19 ފެބުރުއަރީ 2017
މި ބޮޑު ރަށުގެ ދެކުނު ކޮޅުގައި އޮންނަ ޒަމާންވީ ގަބުރުސްތާނު ތެރެއިން ގޮސް ވަލުތެރެއަށް ވަންނަ އިރު ފެން ވަޅެއްގެ ނިޝާންތައް ފެނެ އެވެ. ގިނަ ދުވަސް ވުމުން އޭގެ ތެރެއަށް ކުނި އެޅި ފެން ފަށަލައަށް ވުރެ މައްޗަށް ވަޅު ވަނީ ފޮރުވިފަ އެވެ. އޭގެ ޚާއްސަ ކަމެއް، ތާރީޚުގެ ތެރެއަށް ނުވަދެ، އެކަކަށް ވެސް ނޭނގޭނެ އެވެ. އަދި އެ ތާރީޚާ ގުޅިފައިވާ އެންމެ މީހަކު ނޫނީ މި ރަށުގައި މިހާރު ނުވެސް ނެތެވެ. އުމުރުން 80 ގެ އަހަރުތައް ގުނަމުން އަންނަ އަބްދުﷲ އަލީ (ރަށު މީހުން ކިޔާ ގޮތުން ނަމަ ބިލެތްއަބްދުﷲ)ގެ ޒުވާން ދައުރުގެ ބައެއް ހަނދާންތައް ގުޅިފައި ވަނީ އެ ހިސާބުގަނޑާ އެވެ؛ މި ރަށުގެ "ބަރާސިލު" އަވަށެވެ.
މި ބޮޑު ރަށުގެ ދެކުނު ކޮޅުގައި އޮންނަ ޒަމާންވީ ގަބުރުސްތާނު ތެރެއިން ގޮސް ވަލުތެރެއަށް ވަންނަ އިރު ފެން ވަޅެއްގެ ނިޝާންތައް ފެނެ އެވެ. ގިނަ ދުވަސް ވުމުން އޭގެ ތެރެއަށް ކުނި އެޅި ފެން ފަށަލައަށް ވުރެ މައްޗަށް ވަޅު ވަނީ ފޮރުވިފަ އެވެ. އޭގެ ޚާއްސަ ކަމެއް، ތާރީޚުގެ ތެރެއަށް ނުވަދެ، އެކަކަށް ވެސް ނޭނގޭނެ އެވެ. އަދި އެ ތާރީޚާ ގުޅިފައިވާ އެންމެ މީހަކު ނޫނީ މި ރަށުގައި މިހާރު ނުވެސް ނެތެވެ. އުމުރުން 80 ގެ އަހަރުތައް ގުނަމުން އަންނަ އަބްދުﷲ އަލީ (ރަށު މީހުން ކިޔާ ގޮތުން ނަމަ ބިލެތްއަބްދުﷲ)ގެ ޒުވާން ދައުރުގެ ބައެއް ހަނދާންތައް ގުޅިފައި ވަނީ އެ ހިސާބުގަނޑާ އެވެ؛ މި ރަށުގެ "ބަރާސިލު" އަވަށެވެ.
ދިވެހި ބަހުގައި "ބަރާސިލު"ގެ އެއް މާނަ އަކީ "ފައިފަލަ ބަލީގެ މީހުން ބައިތިއްބަން ވަކިކޮށްފައިވާ އަވަށެ"ވެ. މިއީ 1950ގެ އަހަރުތަކުގައި ރާއްޖޭގައި ވަރަށް ބާރަށް ފެތުރުނު ފައިލޭރިޔާ ބަލިމީހުން، ރަށުގެ އެހެން މީހުންނާ މުޅިން ވަކިކޮށްފައި، އެތައް އަހަރެއް ވަންދެން، ބޭތިއްބި ތަނަށް ކީ ނަމެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ މޮޅަދޫގެ 11 މީހުން، އެ ރަށުގެ ވަލު ތެރޭގައި ހެދި "ބަރާސިލު"ގައި، ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުނެވެ. އެ އެކަހެރިކަމުން ސަލާމަތްވެ، ރަށުގެ އާންމުންގެ ތެރެއަށް އަލުން އާދެވޭ ގޮތް ވީ، އަބްދުﷲ ބުނާ ގޮތުގައި، ހަތް އަހަރު ފަހުންނެވެ. އޭނާ އަކީ ބަލި ފަސޭހަވެގެން އަވަށަށް ދިއުމުގެ ހުއްދަ ލިބުނު ފުރަތަމަ ބަލިމީހާ އެވެ.
