެސް އެއްގޮތަކުން ބަލާ ނަމަ، އާދައިގެ ބަދަލެއް ނޫނެވެ. ދިގުމިނުގައި 573 މީޓަރު ހުރި ކުޑަފިނޮޅާއި ހޯރަފުއްޓާ ދެމެދު ކުރިން އޮތީ ފުން ވިލެވެ. ކުރީ ޒަމާނުގައި ހޯރަފުށީގެ އާންމު ކަނޑިންމަ އިން ދޯނިފަހަރަށް ނުވަދެވޭ ގޮތް ދިމާވެއްޖެ ނަމަ އުޅަނދުފަހަރު އެ ރަށަށް ވަންނަން ބޭނުންކުރީ ވެސް، "އަޑަވަރު"ގެ ނަމުން މަޝްހޫރު، އެ ދިމާލެވެ. އެހެންކަމުން އެއީ ކަނޑު އުޅަނދުފަހަރު ދަތުރުކުރަން ވެސް ފަސޭހަ، ފުން ތަނެއްކަން، ކުރީ ޒަމާނުންސުރެ ވެސް އޮތީ އެނގޭށެވެ.
ނަމަވެސް ދެ ރަށުގެ ދެމެދުގައި އޮތް އެ ފުން މޫދު ކުއްލިއަކަށް ތިލަވެ، ގުދުރަތީ ބޮޑު ބަދަލެއްގެ ނިޝާންތައް ދައްކާލި އެވެ. އެކަން އެންމެ ފުރަތަމަ ފާހަގަވީ 2011 ގަ އެވެ. ބަލަބަލާ ތިއްބާ ލޮނުުގަނޑުން މައްޗަށް ފަސްގަނޑު އުފެދި، 2012 ގެ ފަހުކޮޅު ދެ ރަށް މުޅިން ގުޅުނެވެ. ކުޑަފިނޮޅަކީ ހޯރަފުށީގެ ބައެއް ކަމަށް، މިދިއަ އަހަރު ސަރުކާރުން ވަނީ ރަސްމީކޮށް ހަމަޖައްސައިފަ އެވެ.
ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަހީދު ވިދާޅުވި ގޮތުގައި ރަށުގެ ގުދުރަތީ ރީތިކަމުގެ ތެރޭގައި ހިމެނޭ ކުޅިއަށް ދިމާވި އެ ބޮޑު ބަދަލާ އެކު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. ކުޅިއަކީ ރަށަށް ލިބިފައިވާ ގުދުރަތީ ހިމާޔަތެއް ކަމަށް ބެލެވޭތީ އެފަދަ ބަދަލަކުން އެ ހިމާޔަތް ނެތިދިއުމަކީ އެންމެ ބޮޑު ނުތަނަވަސްކަމޭ ވެސް އޭނާ ވިދާޅުވި އެވެ.
ތަކަންދޫ ކުޅި ތެރެއަށް ވެލިގަނޑު ވަދެ، ބެދެމުން ދިޔަ އިރުގެ މަންޒަރެއް: މިއީ ކުރިން މި ކުޅިއަށް ވީ ގޮތެއް ނޫން
"އަޅުގަނޑުމެންނަށް އިވޭ ބުނާ އަޑު ކުޅިއަކީ ގުދުރަތީ ގޮތުން ރަށްރަށަށް ލިބިފައިވާ ހިމާޔަތެކޭ،" ޝަހީދު ވިދާޅުވި އެވެ.
"ސުނާމީގައި ވެސް މި ރަށަށް ޕްރޮޓެކްޝަން ލިބުނީ ކުޅި އޮތުމުންނޭ ވެސް ބައެއް މީހުން ބުނޭ."
