Roadha Mihaaru
ފެރީގެ ހިދުމަތް ހަމައެކަނި އެމްޓީސީސީ އަށް

ފެރީގެ ހިދުމަތް ޓްރާންސްޕޯޓް ކުންފުނީގެ ބަދަލުގައި ހަމައެކަނި އެމްޓީސީސީއަށް

07 ޖޫން 2016

ހުޅުމާލެ އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީ އާއި އެމްއޭސީއެލް އަދި އެމްޕީއެލް ގުޅިގެން އުފެއްދި ޓްރާންސްޕޯޓް ކުންފުނީގެ ބަދަލުގައި، ހަމައެކަނި އެމްޓީސީސީން ފެރީގެ ހިދުމަތް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ހުޅުމާލެ އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީ އާއި އެމްއޭސީއެލް އަދި އެމްޕީއެލް ގުޅިގެން އުފެއްދި ޓްރާންސްޕޯޓް ކުންފުނީގެ ބަދަލުގައި، ހަމައެކަނި އެމްޓީސީސީން ފެރީގެ ހިދުމަތް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް މިއަދު ވިދާޅުވީ "ޓްރާންސްޕޯޓް ފޯ މޯލްޑިވްސް"ގެ ނަމުގައި އުފެއްދި ކުންފުނީގެ ބަދަލުގައި ފެރީގެ ހިދުމަތް ކުރިޔަށް ގެންދާނީ ހަމައެކަނި އެމްޓީސީސީން ކަމަށެވެ.

އެގޮތަށް ނިންމި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ސަރުކާރުން ނިންމާފައި ވަނީ އަޅުގަނޑުމެން އެކަނި ފެރީގެ ހިދުމަތް ކުރިޔަށް ގެންދާ ގޮތަށް. އެ ކުންފުނި އުފެއްދީ އަޅުގަނޑުމެން ތިން ކުންފުނި ގުޅިގެން އެކަން ކުރާ ގޮތަށް. އެކަމަކު މިހާރު މިއޮތީ ކުރިން ވެސް އޮތް ގޮތަށް މިކަން ކުރާ ގޮތަށް،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓްރާންސްޕޯޓް ފޯ މޯލްޑިވްސް ކުރިޔަށް ގެންދާނެ ގޮތެއް އަދި ނިންމާފައިނުވާ ކަމަށެވެ. ފަހަރެއްގައި އެ ކުންފުނި އުވާނުލައި ހަމައެކަނި އެމްޓީސީސީގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ވެސް ކުރިޔަށް ގެންދަން ޖެހިދާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް އަދި ނުނިންމަން ޓްރާންސްޕޯޓްގެ ހިދުމަތް ދޭނީ އެ ކުންފުނި މެދުވެރިކޮށް ކަމެއް. އުވާލަން ވެސް އަދި ނުނިންމަން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އުފެއްދި ޓްރާންސްޕޯޓް ފޯ މޯލްޑިވްސްއިން ނިންމާފައި އޮތީ މިއަހަރުގެ ކުރީކޮޅު ހިދުމަތް ދޭން ފަށާ ގޮތަށެވެ.