އާބާދީ ކުޑަ މި ރަށަށް މީގެ 60 އަހަރު ކުރިން، ކުރިމަތިވި ފައިލޭރިޔާގެ ޝިކާރައަކަށް އަބްދުﷲ ވީކަން އެނގުނީ، ގަދަ ހުމެއް އައިސް ފައިގެ ހުޅުތައް ދުޅަވާން ފެށުމުންނެވެ. މުޅި ރާއްޖެ ބިރުގަންނުވާލި ފައިފަލަ ބައްޔާ އެކު އޭނާ އަށް ވެސް ޖެހުނީ މީހުން އުޅޭ ހިސާބާ ދުރަށް ދާށެވެ. އެގޮތުން އެންމެ ފުރަތަމަ ގެންދިޔައީ އަވަށުގެ ދެކުނު ކޮޅަށެވެ. އެކަމަކު އޭރުގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި، ބަލިމީހުން ބައިތިއްބާފައި ތިބީ އަވަށުގައި ކަމަށް ފެނިވަޑައިގަތުމުން ދުރަށް ގެންދަން އަމުރުކުރެއްވީ އެވެ.
"ފާމުލަދޭރި ކިލެގެފާނު ވެރިންނަށް އެންގެވީ އެ މީހުން މާ ދުރަށް ގެންދާށޭ، އަވަށުގައެއް ނޫންހޭ އެ މީހުން އެތިބީ،" ހަތަރު ކުދިންގެ ބައްޕަ، އޭރުގެ ހަނދާންތައް އާކުރަމުން، ކިޔައިދިނެވެ.
"ދެން އަހަރެމެން އެކޮޅަށް [ވަލުތެރެއަށް] ދާން ޖެހުނީ."
މަދިރިން ޖެހޭ ބައްޔެއް ނަމަވެސް އޭރު ރާއްޖޭގެ ހޭލުންތެރިކަން އޮތް ގޮތާއި، ސިއްހީ ޚިދުމަތުގެ ފެންވަރު ދަށްކަމުން، ފައިލޭރިޔާގެ ހުރިހާ ބަލިމީހުން ވެސް ދުވަސްތައް ހޭދަކުރީ ރަށުގެ އެހެން މީހުންނާ އެކަހެރިކޮށެވެ. ކުދިކުދި ރަށްރަށުގެ މީހުން ބައެއް ފަޅުރަށްރަށަށް ވެސް އޭރުގެ ސަރުކާރުން ބަދަލުކުރި އެވެ.
ބޮޑުވަޒީރު ވަޑައިގެން ކުރެއްވި އަމުރާ އެކު މި ރަށުގެ ބައެއް ބަލިމީހުން، އެ މީހުންގެ ގޭގެ އަމިއްލަ އަށް ރޫޅާލައިގެން ގެންގޮސް، ވަލުތެރެ ސާފުކޮށް، "ބަރާސިލު"ގައި އެޅި އެވެ. އޭރު ރަށްފުށުގެ އާންމު ގެތައް ހުންނަނީ ދަނޑި ފަނުންނެވެ. އެހެން ހިސާބަކަށް ނުވަތަ އެހެން ރަށަކަށް ބަދަލުވިޔަސް، ގެ ރޫޅާލައިގެން ގޮސް، އަލުން ރާވާލަނީ އެވެ.
