Roadha Mihaaru
މާލީ ބަޔާން ފުރިހަމަވީ ދެ ރައީސުންނާއި ގާސިމް

މާލީ ބަޔާން ފުރިހަމަވީ ދެ ރައީސުންނާއި ގާސިމް، ބާކީ ކެންޑިޑޭޓުންނަށް ބޮޑު ޖޫރިމަނާއެއް

11 ޑިސެމްބަރ 2023

ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ނިމުމުން ގާނޫނުގައި ބުނާ މިންގަނޑަށް މާލީ ބަޔާން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ނިމުމުން ގާނޫނުގައި ބުނާ މިންގަނޑަށް މާލީ ބަޔާން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބުގެ މާލީ ބަޔާން ހުށަހަޅަން އީސީން މުއްދަތު ދިނީ މިދިޔަ މަހުގެ 30ގެ ނިޔަލަށެވެ.

އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ދިރާސާ ކުރުމަށްފަހު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަނުވާ މާލީ ބަޔާންތައް ހުށަހަޅުއްވާފައިވާ ފަސް ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓާ މެދު ފިޔަވަޅު އެޅުމަށް ކޮމިޝަނުން މިއަދުގެ ނިންމާފައިވާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މާލީ ބަޔާން ހަމަނުވާ ފަސް ކެންޑިޑޭޓުން ހުށަހަޅަން ޖެހޭ މައުލޫމާތާއި އެ ބޭފުޅުން ކުރެއްވި ހަރަދުތަކުގެ ބިލްތަކާއި ބެންކް ސްޓޭޓްމަންޓްތައް ހުށަނާޅާ ކަމަށެވެ.

"ސަންގު ރިޔާސީ ބަހުސް"ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް އިބްރާހިމް މުހައްމަދު ސޯލިހު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ސަލާންކުރައްވަނީ

"ސަންގު ރިޔާސީ ބަހުސް"ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް އިބްރާހިމް މުހައްމަދު ސޯލިހު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ސަލާންކުރައްވަނީ

މާލީ ބަޔާން ހަމަނުވާ ކެންޑިޑޭޓުން

1. އެމްއެންޕީން ވާދަކުރެއްވި، ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް

2. ޑިމޮކްރެޓްސް އިން ވާދަ ކުރެއްވި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

3. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

4. އަމިއްލަގޮތުން ވާދަކުރެއްވި، މއ. މާވެޔޮވިލާ ހަސަން ޒަމީލް

5. އަމިއްލަގޮތުން ވާދަ ކުރައްވި ފާރިސް މައުމޫން

އީސީގެ ބަޔާނުގައި ބުނީ މާލީ ބަޔާން ފުރިހަމައަށް ހުށަނޭޅި ފަސް ކެންޑިޑޭޓުން 20،000ރ. އިން ޖޫރިމަނާކޮށް، އެ ފަސް ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓު 6000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީސީއަށް ދައްކަން ޖެހޭނެ އެވެ.