Roadha Mihaaru
އެމްޓީސީސީ: އެންމެ ބޮޑު ބޮލުރިހުމަކީ ދަތުރުފަތުރު!

އެމްޓީސީސީ: އެންމެ ބޮޑު ބޮލުރިހުމަކީ ދަތުރުފަތުރު!

19 މެއި 2019

އެމްޓީސީސީ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުންޏަށް ވަމުންދާ ގެންލުންތަކުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މިދިޔަ އަހަރުގެ ފައިދާ އިންތިހާ އަށް ދަށްވެފައިވާ އިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ވަނީ 45 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. މިދިޔަ އަހަރުގެ ފުރަަތަމަ ކުރާޓަރުގައި ވަނީ 9.7 މިލިއަން ރުފިޔާގެ ފައިދާ ވެފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީސީސީ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުންޏަށް ވަމުންދާ ގެންލުންތަކުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މިދިޔަ އަހަރުގެ ފައިދާ އިންތިހާ އަށް ދަށްވެފައިވާ އިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ވަނީ 45 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. މިދިޔަ އަހަރުގެ ފުރަަތަމަ ކުރާޓަރުގައި ވަނީ 9.7 މިލިއަން ރުފިޔާގެ ފައިދާ ވެފަ އެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެހާ ބޮޑު ގެއްލުމެއްވީ މަގާމާ ހަވާލުވެ ވަޑައިގެންނެވި އިރު މަޝްރޫއުތަކެއް ނުހިނގާތީ ކަމަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން، މާ ބޮޑު މަސައްކަތެއް ނުކޮށް ކުންފުނި އޮންނަން ޖެހުމެވެ.

"ރިޔާސީ އިންތިހާބަށް ފަހު، އެމްޓީސީސީ އަށް އައީ އައިޑްލް ޓައިމެއް. އެމްޓީސީސީގައި އޭރު މާބޮޑު މަސައްކަތެއް ނުކުރެވުނު. އަޅުގަނޑު މަގާމާ ހަވާލުވީ، ޑިސެމްބަރު މަހު،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާއެއް ލިބޭވަރުގެ މާގިނަ މަސައްކަތްތަކެއް ނުކުރެވުނެވެ. ޝާހު ވިދާޅުވީ، މާޗު މަހާއި އެޕްރީލުން ފެށިގެން އަނެއްކާ ވެސް ސަރުކާރުގެ މަޝްރޫއުތައް ވަނީ ލިބެން ފަށައިފަ އެވެ. މިހާރު ސަރުކާރުން 400 މިލިއަން ރުފިޔާގެ މަޝްރޫއު ލިބި އެމްޓީސީސީން އެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ފަބްލިކް ޓްރާންސްޕޯޓަށް ސަބްސިޑީ ބޭނުން

ޝާހު ވިދާޅުވީ، މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ޕަބްލިކް ޓްރާސްޕޯޓުގެ މައްސަލަ އަށް ހައްލެއް ހޯދުމަށެވެ.

"އަޅުގަނޑުމެންނަށް ކޮންމެ އަހަރަކު ވެސް ފަބްލިކް ޓްރާންސްޕޯޓުން މި ލިބެނީ ގެއްލުން. މިދިޔަ އަހަރު ވެސް 70 މިލިއަން ރުފިޔާއާ ހަމައަށް ގެއްލުންވި،" އޭނާ ވިދާޅުވި އެވެ.

ގެއްލުން ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ސަބްސިޑީ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝާހު ވިދާޅުވީ، ޓްރާންސްޕޯޓް މެނޭޖު ކުރުމަށްޓަކައި ސަރުކާރުން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އެމްޓީސީސީން މިހާރު ވެސް އަންނަނީ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

އެމްޓީސީސީ ވިލިމާލެ ފެރީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޓީސީސީ ވިލިމާލެ ފެރީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރަށްރަށުގެ ދަތުރުތައް ކުރުން ދެކޮޅު ޖެއްސުމަށް އެމްޓީސީސީ އަށް ރަށްތަކެއް ދިން ނަމަވެސް އެ ރަށްތައް މިހާރު ޓޫރިޒަމް މިނިސްޓްރީ އަށް ނަގާފައިވާ ކަމަށެވެ.

