Roadha Mihaaru
ކޮންމެ ރަށެއްގައި މުބާރާތެއް، ކުޅުންތެރިން އުފެދޭތަ؟

ކޮންމެ ރަށެއްގައި މުބާރާތެއް، ކުޅުންތެރިން އުފެދޭތަ؟

11 ފެބުރުއަރީ 2017

ރާއްޖޭގެ ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް ވެސް ޑިސެމްބަރު ބަންދުގައި، ވާދަވެރި ފުޓްބޯޅަ މުބާރާތެއް ބާއްވަ އެވެ. ބައެއް ރަށްރަށުގައި ސްޕޮންސަރުންގެ އެހީއާ އެކު ޒުވާނުން މުބާރާތް އިންތިޒާމް ކުރާއިރު އަނެއްބައި ރަށްރަށުގައި މިފަދަ މުބާރާތްތައް ބާއްވައިދެނީ އެ ރަށަކަށް ނިސްބަތްވާ މަޖިލިސް މެމްބަރު ނުވަތަ ވިޔަފާރިވެރިއެކެވެ. ކޮންމެ މުބާރާތަކަށް އެވްރެޖްކޮށް ލައްކައެއްހާ ރުފިޔާ ހަރަދުކުރެ އެވެ. އެކި ދިމަދިމާލުން ކުޅުންތެރިން ގެނެސް ފޯރިގަދަ މުބާރާތެއް އަބަދުވެސް ބާއްވަ އެވެ. މިއީ ސާބަސް ހައްގު ކަމެކެވެ. އެކަމަކު ސުވާލަކީ މިފަދަ މުބާރާތްތައް ރޭވިފައި އޮންނަނީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ފައިދާވާ ގޮތަށް ބާވަ އެވެ؟ ލައްކައިން ހަރަދުކޮށްގެން ބާއްވާ މުބާރާތުން ކުޅުންތެރިން އުފައްދައިދޭ ހެއްޔެވެ؟

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގެ ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް ވެސް ޑިސެމްބަރު ބަންދުގައި، ވާދަވެރި ފުޓްބޯޅަ މުބާރާތެއް ބާއްވަ އެވެ. ބައެއް ރަށްރަށުގައި ސްޕޮންސަރުންގެ އެހީއާ އެކު ޒުވާނުން މުބާރާތް އިންތިޒާމް ކުރާއިރު އަނެއްބައި ރަށްރަށުގައި މިފަދަ މުބާރާތްތައް ބާއްވައިދެނީ އެ ރަށަކަށް ނިސްބަތްވާ މަޖިލިސް މެމްބަރު ނުވަތަ ވިޔަފާރިވެރިއެކެވެ. ކޮންމެ މުބާރާތަކަށް އެވްރެޖްކޮށް ލައްކައެއްހާ ރުފިޔާ ހަރަދުކުރެ އެވެ. އެކި ދިމަދިމާލުން ކުޅުންތެރިން ގެނެސް ފޯރިގަދަ މުބާރާތެއް އަބަދުވެސް ބާއްވަ އެވެ. މިއީ ސާބަސް ހައްގު ކަމެކެވެ. އެކަމަކު ސުވާލަކީ މިފަދަ މުބާރާތްތައް ރޭވިފައި އޮންނަނީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ފައިދާވާ ގޮތަށް ބާވަ އެވެ؟ ލައްކައިން ހަރަދުކޮށްގެން ބާއްވާ މުބާރާތުން ކުޅުންތެރިން އުފައްދައިދޭ ހެއްޔެވެ؟

"ފޯރި އިންތިހާއަށް ގަދަ. އެކަމަކު މުބާރާތްތަކުން ލިބެން ޖެހޭ އަސްލު ފައިދާ ނުލިބޭ. އޭގެ އެންމެ ބޮޑު ސަބަބަކީ، ކުރިމަގެއް ނެތް ކުޅުންތެރިންނަށް މާބޮޑަށް ފޯކަސްކޮށްގެން ބާއްވާތީ. ޖޫނިއާ ލެވެލްގެ ނުވަތަ ޔޫތު ލެވެލްގެ ކުޅުންތެރިންނަށް ފުރުސަތުތަކެއް މާބޮޑަށް ނޯވޭ،" ފުޓްބޯޅައިގެ ތަޖުރިބާކާރަކު ހިޔާލު ފާޅުކުރި އެވެ.