އަަމިއްލަ ގެ ނެތް ނުވަތަ އެހެން ބަޔަކު އުޅޭތީ ރޫޅާލެވެން ނެތް މީހުންނަށް ރައްޔިތުން ދަނޑިފަނުން ތަނެއް ހަދައިދިނެވެ.
ދިގު މިނުގައި 2.5 ކިލޯމީޓަރު ހުރި މޮޅަދޫގެ ބަރާސިލަށް ހަތް އަންހެނުންނާއި ހަތަރު ފިރިހެނުން ގެންދިޔަ އެވެ. ދެ ޖިންސުގެ މީހުން ތިބެނީ ވެސް "ވަކިކޮށްފައި" ކަމަށް އަބްދުﷲ ބުންޏެވެ. އެކަމަކު ބައެއް ބަލިމީހުންނަކީ މީހުންގެ ފިރިން ނުވަތަ އަނބިން ކަމަށް ވާތީ އެ ބައިވެރިން، ރަށުގެ ވެރިންނަށް ނޭނގި، ބަރާސިލަށް ޒިޔާރަތްކުރުން އޮވެ އެވެ. ރޭގަނޑު ނިދާ ވެސް ހެދި އެވެ.
އަބްދުﷲ ކައިވެނިކުރީ ފައިލޭރިޔާ ޖެހިގެން ބަރާސިލުގައި ދުވަސްތައް ހޭދަކުރި ދެ އަންހެނަކާ އެވެ. ފުރަތަމަ އަނބިމީހާ ވިހެއުމުގެ ތެރޭގައި މަރުވީ އެވެ. އޭރު މުޅި އަތޮޅަށް މަޝްހޫރު ބޭސްވެރިއެއް ކަމަށްވާ އަދި މޮޅަދޫގެ ވެރިންގެ ތެރޭގައި ހިމެނުނު ފެންނާދޮންމަނިކު ވެސް ފައިލޭރިޔާ ޖެހިގެން ހުރީ ބަރާސިލުގަ އެވެ. އޭނާ ކުރި މަސައްކަތުން ވެސް ދެމައިން ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ.
ފައިލޭރިޔާ ޖެހުނު މީހުން އުޅުނީ މި ގަބުރުސްތާނު ކައިރީގައި، މިހާރު ބޯކޮށް ވާހެދިފައި އޮތް ސަރަހައްދެއްގައި
އަލަތު އަނބިމީހާ މަރުވުމުގެ ހިތާމައާ ކުރިމަތިވިޔަސް، ކައިވެންޏެއް ކޮށްގެން ކުދިން ހޯދަން ކުރި އުއްމީދު ގެއްލުވައެއް ނުލަ އެވެ. އެހެންކަމުން ދެ ވަނަ ކައިވެންޏަކާ ހަމައަށް އަބްދުﷲ ދިޔައީ ވެސް ބަރާސިލުންނެވެ. އޭނާ އަށް ކުދިން ލިބުނީ އެ ކައިވެނިންނެވެ.
އަބްދުﷲ ބުނި ގޮތުގައި އެކަހެރިކޮށް އުޅުނު ނަމަވެސް ފަންގިވިނުން ފަދަ މަސައްކަތްކޮށްގެން ރަށު ތެރެއިން ކާނެ އެއްޗެހި ކޮންމެވެސް ވަރަކަށް ލިބެ އެވެ. އަދި އިރުވައި މޫސުމުގައި ބާނާ މަސްތައް ހިފައިގެން ބަލި އަނބިން ކައިރިއަށް ގޮސް، ބައެއް މަސްވެރިން، މަސް ކައްކާ ވެސް އުޅުނެވެ. އެހެންކަމުން ބަރާސިލަށް އުފާވެރިކަން އަންނަ ދުވަސްތައް ވެސް އޭނާ އަށް ފެނިފައިވެ އެވެ. ވާހަކަ އާއި ރައިވަރު ފަދަ އެއްޗެހި ކިޔުމުގައި ފަހުން މުޅި އަތޮޅަށް މަޝްހޫރުވި ހުނަރުވެރިޔާ، ބަރާސިލުގައި ވެސް އެތައް ރައިވަރެއް އަމިއްލަ ހަދައި އުޅުނެވެ. އަދި ފެންނާދޮންމަނިކުގެ ޅެންވެރިކަމުގެ ބޭނުން ވެސް އޭނާ ހިފި އެވެ.