"އެމްޓީސީސީ އަށް ކ، އ، ވ. ދީފައި އޮންނަ އިރު ވ. އަތޮޅުން ރަށެއްދިން. ޓޫރިޒަމް މިނިސްޓްރީން އެ ރަށް ވަނީ ނަގައިފައި. އެމްޓީސީސީ އަށް އެކަމުން ވެސް ކޮމްޕެންސޭޓް ކުރަން ދީފަ އޮތް ރަށް ގެއްލުނީ،" އޭނާ ވިދާޅުވި އެވެ.

ރަށްތައް އެމްޓީސީސީގެ ދަށުން ނަގާފައިވާ އިރު ޓްރާންސްޕޯޓުގެ މަސައްކަތް ކުރުމަށްޓަކައި ސަރުކާރާ ދެމެދު އެގްރީމެންޓެއް ވެސް ހެދިފައެއް ނުވެ އެވެ. އެގްރީމެންޓް ހެދިފައި ހުރި ސަރަހައްދުތަކަށް ވެސް އެމްޓީސީސީ އަށް ފައިދާވާނެ ސެކިއުރިޓީއެއް ނުވަތަ އަގެއް ކަނޑައެޅިފައެއް ނުވެ އެވެ. މިއީ ޓްރާންސްޕޯޓުން އެ ކުނުްފުންޏަށް ގެއްލުން ލިބޭ އެންމެ ބޮޑު ސަބަބެވެ.

ސަރުކާރުގެ 70 ޕަސެންޓް އަދި އާންމު ރައްޔިތުންގެ 30 ޕަސެންޓް ހިއްސާވާ މި ކުންފުނި ރަނގަޅަށް ހިންގުމަށް ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ވޭނުންވެ އެވެ.

"މިއީ ސީއެސްއާރްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ވެސް ކޮށްދޭ ކުންފުންޏެއް. ކުޅިވަރުގެ ކަންކަމާއި ސޯޝަލް ކަންކަމުގައި ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ކޮށްދެން،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން ސީއެސްއާރް ގިނަ މަސައްކަތްތަކެއް

އެމްޓީސީސީން ރަށެއްގެ ބަނދަރު ހެދުމަށް ގޮސް އެ ރަށުގެ ދަނޑު އެއްވަރުކޮށްދީ، ނުވަތަ މަގުތައް އެއްވަރު ކުރުމުގެ ކަންކަން އެއްވެސް އަގަކާ ނުލާ ކޮށްދެ އެވެ. އެހެންވެ، ސީއެސްއާރް ގިނަ މަސައްކަތްތަކެއް ކުރާއިރު ސަރުކާރު މަޝްރޫއުތައް މިހާރަށްވުރެ ފަސޭހައިން ލިބެން ވާނެ ކަމަށް ޝާހު ގަބޫލު ކުރައްވަ އެވެ.

"ޑައިރެކްޓްކޮށް ރަނގަޅު ޕްރޮޖެކްޓް ލިބެން ޖެހޭ. މިހާރު އަޅުގަނޑުމެންނަށް މި ލިބެނީ އާދައިގެ ކޮންޓެރްކްޓަރުންނާ ވާދަކޮށްގެން އިއުލާނުކޮށްގެން ބިޑު އުސޫލުން،" އޭނާ ވިދާޅުވި އެވެ.

މިފަދަ މަޝްރޫއުތައް އެކަނި ލިބިގެން އެމްޓީސީސީ ފަދަ ހަރަދު ބޮޑު ކުންފުންޏަކުން ފައިދާ ހޯދަން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސަރުކާރު ހަވާލުވި އިރު އެމްޓީސީސީގެ ހަރަދުތައް ބޮޑުވެ، ފައިދާ އިންތިހާ އަށް ކުޑަވެފައިވުމުން، އެ ކުންފުނި ކޮޅަށް ޖެހުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މި އަހަރުގެ ކުރިއަށް އޮތްތަނުގައި މަޝްރޫއުތައް ގިނައިން ލިބޭ ނަމަ، މި ގެއްލުންތައް ކުޑަކުރެވޭނެ ކަމަށް އެ ކުންފުނިން ގަބޫލު ކުރެ އެވެ. އެކަން ކުރުމަށް ސަރުކާރުގެ އެހީތެރިކަން ވަނީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.