Roadha Mihaaru
އަގު ބޮޑުކޮށް ފިޔާ ނުވިއްކަން މިނިސްޓްރީން އެދެފި

ފިޔާ ލިބުމުގައި ދަތިކަމެއް ނެތް، އަގު ބޮޑުކޮށް ނުވިއްކަން އެދެން: މިނިސްޓްރީ

10 ޑިސެމްބަރ 2023

އިންޑިއާ އިން ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތުމުން، ވިޔަފާރިތަކުން ފިޔާ އަގު ބޮޑުކޮށް ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީ މިއަދު އިލްތިމާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ އިން ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތުމުން، ވިޔަފާރިތަކުން ފިޔާ އަގު ބޮޑުކޮށް ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީ މިއަދު އިލްތިމާސްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ބާޒާރުގައި ބައެއް ވިޔަފާރިތަކުން ފިޔާ އަގު ބޮޑުކުރަމުން ދާތީ އާންމުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މޫސުމީ ގޮތުން މި ވަގުތު އިންޑިއާ އަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައި ވިޔަސް، ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިތަކެއް ދިމާވާނެ ކަހަލަ އެއްވެސް ފިޔަވަޅެއް އެ ގައުމުން އަޅާފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ފަރާތްތަކާ މި މިނިސްޓްރީން ކުރެވުނު މަޝްވަރާތަކުގައި އެ ފަރާތްތަކުން ވަނީ ރާއްޖެ އަށް ދަތިކަމެއް ނެތި ފިޔާ އިމްޕޯޓް ކުރެވޭނެ ކަމުގެ ޔަގީންކަން ދީފައި،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ތަފާތު 23 ވިޔަފާރިއަކުން އަގު ބަލައި ކުރި ދިރާސާއިން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 23 ވަނަ ދުވަހާ އަޅާބަލާއިރު މިއަދު ބާޒާރުގައި 20 ޕަސެންޓާއި 50 ޕަސެންޓާ ދެމެދަށް ފިޔާގެ އަގު އުފުލިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ފިޔާ އެތެރެކުރަން ދަތިވާ ހާލަތެއް ދިމާވެއްޖެ ނަމަ، ސަރުކާރުން އެކަމަށް އެކަށޭނެ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ދީފަ އެވެ. އެހެންވެ، އާންމުންނަށް ދަތިވާ ގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތިނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 30-40ރ. އާ ދެމެދުގަ އެވެ.

އަސާސީ އެއްވެސް ބާވަތެއްގެ މުދަލެއް ރާއްޖެ އެތެރެކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އިއްޔެ ވެސް ވިދާޅުވެފަ އެވެ.

މިނިސްޓްރީން މި ބަޔާން މި ނެރުނީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ބޭރުކުރުން މަނާކުރުމުންނެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި، އެއީ އަންނަ އަހަރު ބާއްވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ އިންތިހާބާ ގުޅިގެން އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެކެވެ.

އެކަމަކު، މިހާތަނަށް ޝިޕް ކޮށްފައިވާ އަދި ފައިސާ ދައްކައި ނިންމާފައިވާ ޝިޕްމަންޓުތަކުގެ އިތުރުން ފިޔާ ގަންނަން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ އަންނަ ޖެނުއަރީ ފަސް ވަނަ ދުވަހުގެ ކުރިން ފިޔާ ބޭރު ކުރެވޭނެ ކަމަށް އިންޑިއާގެ ފޮރިން ޓްރޭޑް މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތަކުގައިވެ އެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރިޔަސް، އެހެން ގައުމެއްގެ ސަރުކާރަކުން އެކަމަށް އެދޭ ހާލަތުގައި އިންޑިއާ ސަރުކާރުން ހުއްދަ ދޫކޮށްފި ނަމަ އެކަން ކޮށްދޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ. އިންޑިއާ އިން މީގެ ކުރިން ވެސް ފިޔާ އާއި އެހެން ބައެއް ބާވަތްތައް އެކްސްޕޯޓްކުރުން ވެސް މެދުކަނޑާލަ އެވެ. އެކަމަކު ރާއްޖެ އިސްތިސްނާކޮށް، އެފަދަ މުދާ އަބަދުވެސް ލިބޭ ގޮތް ހަމަޖައްސަ އެވެ.