ވަކިން އުޅޭތާ ހަތް އަހަރު ވީ ފަހުން އެނބުރި އަވަށަށް ދިއުމުގެ ހުއްދަ ހޯދުމުގެ ޚިޔާލު އެ މީހުންގެ ތެރޭގައި އުފެދުނެވެ. އޭރު އެތަނުގައި ތިބި ބަލި މީހުންގެ ތެރެއިން ދެ އަންހެނަކާއި ފިރިހެނަކު ވަނީ މަރުވެފަ އެވެ. ބާކީ ތިބި މީހުންގެ ދިރިއުޅުމަށް ފަސޭހަ ގޮތެއް ހަދައިދޭން އެދި ފެންނާދޮންމަނިކުގެ ސިޓީއެއް އަތޮޅު އޮފީހަށް ފޮނުވި އެވެ.
"އަހަރެމެން ސިޓީގައި ލިއުނީ ކައިބޮއި އުޅެނީ ކިހިނެއްހޭ، މަހަށް، ފަރަށް ދެވޭ ގޮތަށް ސަރުކާރުން ހުއްދަ ދޭށޭ،" އަބްދުﷲ ބުންޏެވެ.
"ދެން ސަރުކާރުން އެންގީ ފައިގައި އުން ހުރިއްޔާ، އާންމު ރައްޔިތަކަށް ހަދާފައި ދޫކޮށްލާށޭ، ބަލި ދާން ޖެހޭ އެންމެ މައްޗަކަށް އެ ދިޔައިއްޔޭ."
އަބްދުﷲގެ ފައިގައި އުން ހުރީ ނަގާފަ އެވެ. އެކަމަކު އަވަށަށް ދިއުމުގެ ކުރިން ފެންނާދޮންމަނިކު އެ އުންތައް ކަނޑާލަދިނެވެ. އެއީ ވޭން ގަދަ އެކަމަކު ކުރަން ޖެހުނު ކަމެއްގެ ގޮތުގައި އެ މީހުން ތިބީ ގަބޫލުކޮށްގެންނެވެ.
"ފެންނާދޮންމަނިކު ވަޅި އަންދާފައި ވަޅި ދޮށްކޮށްގެން ކަފާ ނެގީ. ހަބަރު ހުސްވި ކިތައްމެ ފަހަރަކު،" އަބްދުﷲ ބުންޏެވެ.
"އަތްފައި ކިޔަމަން ނުވާ ވަރަށް" އައި ގަދަ ހުމުގައި ފައިލޭރިޔާގެ ނުރައްކަލާ ކުރިމަތިވުމުގެ ގާތްގަނޑަކަށް އަށެއްކަ އަހަރު ކުރިން އަބްދުﷲ ވަނީ ރާއްޖޭގެ ތާރީޚުގައި ދުށް އެހެން ބޮޑު ކަމެއްގައި ވެސް އަމަލީ ގޮތުން ހަރަކާތްތެރިވެފަ އެވެ؛ ދެ ވަނަ ބޮޑު ހަނގުރާމައިގައި ހއ. ކެލަ އަށް ފޭބި އިނގިރޭސި ސިފައިންނަށް ޚިދުމަތްކުރުމެވެ.
އޭރު އޭނާގެ އުމުރުން 15 އަހަރެއް ނުވާނެ އެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ތަދު ދުވަސްވަރެވެ. އިނގިރޭސިން ކެލާ ތުނޑި އަށް ފޭބީ 1943 ގަ އެވެ. އެކަމަކު، ބައެއް ލިއުންތަކުގައި ވާ ގޮތުން، 1934 ގައި އިނގިރޭސިން ވަނީ ކެލާގައި، ވައިގެ މަރުކަޒެއް ގާއިމްކޮށްފަ އެވެ. އެކަމަކު އެތަން އެންމެ ބޮޑަށް ބޭނުންކުރީ ދެ ވަނަ ބޮޑު ހަނގުރާމައިގަ އެވެ.
