Roadha Mihaaru

އަރްޖިތުއާއެކު އެޑް ޝީރަން ކިޔާފައިވާ ލަވަ ނެރެފި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގާ އެކު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އޭނާގެ އާ އަލްބަމަށް ކިޔާފައިވާ ލަވަ އިއްޔެ އާންމުކޮށްފި އެވެ.

އަރްޖިތުއާއެކު އެޑް ޝީރަން ކިޔާފައިވާ ލަވަ ނެރެފި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގާ އެކު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އޭނާގެ އާ އަލްބަމަށް ކިޔާފައިވާ ލަވަ އިއްޔެ އާންމުކޮށްފި އެވެ.

މިއީ އެޑްގެ އާ އަލްބަމް "ޕްލޭ"ގެ ފުރަތަމަ ލަވަ އެވެ. އަންނަ ސެޕްޓެމްބަރު މަހު 12 ގައި ނެރެން ނިންމާފައިވާ ފުލް އަލްބަމްގެ ކުރިން ނެރުނު މި ލަވައަށް ކިޔަނީ "ސެފައާ" އެވެ.

އިނގިރޭސި ބަހުން ގެނެސްދީފައިވާ މި ލަވައިގެ ބައެއް ކަޑިތައް ހިންދީ ބަހުން ވެސް ކިޔަ އެވެ.

"ސެފައާ"ގެ މުޅި ލަވަ ޝޫޓްކޮށްފައި ވަނީ އިންޑިއާގެ އެކި ހިސާބުތަކުގަ އެވެ. އެއީ މިދިޔަ ޖެނުއަރީ މަހު އެޑް އޭނާގެ ޓުއާގެ ދަށުން އިންޑިއާގައި ޝޯތައް ބޭއްވި ދުވަސްވަރެވެ. މި ލަވައިގައި ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން ވެސް އެޑްއާ އެކުގައި ފެނެ އެވެ.

އިނގިރޭސިވިލާތުގެ ކޮމާޝަލް ރޭޑިއޯ "ހާޓް"އަށް އެޑް ކުރިން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، މި ލަވައިގައި އަރްޖިތު ފީޗާކުރަންވެގެން އޭނާ ދިޔައީ އަރްޖިތު ދިރިއުޅޭ ވިލެޖަށެވެ.

"އޭރު އަހަރެން އިންޑިއާގައި ހުރީ އަހަރެންގެ ބައްޕައާ އެކު. އަރްޖިތު ބުނީ އަހަރެން އޭނާގެ ވޯކަލްސް ބޭނުންވަންޏާ، އޭނާ ހުރި ތާކަށް އަންނާށޭ،" އެޑް ބުނެފައިވެ އެވެ.

އެޑްއާ އެކު އަރްޖިތު ލަވައެއް ރެކޯޑްކުރި އިރު، އެ ދެ ފެންނާނުން އެކުގައި މީގެ ކުރިން ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ޕާފޯމްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންޑަނުގައި ބޭއްވި އަރްޖިތުގެ ޝޯއެއްގަ އެވެ. އެ ޝޯގައި އެ ދެ ފަންނާނުން އެކުގައި ކިޔާފައި ވަނީ އެޑްގެ މަޝްހޫރު ލަވައެއް ކަމަށްވާ "ޕާފެކްޓް" އެވެ.

އަރްޖިތަކީ މިހާރު އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑް ވެސް ބޮޑު ފިރިހެން ލަވަކިޔުންތެރިޔާ އެވެ.