މިފަދަ މުބާރާތްތަކުގައި ވާދަކުރަނީ ރަށުގެ އެކި އަވަށްތައް ނުވަތަ ޒުވާން ގްރޫޕްތަކުގެ ޓީމުުތަކެވެ. އެހެންވެ ވާދަވެރިކަން ވަރަށް ބޮޑެވެ. ނަތީޖާއަކަށްވަނީ ސީދާ ތަށްޓަށް އަމާޒުކޮށް ބޮޑު އަގުގައި ކުޅުންތެރިން ހޯދުމެވެ. ފުރަތަމަ ޑިވިޝަނުންނާއި ކައިރި ރަށްރަށުން އަދި ރިޒޯޓްތަކުންނެވެ. ބައެއް ކުޅުންތެރިންނަށް މުބާރާތަކަށް އެވްރެޖްކޮށް ވިއްސަކަށް ހާސް ރުފިޔާ ދެ އެވެ. މުބާރާތް ނިމުމުން އެ ކުޅުންތެރިން ދާނީ އެނބުރި ފުރަތަމަ ޑިވިޝަނަށެވެ. ނުވަތަ ރަށަށް ނުވަތަ ރިޒޯޓުގެ ވަޒީފާއަށެވެ. ގިނަ ކުޅުންތެރިންނަކީ 25 އަށް ވުރެ އުމުރު މަތިވެފައިވާ އަދި ކޮންމެވެސް ސަބަބަކާ ހުރެ ޕްރޮފެޝަނަލް ލެވެލްގައި ފުޓްބޯޅަ ކުޅެން ބޭނުންނުވާ ކުޅުންތެރިންނެވެ.

ބޮޑު ހަރަދުކޮށްގެން ބާއްވާ މުބާރާތްތަކުގައި އެއްކަލަ ފުޓްބޯޅައިން ކުރިއަށްދާން ބޭނުންވާ ކުއްޖާއަށް ހުނަރު ދައްކާލާނެ ޕްލެޓްފޯމެއް ނެތެވެ.

"ލައްކައިން ރުފިޔާ ހަރަދުކޮށްގެން މެމްބަރު ނޫނީ ވިޔަފާރިވެރިޔަކު މި ބާއްވައިދެނީ މުބާރާތެއް. އެފަދަ މުބާރާތްތަކަކީ ރަށުގެ ފުޓްބޯޅަ ކުރިއަރުވަން ލިބޭ ރަނުގެ ފުުރުސަތެއް. އެކަމަކު އޭގޭ ބޭނުމެއް އެންމެ ރަނގަޅަށް ނުހިފޭ. ކޮންމެވެސް ތަނަކުން ބޮޑު އަގު ދީފައި ކުޅުންތެރިންތަކެއް ގެނެސް މުބާރާތް ނިންމާލަނީ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބޭ ގޮތަށް މިފަދަ މުބާރާތްތައް ރާވަން ބާރުއަޅަން ޖެހޭ،" އައްޑު އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ މަސައްކަތުގައި އުޅުނު ޒުވާނަކު ބުންޏެވެ.

އެފްއޭއެމުން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގަވާއިދު ބުނާ ގޮތުން ޔޫތު ލެވެލްގެ ކުޅުންތެރިންނަށް ވަކި އަދަދަކަށް ފުރުސަތު ދޭން ޖެހެ އެވެ. އެކަމަކު އާއްމު ފަރާތްތަކުން ބާއްވާ މުބާރާތްތަކަށް އެފަދަ ގަވާއިދެއް ލުމަކީ އެފްއޭއެމަށް ކުރެވޭނެ ކަމެއް ނޫނެވެ.

އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އާއްމު ފަރާތްތަކުން ބާއްވާ މުބާރާތްތަކުން ޔޫތު ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ވަރަށް ބޮޑަށް ބާރު އަޅާ ކަމެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ތަރުހީބު ދެއްވާނެ ކަމަށެވެ.

"މިކަހަލަ މުބާރާތްތަކުގެ ތެރެއިން ލާފައި ކުޅުންތެރިން އުފެދުމަކީ ވަރަށް މުހިއްމު ކަމެއް. ކޮންމެ ރަށެއްގައި މުބާރާތެއް އޮންނައިރު މިއީ ކުޅުންތެރިން އުފައްދަން ރަނގަޅު ފުރުސަތަކަށް ހެދިދާނެ،" ޖަވާ ވިދާޅުވި އެވެ.

ބައެއް މުބާރާތްތަކުގެ ގަވާއިދުގައި ޖޫނިއާ ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް އޮތް ނަމަވެސް އެއީ ހަމައެކަނި ނަމަކަށް އޮންނަ ގަވާއިދެކެވެ. ގަވާއިދަށް ފައްތަން ޖޫނިއާ ކުޅުންތެރިންގެ ނަން ލިސްޓުގައި ޖެހިޔަސް ކުޅެން ފުރުސަތެއް ނުލިބެ އެވެ.

"ވަރަށް މުހިއްމު ކަމެއް ޔޫތު ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ. މުބާރާތުގެ ގަވާއިދުގައި ހިމަނަން އެބަޖެހޭ ޔޫތު ވަކި އަދަދަކަށް ކުޅުންތެރިން ކުޅެން ޖެހޭ ކަމަށް. ނުވަތަ އެގޮތަށް ބާއްވާ ކޮންމެ މުބާރާތަކާ އެކު ޔޫތު ކުޅުންތެރިންނަށް މުބާރާތެއް ނުވަތަ ފެސްޓިވަލެއް ވަކިން ބޭއްވުން މުހިއްމު،" ވައިޑީޕީ ކޯޗަކު ބުންޏެވެ.