އެދުވަސްވަރު ކާޑު ލިބުން ދަތިވެގެން ސަރުކާރުން އޮތީ ހަނޑޫ ކޮންޓްރޯލްކޮށްފަ އެވެ. މީހަކަށް އިރަކަށް ދޫކުރާ ގޮތަށް ހަމަޖެއްސީ ބައި ލާހި ހަނޑުލެވެ. ރަށްރަށުގައި މީހުން އުޅުނީ ވަރަށް ހާލުގަ އެވެ.
މޮޅަދުއާ 24 ކިލޯމީޓަރު ދުރުގައި އޮންނަ ކެލަޔަށް މަސައްކަތު ދާން އެކި ރަށްރަށުން، އެ ރަށްރަށުގެ އާބާދީގެ ނިސްބަތުން، ކޮންމެ ހަފުތާއަކު ވެސް މީހުން ނެގި އެވެ. އެ މީހުންގެ މަސައްކަތަކަށް އޮންނަނީ އިނގިރޭސި ސިފައިން އަންގާ ކަމެއް ކުރުމެވެ. އޭގެ ތެރޭގައި ބޮޑެތި ބާލިދީއަށް އެމީހުން ބޮޑުކަމުދިއުމުން އެ އެއްޗެހި ސާފުކުރުން ވެސް ހިމެނެ އެވެ.
"އަވަހާރަގޮނޑި ޖަހާފައި، އެ ގޮނޑި ދޮށަށް ބޮޑެތި ބާލިދީ ލާފައި ސީލަނީ،" އަބްދުﷲ ކިޔައިދިނެވެ.
"ދެން ފަސް އަޅަނީ އޭގެ މައްޗަށް. ބާލިދީތައް ފުރުނީމާ ތަންޑިޔާ ލާފައި އަހަރެމެން ޖެހޭނީ ތޮށިމައްޗަށް މޫދަށް ގެންގޮސް އުކާލަން. ދަނޑިބުރި ބޭނުންކޮށްގެން ސާފުކޮށްފައި އަނެއްކާ ގެނެސް ބަހައްޓަނީ."
ގާތްގަނޑަކަށް ތިން ކިލޯމީޓަރު ދިގު ކެލާގެ އެއްކޮޅުގައި އިނގިރޭސިން، ދަނޑިފަނުން ގެތައް އަޅައިގެން، ހަތިޔާރާ އެކު ތިބި އިރު، މަތިންދާބޯޓު ފަހަރަށް ތެޔޮ އެޅުމާއި ވާ ކޮށުމާއި ކުނިކެހުމާއި އެއްޗެހި އުފުލުން ފަދަ އެތައް ކަމަކަށް ބޭނުންކުރި ދިވެހި މަސައްކަތު މީހުންނަށް ޚާއްސަ ތަނެއް ހެދީ އެ ހިސާބާ މާ ދުރުގަ އެވެ. އެކި ރަށްރަށުން ގެންދާ މީހުން ނިދާ ހަދާ އަށިތައް ހުންނަނީ ވަކިކޮށްފަ އެވެ. އަދި ކެލާ ރައްޔިތުން އުޅޭ ހިސާބުގަނޑަށް ދިއުން އެ އެންމެންނަށް ވެސް މަނަ އެވެ.