ހަގީގަތުގައި މިއީ ތަކަންދޫ ރައްޔިތުން މީގެ ކުރިން ތަޖުރިބާ ނުކުރާ ބަދަލެއް ނޫނެވެ. ރަށުގެ ދެކުނު ފަރާތުން އިރުމަތީގައި ކުރިން އޮތް ކުޅިއަށް ވެސް މީގެ އަހަރުތަކެއް ކުރިން ދިމާވީ ހަމަ އެ ހާލަތެވެ. ކުރިން އެއީ ވެސް މޫދާ ސީދާ ގުޅުމެއް ނެތް ތަނެކެވެ. އެކަމަކު ކުއްލިއަކަށް ހޭޅިފަށް ވެއްޓި، ކުޅި ތެރެއަށް ފަސްގަނޑު ވަނީ އެވެ. މިހާރު އެ ކުޅީގެ ބޮޑު ބައި ވަނީ އެ ވަލިގަނޑާ އެކު ހިކިފަ އެވެ.
ދެ ކޮޅުގައި އޮތް ކުޅިއަކީ ތަކަންދޫ ރައްޔިތުންނަށް، ބައެއް ދުވަސްވަރު، ވަރަށް ޚާއްސަ ތަނެކެވެ. އެގޮތުން މަސް ވެރިކަން ދަށްވެ، ލޮނުކަމަށް ޖެހޭ ފަހަރުފަހަރު އެއީ އެންމެ ބޮޑު އެހީ އެވެ.
"ލޮނުކަމަށް ދަތިވެއްޖެއްޔާ ކުޅިއަށް އެރި ދާ އަޅައިގެން ބޭންގު ހިފައި ރައްޔިތުންނަށް ބަހާނެ،" ޝަހީދު ވިދާޅުވި އެވެ.
އެކަމަކު ދެ ކުޅި ވެސް މޫދަށް ހުޅުވުމާ އެކު ހުރިހާ ބޭންގުތައް ނުކުމެ، މޫދަށް ފައިބައިގެން ދިޔައީ އެވެ. އުތުރު ކޮޅު ކުޅީގައި އުޅުނު ބޭންގުތައް ވެސް ރަށުގެ ފަޅުތެރެއިން ބައިބަޔަށް ފެނުނެވެ. މިހާރު އެ ކުޅީގައި އުޅެނީ، އެއް ބަޔަކު ބުނާ ގޮތުގައި، ބޭންގުގެ ބަދަލުގައި، މަޑި ފަދަ މޫދުގެ ދިރުންތަކެވެ.
ރާއްޖޭގެ ރަށްރަށަށް ލިބިފައި ހުންނަ ގުދުރަތީ ސިފަތަކަށް މި އަންނަ ބަދަލުގެ ސީދާ ސަަބަބުތައް ބުނަން ދައްޗެވެ. އެކަމަކު ތިމާވެށީގެ މާހިރުން ކަމަށްވާ މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ފަދަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އޭގެ މައިގަނޑު ސަބަބު ގުޅިފައި އޮންނާނީ "މޫސުމަށް އަންނަ ބަދަލުތަކާ" އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަކަންދޫގެ ކުޅިއަށް ދިމާވި ހާލަތާ ގުޅިގެން ރަނގަޅު ނަތީޖާއަކާއި ނުބައި ނަތީޖާއެއް ވެސް ނުކުންނާނެ އެވެ. ރަނގަޅު ނަތީޖާ އަކީ ގުދުރަތީ ގޮތުން ރަށުގެ ބައެއް އުފެދި، ބިމުގެ ސަރަހައްދު ބޮޑުވުމެވެ. ނުބައި ނަތީޖާއެއްގެ ގޮތުގައި ނެގޭނެ ކަންކަމުގެ ތެރޭގައި، ގުދުރަތީ ބައެއް ދިރުންތައް ނެތުމާއި ރަށުގެ ފެން ފަށަލައަށް އަތުވެދާނެ ބަދަލު ހިމެނެ އެވެ. ކުޅީގެ ފެންގަނޑުން ރަށުގެ ތާޒާ ފެން ފަށަލަ މަދު ނުވެ ހިފަހައްޓައިދެ އެވެ. އެކަމަކު ކުޅި ބެދި، ފަސް އެޅުމުން ގުދުރަތީ އެ ނިޒާމަށް ބުރޫއަރަ އެވެ.
