Roadha Mihaaru
ހޯރަފުށީ ފެރީ ޓާމިނަލުގެ ބިންގާ އަޅައިފި

ފެރީ ނެޓްވޯކު ފަށަން ހޯރަފުށީ ޓާމިނަލްގެ ބިންގާ އަޅައިފި

07 އެޕްރީލް 2021

އެމްޓީސީސީން ހއ. ހޯރަފުށީ ފެރީ ޓާމިނަލްގެ ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޓީސީސީން ހއ. ހޯރަފުށީ ފެރީ ޓާމިނަލްގެ ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި ޓާމިނަލަކީ ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގައި އަޅާ ޓާމިނަލެކެވެ. މި ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގައި 41 ޓާމިނަލް ހަދާނެ އެވެ.

ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އާ ފެރީ ނިޒާމް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކަނޑު ދަތުރުކުރުމުގައި މިހާރު ބޭނުން ކުރަމުންދާ ފެރީގެ ނިޒާމްގައި ހުރި މައްސަލަތައް ބަލައި، އެކަންކަމަށް ހައްލު ލިބޭ ގޮތަށް ކަމަށް އެމްޓީސީސީން ބުންޏެވެ. މި ނިޒާމާ އެކު ދަތުރުތައް ތިން ގުނަ އަވަސް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ނެޓްވޯކުގައި ބޭނުންކުރާނީ ސީދާ މިކަމަށް ފަރުމާކޮށްގެން އަލަށް ބަންނަ ފެރީތަކެވެ. އެމްޓީސީސީން ބުނިގޮތުގައި ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާކުރާނީ ދިގު ދަތުރުތަކަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ވެސް ފެރީތަކުގައި ގާއިމްކުރާނެ އެވެ.