Roadha Mihaaru
ދުއާގެ ޝޯގައި ޝާހުގެ ލަވަޖެހުމުން ފޭނުން މޮޔަކޮށްލައިފި

ދުއާގެ ޝޯގައި ޝާހުގެ ލަވަ ޖެހުމުން ފޭނުން މޮޔަކޮށްލައިފި

02 ޑިސެމްބަރ 2024

އިނގިރޭސި ލަވަކިޔުންތެރިޔާ ދުއާ ލިޕާ އިންޑިއާގެ މުމްބާއީގައި ބޭއްވި ޝޯގައި އޭނާގެ ލަވަޔަކާ އެކު، ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާންގެ މަޝްހޫރު ލަވައެއް ޖެހުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެ އެވެ.

އިނގިރޭސި ލަވަކިޔުންތެރިޔާ ދުއާ ލިޕާ އިންޑިއާގެ މުމްބާއީގައި ބޭއްވި ޝޯގައި އޭނާގެ ލަވަޔަކާ އެކު، ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާންގެ މަޝްހޫރު ލަވައެއް ޖެހުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެ އެވެ.

ދުއާ ވަނީ އޭނާގެ ވޯލްޑް ޓުއާ "ރެޑިކަލް އޮޕްޓިމިޒަމް"ގެ ދަށުން މުމްބާއީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޝޯއެއް ބާއްވައިފަ އެވެ. ދެ ގަޑިއިރުގެ އެ ޝޯއަށް ގިނަ ބަޔަކު ދިޔަ އެވެ.

އެ ޝޯގައި ދުއާގެ މަޝްހޫރު ލަވަ "ލެވިޓޭޓިން" ޕާފޯމްކުރަމުން، އެ ލަވަޔާ އެކު ޝާހުގެ މަޝްހޫރު ލަވައެއް ކަމަށްވާ "ވޯ ލަޑްކީ ޖޯ"ގެ ކަޑިތަކެއް ވަނީ ޖަހައިފަ އެވެ. އެ ލަވަޔަކީ އިންޑިއާގެ ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗަރަޔާގެ އަޑުން ކިޔާފައިވާ ލަވައެކެވެ.

"ލެވިޓޭޓިން" އާއި "ވޯ ލަޑްކީ ޖޯ"ގެ މެޝްއަޕް ސައުންޑެއް ހަދައި، ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ބޭނުންކުރެ އެވެ. އެ ސައުންޑް ބޭނުންކޮށްގެން ޓިކްޓޮކާއި އިންސްޓަގްރާމް ރީލްސްތައް ވެސް ވަރަށް ގިނައިން ހަދައިފައި ހުރެ އެވެ. އެހެންވެ، އެ އަޑުކޮޅު، ދުއާގެ ޝޯގައި ޖެހުމުން ފޭނުން ވަނީ "މޮޔަކޮށްލައިފަ،" އެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން ދުއާ އާއި ޝާހު ބައްދަލު ވެސް ވި އެވެ. އެއީ، 2019 ވަނަ އަހަރު އިންޑިއާގައި ބޭއްވި ވަންޕްލަސް މިއުޒިކް ފެސްޓިވަލުންނެވެ. އެ ދެ ފަންނާނުން ދިމާވެ، އެކުގައި ފޮޓޯތައް ނަގައި ސޯޝަލް މީޑިއާގައި ހިއްސާކުރި އެވެ.

ދުއާގެ ވޯލްޑް ޓުއާގެ ދަށުން އޭނާ ވަނީ މިދިޔަ މަހު ތައިލެންޑާއި މެލޭޝިއާގައި ވެސް ޝޯތައް ބާއްވައިފަ އެވެ.