Roadha Mihaaru
ހުޅުމާލޭ ސައިކަލް ފެރީގެ ހިދުމަތް ހުއްޓާލައިފި

ޑިމާންޑް ދަށްވެ، ހުޅުމާލޭ ސައިކަލް ފެރީގެ ހިދުމަތް ހުއްޓާލައިފި

03 އޮކްޓޯބަރ 2018

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމުން، ސައިކަލް ފެރީތަކަށް އޮތް ޑިމާންޑް ދަށްވުމުން، އެ ހިދުމަތް އެމްޓީސީސީން ހުއްޓާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމުން، ސައިކަލް ފެރީތަކަށް އޮތް ޑިމާންޑް ދަށްވުމުން، އެ ހިދުމަތް އެމްޓީސީސީން ހުއްޓާލައިފި އެވެ.

އެމްޓީސީސީން ބުނީ މާލޭން ހުޅުމާލެ އަށް ނުވަތަ ހުޅުމާލޭން މާލެ އަށް ސައިކަލު ގެންދާ ފެރީގެ އިތުރުން، އާއްމު ފެރީތަކުގައި ވެސް ސައިކަލު އުފުލުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. މީގެ ކުރިން، ސައިކަލު އުފުލުމަށް ވަކި ފެރީއެއް ހާއްސަކޮށްފައި އޮންނަ އިރު، އާއްމު ގިނަ ފެރީތަކުގައި ވެސް ސައިކަލު އުފުލެ އެވެ.

"ބްރިޖް އެޅި ފަހުން މިހާރު އެއްގޮތަކަށް ވެސް މީހުން ފެރީގައި ސައިކަލެއްގ ނުގެންދޭ. ގެންދިޔަޔަސް ގެންދާނީ، ބްރިޖް މަތީގައި ދަތުރު ނުކުރެވޭ ފަދަ ހާލަތްތަކުގައި ހުންނަ ސައިކަލުތައް އެކަނި،" އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައިކަލު ފެރީގެ ހިދުމަތް ހުއްޓާލި ނަމަވެސް، އާއްމު ފެރީތަކުގެ ހިދުމަތް އެ ތަނުން ދެމުން އަންނަ ކަމަށެވެ. އެކަމަކު ބްރިޖް ހުޅުވުމާ އެކު، ފެރީން ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބްރިޖް ހުޅުވުމުގެ ކުރިން އާއްމުކޮށް ހުކުރު ދުވަހު ކޮޅަކަށް 7،000 މީހުން ދަތުރު ކުރެ އެވެ. އަދި ސައިކަލު ގެންދިޔުމަށް، ދިގު ކިޔޫއެއް އޮވެ އެވެ. އެކަމަކު މިހާރު، ގިނަ ވަގުތުތަކުގައި ފެރީ ޓާމިނަލް އޮންނަނީ ފަޅަށެވެ.

ބްރިޖްގައި ދަތުރުކުރުމަށް މި ވަގުތު އެއްވެސް ފީއެއް ނުނަގަ އެވެ. އަދި ފީ ނަގާނެ ވަކި ދުވަހެއް ވެސް ސަރުކާރަކުން އިއުލާނެއް ނުކުރެ އެވެ.