ހއ. ކެލާ: ދެ ވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިން މި ރަށުގައި ވައިގެ މަރުކަޒެއް ގާއިމްކުރި
ތަދު ދުވަސްވަރަކަށް ވުމާ ވެސް އެކު، ދިވެހިން ތިބޭލެއް ނިކަމެތިކަމުން އިނގިރޭސި ސިފައިން އަންގާ ކަމަށް ވަނީ "ކައިގެން، ބަނޑު ފުރައިގެން މަސައްކަތްކުރުމަށެ"ވެ. ކޮންމެ އިރަކަށް މީހަކަށް ހަނޑޫ ނާޅިއެއް ލިބޭނެ ކަމަށް އިނގިރޭސިން ބުނެ އެވެ. އެކަމަކު އަބްދުﷲ ކިޔައިދިން ގޮތުގައި އެ މީހުންނަަށް ލިބެނީ އިރަކަށް ލާއްސެކެވެ. (ނާޅިއަކީ ހަތަރު ލާއްސެވެ.)
ބާކީ އަނެއް ތިން ލާހި ކާޑު ނަގަނީ ދިވެހިންގެ ކަންކަން ބަލަހައްޓަން މާލެ އިން ފޮނުވާފައި ތިބި ދެ މީހުން ކަމަށްވެ އެވެ. އެ މީހުން އެ އެއްޗެހި ސަރުކާރާ ހަވާލުކުރަން މާލެ އަށް ފޮނުވިކަން ނުވަތަ ނޫންކަން، ދިވެހި މަސައްކަތު މީހުންނަކަށް ނޭނގެ އެވެ.
އެންމެ ގިނައިން ކެލައަށް އައިސް އުޅުނީ ކަނޑަށް ޖައްސާ ބޯޓުފަހަރެވެ. އެއީ އިންޑިއާ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ބޭނުންކުރި މަތިންދާބޯޓުފަހަރުގެ އެއް މަރުކަޒެވެ. އޭގެ އިތުރުން މުދާ ހިފައިގެން ބޮޑެތި މަނަވަރުފަހަރު ވެސް އެ ސަރަހައްދަށް އަންނަ ކަމަށް އަބްދުﷲ ބުންޏެވެ.
"އެއްގަމުގައި ދުއްވާ އެއްޗެހި ވެސް ހުރި. އެކަމަކު އަހަރެމެން ނާރުވާ،" އޭނާ ބުންޏެވެ.
"އަހަރެމެން އެ ހިސާބަށް ގޮސް އައިސް އުޅުނީ ހިނގާފައި. މަސައްކަތް ނިމޭނެ ފަހެއް ޖަހާއިރު، އެވީ ހިނގައިގަންނަން. ދިޔަވަރު ބޮޑަސް، ގޮނޑުދޮށުން ލައިގެން ދަނީ ވެސް، އަންނަނީ ވެސް."
ބަނޑުފުރާނަ މުއްތިކުރެވޭނެ ރަނގަޅު ފުރުސަތެއް އައްޑު އާއި އުތުރުގެ ބައެއް ރަށްރަށުގެ މަދު ބަޔަކަށް ނަމަވެސް ލިބުމަކީ، އެއް ގޮތަކުން އެ ހާލަތަށް ބަލާއިރު ބޮޑު ނިއުމަތެކެވެ. އިނގިރޭސިންނަށް ޚިދުމަތްކޮށްދީގެން ހޯދޭ ކާޑުގެ އެތިކޮޅު، އެތައް ބަޔަކަށް ބެހިގެން ދެ އެވެ.
"ދެތިން ހަފުތާ ވަންދެން ކާލިއިރު އަހަރެމެންގެ ބަނޑުގައި މަސް ޖަހާލައިފި،" ހިނިގަނޑަކާ އެކު، އަބްދުﷲ ބުނެލި އެވެ.
އެންމެ މަޖާ ކަމަކަށް ދިމާވީ ދިވެހިން ބަލަހައްޓަން ސަރުކާރުން ފޮނުވާފައި ތިބި ދެ މީހުން ގޮވައިގެން ދުއްވާލި މަތިންދާބޯޓު މޫދަށް ނުޖެއްސިގެން ގޮނޑުދޮށަށް ބީއްސާލުމެވެ. އޭނާ ބުނި ގޮތުގައި ކެލާ މަތިން ބުރު ޖަހާލާފައި މޫދަށް ޖައްސަން އުޅެއުޅެ ޖެއްސޭ ގޮތް ނުވީ އެވެ. އެންމެ ފަހުން "ވެލިގަނޑަށް ބޯޓު އަރުވާލީ" އެވެ.