ހއ. ތަކަންދޫ: ރަށުގެ އުތުރު ކޮޅުގައި އޮންނަ ކުޅިއަކީ ރަށަށް ލިބިފައިވާ ގުދުރަތީ ރީތި ކަމެއް
ހޯރަފުއްޓާއި ކުޑަފިނޮޅު ގުޅިފައި އޮތްލެއް ވަރުގަދަކަމާ އަޅާބަލާއިރު ތަކަންދޫ ކުޅި ތެރެއަށް ވަދެފައި އޮތް ފަސްގަނޑުގެ ހިފެހެއްޓުން ފެންނަނީ ތަންކޮޅެއް ނިކަމެތިކޮށެވެ. އެހެންކަމުން މި އަހަރުގެ ހުޅަނގު މޫސުމުގެ ތެރޭގައި އެ ފަސްގަނޑު ގިރާލައި، އެހެން ހިސާބެއްގައި އެފަސްތައް ވޮޑުން އެކަށީގެންވެ އެވެ. އެކަމަށް ބާރު ލިބޭ ބައެއް ނިޝާންތައް މިހާރު ވެސް ފެނެ އެވެ.
"އެ ހިސާބުން މިހާރު ވެލިގަނޑު ގިރަމުން އެބަ ދޭ،" ކުޅިއަށް ވަދެފައި އޮތް ވެލިގަނޑާ ބެހޭ ގޮތުން ޝަހީދު ވިދާޅުވި އެވެ.
އެ ވެލިގަނޑު ގިރާލައިފި ނަމަ އަނެއްކާވެސް ކުރީގެ ބޮޑު ތުނޑި އުފެދުމުގެ ފުރުސަތު އޮވެދާނެ އެވެ. އެއީ ކުޅީގެ ހިތްގައިމުކަމާ އެއްވަރަށް އެރަށަށް ލިބިފައި އޮންނަ ގުދުރަތީ ރީތިކަމެކެވެ.
އާންމުކޮށް ތިލަ ހިސާބުތަކަށް ފަސް އަރައިގެން އެކި ރަށްރަށް ގުޅުމަކީ، ރާއްޖެ އިން ފެންނަ ގުދުރަތީ ބަދަލުތަކުގައި ހިމެނޭ ކަމެކެވެ. ނަމަވެސް ކުޑަފިނޮޅާއި ހޯރަފުއްޓާ ދެމެދު ކުރިން އޮތް ފުން މޫދު އެހާ އަވަހަށް ތިލަވުމުން ހައިރާންވާ މީހުން މަދެއް ނޫނެވެ.
"އެ ހިސާބުގެ ފުންމިން ވިއްސަކަށް ފޫޓަށް ވުރެ ކުޑައެއް ނުވާނެ،" ހޯރަފުށީ މީހަކު ބުންޏެވެ.
ހއ. ހޯރަފުށި (ކ) އާއި ކުޑަފިނޮޅު (ވ) ގުޅިފައި އޮތް އިރު މެދުގައި އެ އޮތް ފަސްގަނޑު އުފެދިފައި ވަނީ ކުރިން 20 ފޫޓުގެ ފުން މިން ހުރި މޫދެއްގެ ތެރޭގައި
މީގެ ފަސް އަހަރު ކުރިން ސްކޫލް ކުއްޖަކު ވަނީ އެ ސަރަހައްދުގައި ގެނބިގެން މަރުވެފަ އެވެ. އަދި އޭގެ ކުރިން ވެސް އެކަހަލަ ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ. އޭގެ މާނައަކީ އެއީ ފުން އަދި ބައެއް ފަހަރަށް އޮއި ވެސް ގަދަ ހިސާބުގަނޑަކަށް ވުމެވެ.
އެކަމަކު މިހާރު އެ މޫދުގެ އަސަރު ވެސް ފެންނާކަށް ނެތެވެ. އެންމެ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 830 ފޫޓުގެ މޫދު ހިކި، ހޯރަފުއްޓާ ގުޅިގެން ދިޔައީ އެވެ. އެއީ ކުރިން ދެ ރަށެއްކަމެއް، ހޯރަފުއްޓަށް އަލަށް ޒިޔާރަތްކުރާ މީހަކަށް ނޭނގޭނެ އެވެ.
