Roadha Mihaaru
އާރްޓީއެލް ސްޕީޑް ފެރީ ހިދުމަތް ޅ. އަތޮޅުގައި ފަށަނީ

އާރްޓީއެލް ފެރީ: ދެވަނަ ފިޔަވަހި ފެށުމަށް ލޯންޗުތައް ޅ. އަތޮޅަށް

16 ނޮވެމްބަރ 2022

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ލޯންޗު ފެރީގެ ދެވަނަ ފިޔަވަހީގެ ހިދުމަތް، މާދަމާ ޅ. އަތޮޅުގައި ފަށާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ލޯންޗު ފެރީގެ ދެވަނަ ފިޔަވަހީގެ ހިދުމަތް، މާދަމާ ޅ. އަތޮޅުގައި ފަށާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ޅ. އަތޮޅުގެ ދަތުރުތައް ފެށުމަށްޓަކައި އާރްޓީއެލްގެ ފެރީތައް އެ އަތޮޅަށް ދިއުމަށް މިއަދު ވަނީ ފުރައިފަ އެވެ. އެ އަތޮޅުގެ ދަތުރުތަކުގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ ދެ ލޯންޗެވެ.

އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ ވިދާޅުވީ މާދަމާ މެންދުރު ފަހު ދަތުރުތައް ފަށަން ރާވާފައިވާ ކަމަށެވެ.

އެމްޓީސީސީގެ ސީއޯއޯ ޝާހިދު މީޑިއާތަކާ ވާހަކަ ދައްކަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޓީސީސީގެ ސީއޯއޯ ޝާހިދު މީޑިއާތަކާ ވާހަކަ ދައްކަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ފުރަތަމަ ހަފްތާގައި އޮންނާނީ އަހުލުވެރިކުރުމުގެ ދަތުރުތައް. އެ ދަތުރުތައް (ޅ. އަތޮޅުގެ މީހުން ދިރިއުޅޭ) ހުރިހާ ރަށަކަށް ކުރާނެ. އަދި އެ ދަތުރުތަކުގައި އެއްވެސް އަގެއް ނުނަގާނެ،" ޝާހިދު ވިދާޅުވި އެވެ.

ދަތުރުތަކަށް އަގުނަގަން ފަށާނީ ރޫޓުތަކަށް އަހުލުވެރިކުރުމުގެ ދަތުރުތަކަށް ފަހު އެވެ. އާރްޓީއެލް ފެރީގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ، އަދި ށ. އަތޮޅުގެ ދަތުރުތަކޭ އެއްގޮތަށް، ޅ. އަތޮޅުގެ ދަތުރުތައް ވެސް ފަށާނީ ކޮޅަކަށް 35ރ. އާއި 125ރ. ދެމެދުގެ އަގުތަކަކުންނެވެ.

ތިން އަހަރުން ދަށުގެ ކުދިންނާއި، ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އާރްޓީއެލް ފެރީގައި އަބަދުވެސް ހިލޭ ދަތުރުކުރެވޭނެ އެވެ.

"ހިލޭ ދަތުރުތަކަށް ފަހު ރަސްމީކޮށް އެ ހިދުމަތް ފެށޭއިރު އަޅުގަނޑުމެންގެ އެޕް (އާރްޓީއެލް ޓްރެވެލް އެޕް) އިން ވެސް އަގުތައް ފެންނަން ހުންނާނެ،" އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ފާރިގް ވިދާޅުވި އެވެ.

އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު ފާރިގު މީޑިއާތަކާ ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު ފާރިގު މީޑިއާތަކާ ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފާރިގް ވިދާޅުވިގޮތުގައި، ޅ. އަތޮޅުގެ ދަތުރުތައް ކުރިއަށް ދާނީ ތިން ރޫޓަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން އެއް ރޫޓު ހާއްސަ ވާނީ އެއާޕޯޓު ދަތުރުތަކަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޅ. އަތޮޅަށް ފަހު ޕްލޭނިން މިނިސްޓްރީން ލަފާ ދީފައި ވަނީ ރާއްޖޭގެ ދެކުނުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށަން ކަމަށާއި، ޅ. އަތޮޅު ހިމެނޭ ޒޯނުގެ އިތުރު އަތޮޅުތަކުގައި ދަތުރުތައް ފަށަން ރާވާފައިވަނީ އެއަށް ފަހު ކަމަށް ފާރިގް ވިދާޅުވި އެވެ.

އާރްޓީއެލް ޅ. އަތޮޅަށް ފުރި ދެ ލޯންޗުގެ ތެރެއިން ލޯންޗެއް ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާރްޓީއެލް ޅ. އަތޮޅަށް ފުރި ދެ ލޯންޗުގެ ތެރެއިން ލޯންޗެއް ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އުންމީދު ކުރަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭ އާރްޓީއެލް ފެރީ ނިޒާމުން މުޅި ރާއްޖޭ ގުޅާލުމަށް،" އޭނާ ވިދާޅުވި އެވެ.

ހެޔޮއަގުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ލޯންޗު ފެރީގެ ހިދުމަތުން ގުޅައިލަދޭ އާރްޓީއެލް ފެރީގެ މަޝްރޫއަކީ 800 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހަރަދެއް ހިނގާނެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި، މިދިޔަ އޮގަސްޓް މަހުގެ ތެރޭ ވަނީ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތައް ފެރީ ހިދުމަތުން ގުޅާލައިފަ އެވެ. އާރްޓީއެލް ފޭސް އެކެއްގައި ޖުމްލަ 17 ލޯންޗެއް ބޭނުންކުރެ އެވެ.