އެ ދެ މީހުންނަށް އެކަން ވީ ވަރަށް ބޮޑު ލަދަކަށެވެ. އެހެންވެ ސަރުކާރުގެ ބަޔާނެއްގެ ގޮތަށް އަމުރެއް ލިއެ ހުރިހާ ދިވެހިން އެއްކޮށްފައި އެންގީ، އެ މަތިންދާބޯޓުގައި އެ މީހުން ދިޔަ ވާހަކަ ނުދެއްކުމަށެވެ.
"އަހަރެމެން ނުދައްކާ ތިބޭނެތަ؟ އެ ވާހަކަ ދެއްކިން،" އެ ހަނދާންތަކާ އެކު މަޖާވެފައި، އަބްދުﷲ ބުންޏެވެ.
މީގެ ފަސްދޮޅަސް، ހަތްދިހަ އަހަރު ކުރިން ބައެއް ދިވެހިން ތަޖުރިބާކުރި އެތައް ކަމެއް މިހާރު މިދަނީ ނޭނގި ވަޅުލެވެމުންނެވެ. އެކަަމަކު، މިސާލަކަށް މޮޅަދޫ ވަލުތެރޭގައި ހުރި އެ ވަޅުން އަަންގައިދޭ ފަދަ ދިވެހި ތާރީޚާ ގުޅިފައިވާ ހަނދާންތަކުގެ ވާހަކަތައް، އެ ދުވަހެކޭ އެއްގޮތަށް ކިޔައިދޭނެ އަބްދުﷲ ކަހަލަ މީހުން އަދިވެސް މަދުމަދުން ރާއްޖެ އިން ފެނެ އެވެ. މިއީ އާންމުކޮށް އެހެން މީހުންނަށް ލިބިފައި ނެތް ހުނަރެއްގެ ސަބަބުން އެއް ދުވަސްވަރެއްގައި މަޝްހޫރުވެފައި ތިބި މީހުންނެވެ. އެގޮތުން ބިލެތްއަބްދުﷲ އަކީ ވެސް މުޅި އަތޮޅަށް މަޝްހޫރު ވާހަކަ ކިއުންތެރިއެކެވެ. އުމުރުން ދުވަސްވުމުން އިވުމުގައި އުނިކަމެއް މިހާރު ހުއްޓަސް އޭރުގެ ސަފުހާތަކުން ކޮންމެވެސް ވަރެއް ކިޔައިދެވުނީ އެ ހުނަރާ އެކުގަ އެވެ.
އުތީމުގެ ބިމު އަޑީގައި ތާރީޚު ވަޅުލެވިފައި
ލޮލަކަށް ނުފެނޭ، ދިރިއުޅުމުގައި ނުހިނގާ މަގެއް ނެތް!
ހޯރަފުއްޓާއި ތަކަންދޫން ގުދުރަތީ ދެ ބަދަލެއްގެ މަންޒަރު
ތިން ރައީސުން ތިއްބެވި އުތީމުގެ "ރިޔާސީ ގަނޑުވަރު"
މިނިވަންކަމަށް، 21 އަހަރަށް އައްޑޫ އިނގިރޭސިންނަށް
ދިވެހިން އެމެރިކާގެ ބޯޓެއް ފޭރުނު ނުރައްކާ ހާދިސާއެއް
87 އަހަރު ކުރީގެ ސިޓީއެއް: ބަލިވަނީ ހަކުރާ ހެދި
އުތުރާއި ދެކުނުގައި ކުލި ތަފާތުވާކަން ނުޖެހޭ: ސައީދު
ގަރުނެއް ކުރިން ރާއްޖެއަށް ގެއްލުނު ދެ މީހެއްގެ ވާހަކަ
ނުކުޅެދޭ މީހަކަށް ނައިބު ރައީސްގެ ހަދިޔާ އަކީ ވަޒީފާ!