Roadha Mihaaru
ޖަރުމަން ލީގުގައި ބެޔާން މިއުނިކް މައިތިރި ކޮށްފި

ޖަރުމަން ލީގުގައި ބެޔާން މިއުނިކް މައިތިރި ކޮށްފި

10 ޑިސެމްބަރ 2023

ފްރޭންކްފާޓް (ޑިސެމްބަރު 10) - ޖަރުމަން ބުންޑެސްލިގާގައި ރޭ އެއިންޓްރަކް ފްރޭންކްފާޓުން ވަރުގަދަ ބެޔާން މިއުނިކް 5-1 އިން ބަލިކޮށްފި އެވެ.

ފްރޭންކްފާޓް (ޑިސެމްބަރު 10) - ޖަރުމަން ބުންޑެސްލިގާގައި ރޭ އެއިންޓްރަކް ފްރޭންކްފާޓުން ވަރުގަދަ ބެޔާން މިއުނިކް 5-1 އިން ބަލިކޮށްފި އެވެ.

ފްރޭންކްފާޓުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ތިން ގޯލުގެ ލީޑެއް ނަގައި ބެޔާން ހާސްކޮށްލައިފަ އެވެ. ފުރަތަމަ ގޯލު 12 ވަނަ މިނިޓިގައި ޖަހައިދިނީ އޮމަރު މަރުމޫޝް އެވެ. އެރިކް އެބީމްބޭ 31 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިންތާ ފަސް މިނިޓު ފަހުން ތިންވަނަ ގޯލު ޖަހައިދިނީ ހިއުގޯ ލާސަން އެވެ. ހާފު ނިމުމުގެ ކުރިން ބެޔާނަށް ސުން ކަނޑުވައިދިނީ ޔޯޝުއާ ކިމިކް އެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި އެބީމްބޭ، ފްރޭންކްފާޓުގެ ހަތަރުވަނަ ގޯލު ޖަހައިދީފައި ވަނިކޯށް 10 މިނިޓު ފަހުން ފަސްވަނަ ގޯލު ޖަހައިދިނީ އަންސްގާ ނައޯފް އެވެ.

މިއީ ބެޔާނަށް މިފަހަރު ލީގުގައި ކުރިމަތިވީ ފުރަތަމަ ބައްޔެވެ. މިއާ އެކު ލީގުގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ އެއްވަނައިގައި އޮތް ބެޔާ ލެވަކޫސަން އެވެ. ރަށުން ބޭރުގައި މިރޭ ސްޓަޓްގާޑާ ދެކޮޅަށް ލެވަކޫސަން ނުކުންނާނެ އެވެ.

ޖަރުމަން ލީގު އެއްވަނައިގައި ލެވަކޫސަން އޮތީ 13 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ބެޔާން ދެވަނައިގައި އޮތީ 13 މެޗުން ލިބުނު 32 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އޮތް ސްޓަޓްގާޑުން ވަނީ 13 މެޗުން 30 ޕޮއިންޓް ހޯދައިފަ އެވެ.

ޖަރުމަން ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ އަމިއްލަ ދަނޑުގައި 3-2 އިން އާރުބީ ލައިޕްޒިގް އަތުން ބަލިވެފަ އެވެ.

މެޗުގެ 15 ވަނަ މިނިޓުގައި ޑޯޓްމަންޑުގެ ޑިފެންޑަރު މެޓްސް ހަމެލްސް އަށް ރަތް ކާޑު ދެއްކިތާ 17 މިނިޓު ފަހުން ލައިޕްޒިގުން ލީޑު ނެގީ ޑޯޓްމަންޑް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނިކްލަސް ސޫލޭ ޑޯޓްމަންޑަށް އެއްވަރު ކޮށްދިން ނަމަވެސް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކްރިސްޓޯފް ބޯމްގާޓްނާ ވަނީ ލައިޕްޒިގަށް އަލުން ލީޑު ނަގައިދީފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ލައިޕްޒިގުން ލީޑޫ ފުޅާ ކުރީ ޔޫސުފް ޕޫލްސަންގެ ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޑޯޓްމަންޑުގެ ނިކްލަސް ފޫލްކްރޫގް ލަނޑެއް ޖަހައި އެޓީމަށް ފަރަގު ކުޑަ ކޮށްދިނެވެ.

މި މޮޅާ އެކު ލައިޕްޒިގް އޮތީ 14 މެޗުން 39 ޕޮއިންޓް ހޯދައިގެން ތާވަލްގެ ހަތަރުވަނައިގަ އެވެ. ފަސްވަނައިގައި އޮތީ 25 ޕޮއިންޓް ހޯދާފައިވާ ޑޯޓްމަންޑެވެ. ހޮފެއިންހަމް 23 ޕޮއިންޓާ އެކު ހަވަނައިގައި އޮތްއިރު، ބެޔާން ބަލިކުރި ފްރޭންކްފާޓް ހަތްވަނައިގައި އޮތީ 21 ޕޮއިންޓާ އެކު އެވެ.