Roadha Mihaaru

ރަށްރަށުން އަންނަ ލޯންޗުތަކުން ހެންވޭރު ޓާމިނަލް ބޭނުން ކުރަން ފަށައިފި

އަތޮޅުތަކުން މާލެ އަށް އަންނަ ލޯންޗުތަކުން ހެންވޭރު ފެރީ ޓާމިނަލް ބޭނުން ކުރަން މިއަދު ފަށައިފި އެވެ.

ލޯންޗުތަކުން ހެންވޭރު ޓާމިނަލް ބޭނުން ކުރަން ފަށައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 މާޗް 2025

އަތޮޅުތަކުން މާލެ އަށް އަންނަ ލޯންޗުތަކުން ހެންވޭރު ފެރީ ޓާމިނަލް ބޭނުން ކުރަން މިއަދު ފަށައިފި އެވެ.

ކުރީގެ ނަސަންދުރަ ޕެލަސް ހޮޓެލް ނުވަތަ މިހާރުގެ "ބާސެލޯ ނަސަންދުރާ މާލެ" ކުރިމަތީގެ ޓާމިނަލްގެ ބަނދާރައި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު، ލޯންޗު ފެރީ އޮޕަރޭޓް ކުރާ އެންމެންނަށް ހުޅުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ.

އެ ނިންމެވުމާ އެއްގޮތަށް، ހެންވޭރު ފެރީ ޓާމިނަލުން ލޯންޗުތައް ރަށްރަށަށް ދަތުރުކުރަން ފެށީ މިއަދު އެވެ.

ޓާމިނަލް ކައިރީ ހުންނަވައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ އެއީ ހުޅުލެ އަށާއި ކްރޮސްރޯޑަށް ދަތުރުކުރާ ފެރީތައް ކައިރި ކުރާ ތަނެއްގެ ގޮތުގައި އޮތް ނަމަވެސް އަތޮޅުތަކުގެ ލޯންޗުތަކުގެ ޝެޑިއުލް ލިބުމުން އެ ވަގުތުތަކަށް އެ ޓާމިނަލުން ފަސޭހައިން ހިދުމަތް ލިބޭނެ ކަމަށެވެ.

ޓާމިނަލް ބޭނުންކުރަން ބޭނުންވާ އުޅަނދުތައް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވައިލުމުން އދ. އަތޮޅުގެ ތިން ރަށަކުންނާއި ކ. އަތޮޅުންނާއި ބ. އަތޮޅުގެ ފަސް ރަށަކުން ވެސް ހުށަހެޅި އެވެ.

އެމްޓީސިސީން ބުނީ ހިދުމަތްދޭން ފެށުމުން ދުވާލަކު 15 ލޯންޗު ފެރީ އަށް އެ ޓާމިނަލުން ހިދުމަތް ދެވޭނެ ކަމަށެވެ.

އެއީ ގާތްގަނޑަކަށް 2،000 ފަސިންޖަރުންނެވެ. ހިދުމަތް ރާވާފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓާމިނަލުން އެއްފަހަރާ ފަސް ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ އަދި ހުޅުމާލޭ ފެރީ ޓާމިނަލުން އެއްފަހަރާ ތިން ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ހާއްސަކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ދަތުރުވެރިންގެ ފަސޭހައަކަށްޓަކައި ޓާމިނަލްގެ ފާހާނާގެ ހިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލެ އަށް ރަށްރަށުން އަންނަ ލޯންޗު ފެރީތަކުން މީހުން ފޭބުން ބޮޑު ތަކުލީފަކަށް ވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ހާއްސަކޮށް އަވީގައި ގިނަ އިރުތަކެއް ވަންދެން ތިބެން ޖެހުމުގެ ޝަކުވާތައް ވެސް ވަރަށް ބޮޑެވެ.