މިއީ މުބާރާތް އިންތިޒާމްކުރާ ފަރާތުން ވެސް ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. މިސާލަކަށް ބަލާނަމަ މެމްބަރު ނުވަތަ ވިޔަފާރިވެރިޔާ ބޮޑު ހޭދައެއްކޮށްގެން މުބާރާތެއް ބާއްވަނީ ރަށުގެ ކުރިއެރުމަށެވެ. އެކަމަކު އެގޮތަށް ބާއްވާ މުބާރާތެއް ނިމިގެންދާއިރު ދާއިމަށް ފައިދާއެއް ނުކުރަންޏާ އެއީ މައްސަލައެކެވެ. ޗެމްޕިއަން ޓީމަށް ލައްކައެއްހާ ރުފިޔާދީފައި މުބާރާތް ނިންމާލާއިރު މުބާރާތުން ހާސިލްވީ ކޮން ކަމެެއްތޯ މިއީ ވިސްނަން ޖެހޭ ކަމެކެވެ. ވިޔަފާރި ކުންފުނިތަކުން މުބާރާތްތަކަށް ސްޕޮންސާ ދޭއިރު އެފަދަ ކަމަކަށް ޝަރުތުކުރުން މުހިއްމެވެ.

"މުބާރާތް ބޭއްވީމާ ވިޔަފާރިވެރިޔާ ނުވަތަ މެމްބަރު ނޫނީ އެ ޖަމިއްޔާއެއްގެ މަގުބޫލުކަން ބޮޑުވެގެންދޭ. ދެން ކޮބާ ފުޓްބޯޅައަށް ކުރާ ފައިދާއަކީ؟ މިހާރު މިއޮންނަ މޮޑެލުން ނުވޭ ފައިދާއެއް. ސްކޫލް ކުދިންނަށް މުބާރާތެއް ބާއްވައިދޭތަން ފެންނަނީ ވަރަށް މަދުން. އެގޮތަށް މުބާރާތް ބާއްވައިފި ނަމަ ކިތައް ކުޅުންތެރިންގެ ހުނަރު ފެންނާނެ. އެކަމަކު މިހާރު ބާއްވާ މުބާރާތްތަކުގައި ހުނަރު ދައްކާލަން މި ލިބެނީ އުމުރުމަތިވެ ފުޓްބޯޅަ ކެރިއަރެއް ބޭނުންނުވާ ކުޅުންތެރިޔާއަށް. އޭނާ އަށް ކިތަންމެ ފުރުސަތެއް ދިނަސް އޭގެ ބޭނުމެއް ނުހިފާނެ،" ފުޓްބޯޅަ ކޯޗަކު ހިޔާލުފާޅުކުރި އެވެ.

މިފަދަ މުބާރާތްތައް ކުޅެލައިގެން އަހަރެއްގެ ތެރޭ ބޮޑު އާމްދަނީ ހޯދާ ގިނަ ކުޅުންތެރިން އުޅެ އެވެ. އަހަރެއްގެ ތެރޭ ހަތަރު ވަރަކަށް މުބާރާތް ކުޅެލައިގެން ލައްކައެއްހާ ރުފިޔާ ބައެއް ކުޅުންތެރިން ހޯދަ އެވެ. އެ ކުޅުންތެރިންގެ ކިބައިގައި ހުނަރު ހުރެމެ އަދި ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުނަސް ދާން ބޭނުމެއް ނުވެ އެވެ. އަމިއްލަ ރަށުގައި ހުރެގެން، މިފަދަ ދެ ތިން މުބާރާތް ކުޅެލައިގެން އާމްދަނީ ހޯދާލައިގެން ހުންނަން ބޭނުންވަނީ އެެވެ.

ފުޓްބޯޅައިން ކުރިއެރުން ހޯދަންޏާ އެންމެ ބޮޑަށް އަޅާލަން ޖެހޭ ބަޔަކީ ޖޫނިއާ ކުދިންނެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް އަރާ ފުޓްބޯޅައިގެ ފޯރިގަދަ ރާޅަކީ އެފަދަ ކުޅުންތެރިންގެ މުސްތަގްބަލް ހަލާލުކޮށްލާ އެއްޗަކަށް ވެގެންނުވާނެ އެވެ. ބޮޑު ހަރަދުކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތްތަކުން އެފަދަ ކުދިންނަށް ހުނަރު ދައްކާލަން ފުރުސަތު ދިނުން ވަރަށް މުހިއްމެވެ. އޭރުން ފޯރިގަދަ އަދި މުސްތަގުބަލަށް ވެސް ފައިދާކުރާނެ މުބާރާތެއް ބޭއްވުނީ އެވެ.