މި ބަދަލަކީ އެ ރަށު ރައްޔިތުންނަށް އުފަލެކެވެ. އެއްވެސް ޚަރަދެއް ނުކޮށް ރަށުގެ ބިމަށް އިތުރުވި ބައެކެވެ. އެ ހިސާބުގަނޑުގެ މޫދު ވެސް ރީތިވުމާ އެކު، ރަށު ކައުންސިލުން ދެކެނީ، އެއީ ކުރިމަގުގައި ޓޫރިޒަމްގެ މަސައްކަތްތައް ފަށަން ވެސް ލިބުނު ފުރުސަތެއްގެ ގޮތުގަ އެވެ.
"މި ރަށު މީހުންނަށް މޫދަށް އެރި، ދަތުރު ގޮސް، އުޅެން ފަހިވި ފުރުސަތެއް މިއީ،" ހޯރަފުށީ ކައުންސިލްގެ ރައީސް އަލީ އާރިފް ވިދާޅުވި އެވެ.
"ދެ ރަށް ގުޅުމުން އެ ފުރުސަތު މި އޮތީ ބޮޑުވެފައި. އާއިލާތަކާއި ސްކޫލް ކުދިން ދަތުރު ގޮސް، ހިތްފަސޭހަކޮށްލަން ފަސޭހަވާނެ. އެއީ ނުލާހިކު ރީތި މޫދެއް އޮތް ތަނެއް."
ކުޑަފިނޮޅާ އެކު ރަށަށް ހޯދޭނެ އިގުތިސާދީ ފައިދާތަކެއް ވެސް އެބަ ހުރިކަން އާރިފް ފާހަގަކުރެއްވި އެވެ. އެގޮތުން ޓޫރިޒަމް ސަރަހައްދަކަށް އެ ހިސާބު ޚާއްސަކޮށްގެން ތަރައްގީކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުއްމީދުކުރަނީ މި އަހަރުގެ ތެރޭގައި އެކަމަށް ހުޅުވާލެވޭނެ ކަމަށް، ސަރުކާރުގެ ހުއްދައާ އެކު،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށް ނާޒުކު ފަދައިން ގުދުރަތީ ގޮތުން އަންނަ ބަދަލުތައް ވެސް އެހާމެ ގިނަ އެވެ. އިއްޔެ ފެނުނު ބޮޑު ތުނޑި މާދަމާ ގިރާލަފާނެ އެވެ. އިއްޔެ ފުން ވިލަކަށް އޮތް މޫދު ތިލަވެ، ރަށެއް އުފެދިދާނެ އެވެ. ގިރުމާއި ވޮޑުމާއި، އަލުން ކުދިކުދި ރަށްރަށް ލޮނުގަނޑު މަތިން ދައްކާލުން ކަހަލަ އެތައް މަންޒަރެކެވެ.
ލޮލަކަށް ނުފެނޭ، ދިރިއުޅުމުގައި ނުހިނގާ މަގެއް ނެތް!
ހޯރަފުށި އެއާޕޯޓަށް ތަކަންދޫ ކައިރިން ވެލިނަގާތީ ޝަކުވާ
"ބަރާސިލު"ގެ ހަނދާންތައް، އަބްދުﷲގެ ހަޔާތުން
ތަކަންދޫ ޕްރޮފައިލް
ތިން ރައީސުން ތިއްބެވި އުތީމުގެ "ރިޔާސީ ގަނޑުވަރު"
މަޖިލީހުން މަޝްރޫއުތަކަށް ހުރަސްއަޅާ: ރައީސް
އެންމެ އުތުރުގައި އޮންނަ ރީތި ފަޅުރަށް ދެބުރިވެއްޖެ
ހޯރަފުއްޓަށް ގެއްލުންވީ ބިން ހިއްކިގޮތުން ކަމަށް ވެެދާނެ
ހޯރަފުށީ ފެރީ ޓާމިނަލުގެ ބިންގާ އަޅައިފި
ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި