Roadha Mihaaru
ޓޭލާގެ "އިރާސް ޓުއާ" އަށް އެއް ބިލިއަން ޑޮލަރު

ޓޭލާގެ "އިރާސް ޓުއާ" އަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ

10 ޑިސެމްބަރ 2023

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ "އިރާސް ޓުއާ" އަށް ޓިކެޓް ވިއްކައިގެން އާމްދަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ "އިރާސް ޓުއާ" އަށް ޓިކެޓް ވިއްކައިގެން އާމްދަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ޓުއާގެ ޓިކެޓް ވިއްކައިގެން މިހާތަނަށް ވަނީ 1.04 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އަދި މި ރޭޓުގައި ދާ ނަމަ، ޓިކެޓް ވިއްކައިގެން މި ޓުއާ އަށް ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ.

މިއީ މިއުޒިކް ޓުއާއެއްގެ ޓިކެޓް ވިއްކައިގެން ފަންނާނަކަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

"އިރާސް ޓުއާ"ގެ ތެރެއިން އޭނާ މިހާތަނަށް 50 އަށް ވުރެ ގިނަ ޝޯ ދީފައިވާއިރު، އަންނަ އަހަރަށް ވެސް ގިނަ ޝޯތަކެއް ވަނީ ތާވަލުކޮށްފަ އެވެ.

މި އަހަރު މާޗު މަހުގައި ފެށި ޓޭލާގެ "އިރާސް ޓުއާ"ގެ ތެރެއިން އަންނަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުގައި ޝޯތައް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މިއީ ޓޭލާގެ ހަވަނަ ޓުއާ އެވެ. މި ޓުއާގައި މުޅި ޖުމްލަ 146 ޝޯ ދޭން އޭނާ ވަނީ ނިންމައިފަ އެވެ. އެ ހުރިހާ ޝޯއެއްގެ ޓިކެޓް ވެސް މިހާރު ވަނީ ވިކި ހުސްވެފަ އެވެ.

ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގައިވާ ގޮތުގައި ޓޭލާގެ މިލްކިއްޔާތުގައި މިހާރު 1.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އެހެންވެ، އޭނާ އަކީ މިހާރު ބިލިއަނަރެކެވެ.

މިދިޔަ އޮކްޓޯބަރު މަހު ނެރުނު ޓޭލާގެ "އެރަސް ޓުއާ" ކޮންސާޓް ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ވަރަށް ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމަށް ވަނީ 250 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.