Roadha Mihaaru
އަސާސީ ބާވަތެއް އެތެރެކުރާކަށް ހުރަހެއް ނެތް: ސައީދު

އަސާސީ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރަން ހުރަހެއް ނެތް: ސައީދު

09 ޑިސެމްބަރ 2023

އަސާސީ އެއްވެސް ބާވަތެއްގެ މުދަލެއް ރާއްޖެ އެތެރެކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަސާސީ އެއްވެސް ބާވަތެއްގެ މުދަލެއް ރާއްޖެ އެތެރެކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާ އެކު ވިޔަފާރިކުރާ ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން އޮފީހާ ރަސްމީކޮށް ހަވާލުމަށް ފަހު ވެސް ބައްލަވަމުން އައީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ގާއިމްކުރުން. އިންޝާ ﷲ އެކަން ކާމިޔާބުކުރާނީ ދެމެހެއްޓެނި ވަށާޖެހޭ ހައްލަކާ އެކު،" ސައީދު ވިދާޅުވި އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރުގެ އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި މުހައްމަދު ސައީދު އަށް މަގާމުގެ ލިޔުން ރައީސް ޑރ މުއިއްޒު ހަވާލުކޮއްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސައީދު މިހެން މި ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ބޭރުކުރުން މަނާކުރުމުންނެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި، އެއީ އަންނަ އަހަރު ބާއްވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ އިންތިހާބާ ގުޅިގެން އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެކެވެ.

އެކަމަކު، މިހާތަނަށް ޝިޕް ކޮށްފައިވާ އަދި ފައިސާ ދައްކައި ނިންމާފައިވާ ޝިޕްމަންޓުތަކުގެ އިތުރުން ފިޔާ ގަންނަން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ އަންނަ ޖެނުއަރީ ފަސް ވަނަ ދުވަހުގެ ކުރިން ފިޔާ ބޭރު ކުރެވޭނެ ކަމަށް އިންޑިއާގެ ފޮރިން ޓްރޭޑް މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތަކުގައިވެ އެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރިޔަސް، އެހެން ގައުމެއްގެ ސަރުކާރަކުން އެކަމަށް އެދޭ ހާލަތުގައި އިންޑިއާ ސަރުކާރުން ހުއްދަ ދޫކޮށްފި ނަމަ އެކަން ކޮށްދޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ.